ENGLISH

09 މާރިޗު 2026

Advertisement

މިހާރު ރައްޔިތުން އެމްޑީޕީން ދައްކާ ވާހަކަތައް ގަބޫލެއް ނުކުރޭ، އިތުބާރު ގެއްލިއްޖެ: އައިފާން

09 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ހެންވޭރު އުތުރު ދާއިރާގެ މެންބަރ އަހްމަދު އައިފާން

އިދިކޮޅު އެމްޑީޕީއަކީ މިހާރު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ޕާޓީއެއްކަމަށާއި އެ ޕާޓީން ދައްކާ ވާހަކަތައް ރައްޔިތުން މިހާރު ގަބޫލުނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވިދާޅުވެއްޖެއެވެ. 

މާފަންނު އުތުރު ދާއިރާގައި މިއަދު ކުރިއަށްދިޔަ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްްދީގަތުމެއްގައި އައިފާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ބަދަލުވެ، މިއަދު ރައްޔިތުން ގަބޫލުކުރަނީ އެމްޑީޕީއަކީ އޮޅުވާލައިގެން ވެރިކަމަށް އައި ޕާޓީއެއް ކަމަށެވެ. އަދި ރައްޔިތުން މިއަދު އެ ޕާޓީން ދައްކާ ވާހަކަތައް އަޑުއަހާކަށް އަދި ގަބޫލުކުރާކަށް ބޭނުންނުވާ ކަމަށެވެ. 

"ހަގީގަތަކީ އެމްޑީޕީން ވެރިކަމަށް އަންނަން ވަރަށް މޮޅެތި ވާހަކަތައް، ވަރަށް މޮޅެތި ސިޔާސަތުތައް ވިއްކާނެ. އެކަމަކު އެ ބޭފުޅުންނަށް ބާރު ލިބުނީމަ އެއިން އެއްވެސް ކަމެއް ކުރާ ތަނެއް ނުފެނޭ. އެހެންމަ ރައްޔިތުން އެމްޑީޕީއަށް ކުރާ އިތުބާރުވަނީ ވަރަށް ބޮޑަށް ގެއްލިފައި،" އައިފާން ވިދާޅުވިއެވެ. 

އައިފާނު އިތުރަށް ފާހަގަަކުރެއްވީ މާލޭ ރައްޔިތުންނަަށް މާލޭ ސަރަހައްދުގައި ހުރި ފަޅުތަކާއި ފަރުތަކުން ދޫކުރި ގޯތިތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތެއްގަައި ރައްޔިތުންނަށް ނުދޭނޭ ބުނެ، އެމަނިކުފާނާމެދު ރައްޔިތުންގެ ހިތްތައް ކިލަނބުކޮށް އެމަނިކުފާނުގެ ތަސައްވުރު ހުތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެފަޅުތަކާއި ފަރުތައް ހިއްކަވައި ގޯތި ދެއްވުމުގެ މަސައްކަތް ރައީސް ކުރައްވަމުންދާ މަންޒަރު މާލޭ ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ. 

"މިއަދު ރައްޔިތުންނަށް އެބަ އެނގޭ ރައްޔިތުންނަށް ވައުދެއް ވެއްޖެނަމަ އެ ވައުދު ފުއްދާނެ ހަމައެކަނި ޕާޓީއަކީ ޕީއެންސީކަން އަދި ވައުދު ފުއްދަވާނެ ލީޑަރަކީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުކަން،" އައިފާން އިތުރަށް ވިދާޅުވިއެވެ. 

އައިފާން ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުންނަކީ ރައްޔިތުންނަށް ދޮގު ހައްދަވާ މަކަރާއި އޮޅުވައިލުމުގެ ތެރެއިން މަސައްކަތްކުރައްވާ ބޭފުޅުންތަކެއްކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ ރައްޔިތުންނާ ގާތުން ވެރިކަންކުރައްވާ، ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވާ ބޭފުޅަކަށްވާތީ އެމަނިކުފާނު ޖަވާބުދާރީކުރުވަން މެދުވެރިއެއް މިއަދު ބޭނުންނުވާ ކަމަށެވެ. 

އަދި އައިފާން ވިދާޅުވީ މާލެ ސިޓީ ކައުންސިލަކީ ރައްޔިތުންނަށް ވަރަށް މުހިއްމު ހިދުމަތްތަކެއް ފޯރުކޮށްދޭ ތަނަކަށްވާއިރު، މިހާރުގެ މޭޔަރު އިންތިހާބުވެވަޑައިގަތް ފަހުން މުޅި މުއައްސަަސާ ފެއިލުވެ، ހިދުމަތް ދިނުން ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ. މިހާރުގެ ރައީސް މޭޔަރުކަމުގައި ހުންނެވިއިރު އުފަންދުވަހުގެ ސެޓިފިކެޓު ދެ ދުވަހުން ހަދައިދެވޭއިރު މިހާރު މަސްދުވަސް ދޮޅުމަސް އެ ހިދުމަތް ދިނުމަށް ނަގާ ކަމަށެވެ. 

ސިޓީ ކައުންސިލުގައި ކުރެވުނު ހުރިހާ މަސައްކަތަކީ ރައީސް ޑރ.މުޢިއްޒުގެ މޭޔަރުކަމުގައި ކުރެވުނު މަސައްކަތްތައްކަން ފާހަގަކުރައްވަމުން އައިފާން ވިދާޅުވީ މިހާރުގެ މޭޔަރު އިންތިހާބުވެވަޑައިގެންނެވި ފަހުން އައު ކަމެއް ނުފެށި، ހިދުމަތްތައް މާބޮޑަށް ހީނަރުވެފައިވާ ކަމަށެވެ. އަދި މިހާރުގެ މޭޔަރު ހުންނެވީ ފެއިލުވެފައި ކަމަށްވެސް އައިފާން ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު