ENGLISH

09 މާރިޗު 2026

Advertisement

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅުވާ ސަބަބު ބުނެނުދެވެނީ އެއީ ރަނގަޅު ގޮތްކަން އެނގޭތީ: ޝުޖާ

09 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ އިދިކޮޅު އެމްޑީޕީން ދެކޮޅު ހަދާ ސަބަބުތައް ތަފުސީލުކޮށް ކިޔައިނުދެވެނީ އެ ބަދަލަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތްކަން އެ ޕާޓީންވެސް ގަބޫލުކުރާތީކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. 

ކޮންގްރެސް ޕާޓީން މާފަންނު އުތުރު ދާއިރާގައި މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން އެ ސަރަހައްދުގައި ހުންނަވަައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޝުޖާ ވިދާޅުވީ ކޮންގްރެސް ޕާޓީއަށް ގަބޫލުކުރެވެނީ ރައްޔިތުންގެ ކަންކަން ނިންމުމުގައި ގިނަ ރައްޔިތުން ޝާމިލުވުން އޮންނާނީ ރިޔާސީ އިންތިހާބާއި އާއްމު އިންތިހާބު އެއް ދުވަހެއްގައި ބޭއްވިގެން ކަމަށް ކަމުގައެވެ. 

އިތުރަށް އޭނާ ވިދާޅުވީ އެމްޑީޕީގެ ކުރީގެ ވެރިކަމުގައި އެ ޕާޓީގެ ސިޔާސަތު އެކުލަވައިލުމުގެ މަރުހަލާގައި ކުރެވުނު މަޝްވަރާތަކަށްފަހު އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުށަހެޅުއްވީ ރިޔާސީ އިންތިހާބައި މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލު އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކަމަަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ދައުރެއްގައި އެންމެ ދުވަހަކު ތިން އިންތިހާބު ބާއްވައި ރައްޔިތުން އިންތިހާބުތަކާ ދުރަށް ގެންދިއުމަކީ އެމްޑީޕީގެ ވިސްނުމާއި ފަލްސަފާއެވެ. 

"ހަގީގަތުގައި މިއީ އެބޭފުޅުންވެސް ގަބޫލުކުރައްވާ ގޮތް. އަދި މިއީ އެންމެ މޮޅުއިތުރު ގޮތްކަމުގައި ގަބޫލުކުރައްވާތީ ޖަސްޓިފިކޭޝަނަކަށް ނުދެވިގެން އެ އުޅުއްވަނީ. ހިތުގައި ނެތް އެއްޗެއް ބޭރުވާން ވަރަށް އުދަގޫވާނެ ދެއްތޯ. އެ ބޭފުޅުންނަށް ޑީޓެއިލްއަކަށް ނުދެވިގެން އުޅެނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުކުރައްވާތީ،" ޝުޖާއު ވިދާޅުވިއެވެ. 

ޝުޖާއު ވިދާޅުވީ މިގޮތަށް އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތަކުގައިވެސް އެކަން އޮންނަ ގޮތް ކަމަށެވެ. އަދި މިއީ ރާއްޖޭގައިވެސް މުޅިން އަލަށް ކުރެވޭ ކަމެއް ނޫންކަމަށާއި، އެގޮތުން ލޯކަލް ކައުންސިލުތައް އިންތިހާބުކުރުމުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު މިހާރުވެސް މި ބާއްވަނީ އެއް ދުވަހެއް ކަމަށް ޝުޖާ ވިދާޅުވިއެވެ. 

އަދި ޝުޖާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ނިސްބަތާ އަޅާބަލާއިރު މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމަކީ ތަފާސްހިސާބުން ފެންނަން އޮތް ހަގީގަތަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ވީހާވެސް ބޮޑަކަށް ރައްޔިތުންގެ ބައިވެރިވުމާއެކު ކަންކަން ނިންމޭނެ ގޮތަށް އިންތިޒާމުތައް ފަހިކުރެއްވުން ކަމަށެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން މަޖިލީހުގެ މެންބަރުން ހޮވުމުގައި ބައިވެރިވާ ރައްޔިތުންގެ އަދަދު އިތުރުވެ، އެމަންބަރުންގެ ލެޖިޓިމަސީ ހަރުދަނާވާނެ ކަމުގައި ޝުޖާ ވިދާޅުވިއެވެ. 

ޝުޖާ ވިދާޅުވީ މިހާރު ކަންކަން ހިނގާ ގޮތަށް ބަލާއިރު ރައްޔިތުން ނިންމަމުން އަންނަނީ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ދެމުން އަންނަ ކަމަށެވެ. އެހެންކަމުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ނިކުންނަ ނަތީޖާއަކީ ކުރިއްސުރެ ރައްޔިތުން ވޯޓުދެމުންދާ ގޮތް ކަމަށެވެ. 

ޝުޖާ އިތުރަށް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގަައި ބޭއްވުމުގެ ވޯޓާ ގުޅިގެން އިދިކޮޅު އެމްޑީޕީން ކުރަމުން އައި މަސައްކަތްތަކުގައި އެ ޕާޓީގެ ވިސްނުން ރައްޔިތުންނަށް ބުނެދިނުމުގައި އެ ޕާޓީ ބޮޑުތަނުން ފެއިލުވެފައިވާ ކަމަށެވެ. އަދި އެ ޕާޓީން ދައްކަމުންދާ ވާހަކަތައް ރައްޔިތުން ބަލައިގަންނާނެ ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް ޝުޖާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު