ENGLISH
09 މާރިޗު 2026
ރާއްޖެފަދަ ކުދި ގައުމުތަކުގެ ކުރިއެރުމުގައި ކޮމަންވެލްތަކީ މުހިއްމު ބައިވެރިއެއް: ޑރ.ހަލީލު
09 މާރިޗު 2026
|
ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޑރ.އަބްދުﷲ ހަލީލު
އެންމެ މަޤްބޫލު
ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކުރިއެރުމުގައި ކޮމަންވެލްތަކީ މުހިއްމު ބައިވެރިއެއްކަމަށް ރާއްޖޭގެ ހާރިޖީވަޒީރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ޑރ.ހަލީލު މިފަދައިން ވިދާޅުވީ ކޮމަންވެލްތުގެ 77 ވަނަ އަހަރީ ދުވަހުގެ މުނާސަބަަތުގައި ފޮނުއްވި މެސެޖުގައެވެ. މި އަހަރު ކޮމަންވެލްތު ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ، ތަނަވަސް ކޮމަންވެލްތަކަށް އެކީގައި ފުރުސަތުތައް ފަހިކުރުން މި ޝިއާރެވެ. އެ ޝިއާރަކީ ކޮމަންވެލްތުގެ އާއިލާގައި ހިއްސާވަނިވި ގިޔަމުތަކާއި އަމާޒުތައް ވަރަށް ރަނގަަޅަށް ތަމްސީލުވަނިވި ޝިއާރެއްކަން ޑރ.ހަލީލު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ފާއިތުވި ހަތް ދަހަރު ދުނިޔެއަށް އަންނަމުންދިޔަ ބަދަލުތަކުގެ ތެރޭގައި ކޮމަންވެލްތު އޮތީ ހުޅުދާންވެފައި އޮތް އުންމީދުގެ ދަންމަރެއްގެ ގޮތުގައި ކަމަށެވެ. އަދި ކުޑަ ބޮޑުމިނަށް ބެލުމެއް ނެތި ކޮމަންވެލްތުގެ ހުރިހާ ގައުމަކަށް ދެމެހެއްޓެނެވި ފުދުންތެރިކަން ހާސިލުކުރުމުގެ އައު ފުރުސަތުތައް ފަހިކޮށްދީ މެންބަރު ގައުމުތަކުން ހިއްސާކުރާ ގޮންޖެހުންތަކުން އަރައިގަތުމުގައި ކޮމަންވެލްތުގެ ސިންދަފާތުކަމާއި އެއްބައިވަންތަކަމަކީ އެންމެ މުހިއްމު ބާރުގެ ގޮތުގައި ހަލީލު ސިފަކުރެއްވިއެވެ.
ހަލީލު ވިދާޅުވީ ކޮމަންވެލްތަކީ ރާއްޖޭގެ އަޑުއިއްވައި ރާއްޖެއާ އެއްފަދަ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކުގެ ހިއްސާވަނިވި މަސްލަހަތުތައް ކުރިއަށް ނެރުމަށް ލިބުނު ވަރަށް ފަހި މަންސައެއް ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަން އިތުރުކުރުމުގައި ކޮމަންވެލްތަކީ އަގުނުކުރެވޭ ފަދަ މުހިއްމު ބައިވެރިއެއް ކަމުގައި ވިދާޅުވިއެވެ.
ހާއްސަކޮށް މޫސުމީ ބަދަލުތަކާ ގުޅިގެން ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، މޫސުމީ ބަދަލުތަކަށް ހޭނުމުގައި ރާއްޖެއަށް ކޮމަންވެލްތުން ބޮޑެތި އެހީތެރިކަން ލިބުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަގުވާމީ ސިޔާސީ ކަންކަމުގައި ޔަގީންކަން ކުޑަވެފައިވާ ދުވަސްވަރެއްގައި އެއްބާރުލުންދީގެން އެކުގައި މަސައްކަތްކުރުމަކީ އަގުނުކުރެވޭހައި މުހިއްމު ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި މުނާސަބަތުގައި ކާމިޔާބުތައް ފާހަގަކުރަމުންދާއިރު، ކޮމަންވެލްތަކީ ބަދަލުތަކަށް ހޭނި، އިޖާބަދެނެވި މިއަދުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ގާބިލު މަންސައެއް ކަމަށް ހެދުމުގެ އަޒުމް އައުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ކޮމަންވެލްތުގެ ހުރިހާ މެންބަރު ގައުމުތަކަށްޓަކައި ވިލުންތެރި ތަނަވަސް މުސްތަގުބަލެއް ބިނާކުރުމުގެ މަސައްކަތުގައި އެ ޖަމްއިއްޔާގެ ތެރޭގައި ހަރަކާތްތެރި ދައުރެއް އަދާކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށެވެ.