ENGLISH

10 މާރިޗު 2026

Advertisement

ހުރާގައި ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިނުމާއި ސްޓެލްކޯއިން ހަވާލުވެއްޖެ

09 މާރިޗު 2026

|

އަޙުމަދު ޙަމީދު

ހުރާގައި ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިނުމާއި ސްޓެލްކޯއިން ހަވާލުވުން --

ކ. ހުރާގައި ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިނުމާއި ސްޓެލްކޯއިން ހަވާލުވެއްޖެ އެވެ.

ސްޓެލްކޯއިން ހުރާއަށް ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިނުމުގެ ޚިދުމަތާއި ހަވާލުވެފައިވަނީ މިއަދު ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ބަދަލާއި ގުޅިގެން، ކ. ހުރާގައި ކުރިން ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދެމުންދިޔަ ފެނަކަ ކޯޕަރޭޝަންގެ 32 މުވައްޒަފުން މިހާރު ވަނީ ސްޓްލެކޯގެ ދަށަށް ބަދަލު ކޮށްފަ އެވެ.

މި ބަދަލާއިއެކު، ހުރާގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ސްޓެލްކޯގެ ޚިދުމަތުގެ މިންގަނޑުތަކާއި އެއްހަމަކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ވަޞީލަތްތައް ތަރައްޤީ ކުރުމަށް ސްޓެލްކޯއިން ދާނީ މަސައްކަތް ކުރަމުން ކަމަށް ބުންޏެވެ.

ސްޓެލްކޯއިން ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތާއި ހަވާލުވުމާއި ގުޅިގެން، ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ކަރަންޓުގެ ޚިދުމަތް ދެމުން ދަނީ ސްޓެލްކޯއިންނެވެ. އަދި ގްރޭޓަރ މާލެ އާއި ކ އަތޮޅުގެ އިތުރުން އއ، އދ އަދި ވ އަތޮޅުގެ ރަށްތަށް ހިމެނޭގޮތަށް ޖުމްލަ 36 ރަށެއްގައި ކަރަންޓުގެ ޚިދުމަތާއި، 25 ރަށެއްގައި ފެނުގެ ޚިދުމަތް އަދި 24 ރަށުގައި ނަރުދަމާގެ ޚިދުމަތް ސްޓެލްކޯއިން ދަނީ ދެމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި، ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރު ވިދާޅުވީ މިހާތަނަށް ހުރާގައި ދެމުންދިޔަ ކަރަންްޓްގެ ޚިދުމަތަށް ވުރެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ އެރަށުގެ ރައްޔިތުންނަށްވެސް ސްޓެލްކޯއިން މި ޚިދުމަތްތަކާ ހަވާލުވުމަށްފަހު އިރާދަކުރެއްވިއްޔާ ސްޓެލްކޯގެ ފެންވަރަށް، އަޅުގަނޑުމެން އެހެން ރަށްރަށުގަވެސް މި ދޭ މިންގަނޑުތަކަށް، ހުރާގެ ޔޫޓިލިޓީ ޚިދުމަތްތައް ގެންދިއުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގަ އެރަށުގަ މުހިއްމު ތަރައްޤީގެ އިތުރު މަސައްކަތްތަކެއް މި ޚިދުމަތްތަކާ ގުޅޭގޮތުން ކުރަން އެބަޖެހޭ. އެކަމާ ގުޅޭ ކަންތައްތައް އަޅުގަނޑުމެން މިހާރުވެސް ޕްލޭން ކުރެވި، އެމަސައްކަތްތައް ރޭވުމުގެ ކަންތައްތައް އެބަ ކުރިއަށްދޭ. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިހާރަށްވުރެވެސް ރަނގަޅަށް އެ މަސައްކަތް ހުރާގެ ރައްޔިތުންނަށް، ހުރާގެ ރައްޔިތުންނާ ގުޅިގެން ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ފައްޓާނަން," އަޒްވަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކ. ހުރާ ދާއިރާގެ މެންބަރު މެންބަރު ޑރ. އަނާރާ ނަޢީމް ވިދާޅުވީ މިއަދަކީ ހުރާ ރައްޔިތުންގެ ވަރަށް ދުވަސްވީ އުންމީދެއް ހަގީގަތަކަށް ވެގެންދިޔަ ދުވަހެއް ކަމަށެވެ.

"ހުރާ ރައްޔިތުންގެ ވަރަށް ގިނަދުވަސްތަކެއްގެ އުއްމީދެއް މިއަދު ޙާޞިލްވެގެން މި ދަނީ. އެއީ ކ. އަތޮޅުގަ އެހެން ހުރިހާ ރަށްރަށެއްވެސް ސްޓެލްކޯއިން ފެނާ ނަރުދަމާގެ ޚިދުމަތް އަދި ކަރަންޓުގެ ޚިދުމަތް މި ދެމުންދަނީ. ހަމައެކަނި ހުރާ އޮތީ ފެނަކައިގެ މެނޭޖަމަންޓްގެ ދަށުގަ. އެހެން އޮވެ މިއަދު ސްޓެލްކޯއަށް ބަދަލުވެގެން ދިއުމަކީ އެއީ ހުރާއަށް ހުރިހާ ގޮތަކުންވެސް ވަރަށް ފަސޭހަވެ، އިތުރު ކުރިއެރުމާ ތަރައްޤީ ލިބިގެންދާނެ ކަމެއް ... މުވައްޒަފުންގެވެސް އިތުރު ކުރިއެރުންތަކެއް މި ބަދަލުގެ ސަބަބުން ލިބިގެންދާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ. މުވައްޒަފުންވެސް އަޅުގަނޑާ ވާހަކަދައްކާ، އެބޭފުޅުންގެ ވެސް ވަރަށް ބޮޑު އެދުމެއް ކ. އަތޮޅުގެ އެހެން ރަށްތަކެކޭ އެއްގޮތަށް ހުރާ ސްޓެލްކޯގެ ދަށަށް ދިއުން. އެހެންވީމަ މިއަދު އަސްލު އަޅުގަނޑުމެން މި ފާހަގަކުރަނީ ވަރަށް ގިނަ ރައްޔިތުންތަކެއްގެ އުއްމީދެއް," އަނާރާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު