ENGLISH

10 މާރިޗު 2026

Advertisement

މާފަންނު އުތުރަށް އީދެއް، ރައްޔިތުންގެ އަޑުއެއްސެވުމުގައި ރައީސް އެތައް ވަގުތެއް ހޭދަކުރެއްވި

09 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

،ާަފަންނު އުތުރު ދޮރުން ދޮރަށް ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ޕީއެންސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި މާލެ ސިޓީގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލައްވާފައިވާ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން މާފަންނު އުތުރުގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި އެ ސަރަހައްދުގެ ރައްޔިތުންގެ ހާލު ބައްލަވައި ހިޔާލު ހޯއްދެވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ގިނަ ވަގުތުތަކެއް ހޭދަކުރައްވައިފިއެވެ. 

މެންދުރު ނަމާދަށްފަހު އެ ސަރަހައްދަށް ރައީސް ވަޑައިގެންނެވިއިރު، ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނުގެ އިސްތިގުބާލުގައި އެއްވެފައި ތިއްބެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް އެއްވެ ތިބި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުންނާއި އަންހެނުން ތިބިއިރު އެމަނިކުފާނުވަނީ އިސްތިގުބާލުކުރުމަށް އެއްވެ ތިބި އެންމެންނާ ސަލާންކުރައްވައި ހާލު ބައްލަވާފައެވެ. 

އެހެން ދާއިރާތަކޭ އެއްގޮތަށް މިއަދު މާފަންނު އުތުރުގެ ބައެއް ގޭގެއަށް ވަޑައިގެން އެ ގޭގޭގައި އާއިލާތަކާއެކު ރައީސް ވަގުތު ހޭދަކުރެއްވިއެވެ. ގެތަކަށް ކުރައްވާ ޒިޔާރަތުގައި އެ ސަަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބައްލަވައި، ކަންބޮޑުވުންތައް އޮޅުންފިލުއްވައި އެމީހުންނަށް ދަތިވެފައި ހުރި ކަންކަމުގެ ޝަކުވާތައް ރައީސް އަޑުއައްސަވައެވެ. 

އަދި މިއަދުވެސް އެމަނިކުފާނު އެއްގެއިން އަނެއްގެއަށް ވަޑައިގެންނެވި މަގުމަތީ ބައްދަލުވެވަޑައިގަތް މީހުންނާ ވާހަކަަފުޅުދައްކަވައި އެމީހުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑުއައްސަވައި އެއިން ބައެއް މީހުން ހިއްސާކުރި ކަންކަން ނޯޓުކުރައްވައި ހެއްދެވިއެވެ. 

ރައީސަކީ މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު ތާވަލެއްގެ ތެރެއިން ކޮންމެ ހަފުތާއަކު މާލޭގެ ގޭގެއަށް ޒިޔާރަތްކުރެއްވި ބޭފުޅެކެވެ. އަދި މިފަހުން އެމަނިކުފާނުވަނީ މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި އެ ރައްޔިތުންގެ ވިސްނުމާއި ހިޔާލު އޮޅުންފިލުއްވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައެވެ. އަދި ވެރިކަމަށް ދެ އަހަރު ނުވަނީސް ރައީސްވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ހިޔާލު ހޯއްދަވާފައެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންެގެ ތަރައްގީއަށް މަސައްކަަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިންކުރެއްވުމުގެ އެންމެ އިސް ސަފުގައި ރައީސް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އަދި ކުރީގެ އެއްވެސް ރައީސަކު ލޯކަލް ކައުންސިލުތަކުގެ އިންތިހާބަށް ނުދެއްވާ ސަމާލުކަން އެމަނިކުފާނު ގެންދަވަނީ މި އިންތިހާބަށް ދެއްވަަމުންނެވެ. ކޮންގްެރެސް ޕާޓީން ބުނެފައިވަނީ ރައީސް މި އިންތިހާބަށް ދެއްވާ ސަމާލުކަމަކީ ލާމަރުކަޒީ ނިޒާމާމެދު އެމަނިކުފާނު ބަހައްޓަވާ އަހައްމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު