ENGLISH
09 މާރިޗު 2026
އެމްޑީޕީން ދެ ފަހަރުވެސް ދައުލަތް ސާފުކޮށްލި، އާއްމު ދިވެއްސަކަށްވީ ފައިދާއެއް ނެތް: އަލީ އާރިފު
09 މާރިޗު 2026
|
ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
އިދިކޮޅު އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ކުރުމަށް ލިބުނު ދެ ފުރުސަތުގައިވެސް ގައުމު ސާފުކޮށްލައިގެން ދިޔައިރު އާއްމު ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު އަލީ އާރިފު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މާފަންނު އުތުރު ދާއިރާގައި މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން، އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަަތުމެއްގައި އަލީ އާރިފު ވިދާޅުވީ އެމްޑީޕީގެ ވެރިކަންތަކުގައި ފެނުނީ އެ ޕާޓީގެ އިސްސަފުގައި އުޅުއްވާ ބޭފުޅުން ބޮޑެތި ޖަރީމާތައް ހިންގެވި މަންޒަރު ކަމަށެވެ.
"އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ދިވެހި ރައްޔިތަކަށްވީ އެއްވެސް މަންފާއެއް ނޯންނާނެ، އެބޭފުޅުންގެ ތެރޭގައި އިސްކޮށް ތިއްބެވި ބޭފުޅުން ހިންގެވި ޖަރީމާއެއް ފިޔަވައި. އެއިން ކޮންމެ ބޭފުޅަކު ދިޔައީ ދައުލަތް އާއްމު ބަހުރުވައިންނަމަ ސާފުކޮށްލާފަ،" އަލީ އާރިފު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމާއި ރައީސް ޔާމީނުގެ ވެރިކަމުގައި އުފެއްދި ބިންތައް އިދިކޮޅު އެމްޑީޕީގެ ވެރިކަންތަކުގައި ބަހައިލިއިރު ގިނަ ބިންތައް ދީފައިހުރީ އެ ޕާޓީގައި ހަރަކާތްތެރިވާ ޕާޓީގެ އިސްވެރިންނާ ގާތް ގުޅުން އޮތް މީހުންނަަށް ކަމަަށެވެ. އެގޮތުން އެއް އާއިލާއަކަށް ޖެހިޖެހިގެން ފަސް ހަ ގޯތި ހުޅުމާލެއިން ދޫކުރިއިރު ނިކަމެތިންނަށް ގޯތި ދިނީ މާލެ ކައިރީގައި ނުހިއްކައި ހުރި ފަޅުތަކާއި ފަރުތަކުންކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
އަދި ކައުންސިލުތައް އެމްޑީޕީއަށް ދޭންވީ ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށް ބުނެ އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން އަލީ އާރިފު ވިދާޅުވީ މި ސަރުކާރު ޖަވާބުދާރީކުރުވުމުގެ ފުރުސަތަު ސީދާ ރައްޔިތުންނަށް ރައީސް ދެއްވަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގައި އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭ އެންމެ ރައްޔިތަކުވެސް ނުހުންނާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރު ޖަވާބުދާރީކުރުވުމަށް ކައުންސިލުތަކުގެ ތެރެއިން ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އަދި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއެކު ރައީސް ރައްޔިތުންގެ އަރިހަށް ވަޑައިގެން ސަރުކާރު ހިންގަވަމުންދާ ގޮތާމެދު ރައްޔިތުންގެ ހިޔާލު އަމިއްލަފުޅަށް ހޯއްދަވައި، ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ސީދާ ރައްޔިތުންނަށް ދެއްވަމުންދާ ކަމަށެވެ.
"ތަކުރާރުކޮށް މިދަންނަވަނީ ރައީސް މުއިއްޒު އެހެން މީހަކު ޖަވާބުދާރީ ކުރުވާކަށް ޖެހިވަޑައިނުގަންނަވާނެ. މިހާރުވެސް އެ އުޅުއްވަނީ އަމިއްލަފުލަށް ރައްޔިތުންގެ ގާތަށް ނުކުމެވަޑައިގެން. ހަމައެގޮތަށް ދިވެހި ކޮންމެ ރައްޔިތެއް ގާތަށް މުޅި ސަރުކާރު ގޮވައިގެން އެ ވަޑައިގަންނަވަނީ،" އަލީ އާރިފު ވިދާޅުވިއެވެ.
އެމްޑީޕީއަށް ކައުންސިލުތަކާއި ވެރިކަން ދޭންވީ ކީއްވެތޯ ސުވާލުކުރައްވަމުން ފަލާހު ވިދާޅުވީ އެމްޑީޕީގެ ވެރިކަންތަކުގައި ގައުމަށް ދީފައި އޮތީ އެތައް ގެއްލުމެއް ކަމަށެވެ. މިހާރުވެސް މިސަރުކާރު އުޅެންޖެހިފައި އޮތީ ކުރީގައި އެމްޑީޕީން ގައުމަށް ދިން ގެއްލުންތަކުން އަރައިނުގަނެވިގެން ކަމަށެވެ. އެމްޑީޕީން ގައުމަށް ދިން ގެއްލުމުގެ އެއް މިސާލުގެ ގޮތުގައި އަލީ އާރިފު ފާހަގަކުރެއްވީ ޕީޕީއެމް ވެރިކަމުގައި ގެންނަން މަސައްކަތްކުރި ފ.އަތޮޅުގެ މަޝްރޫއު ހުއްޓުވި ގޮތެވެ.