ENGLISH
09 މާރިޗު 2026
ދިވެހި ރައްޔިތުންގެ ތާއީދާއެކު ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފާސްކުރާނެ: ފަލާހު
09 މާރިޗު 2026
|
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެންމެ މަޤްބޫލު
ދިވެހި ރައްޔިތުންގެ ތާއީދާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނިމިގެންދާނެކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަަވާ މަޖިލިސް މެންބަރުން ދެއްކެވި ވާހަކފުޅުތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތިން އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވައި ވާހަކަަފުޅުދެއްކެވި ނަމަވެސް އެމަނިކުފާނު އިސްވެ ހުންނަވައިގެން އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގެން އެފަދަ އިސްލާހެއް ފާސްކުރެއްވޭނެ ކަމުގައި ފެނިވަޑައިނުގަތުމުން އެކަން ފަހުން ދޫކޮށްލެއްވީ ކަމަށެވެ.
އިތުރަށް ފަލާހު ވިދާޅުވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަަޖިލިސް މެންބަރުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅުހައްދަވަނީ އެ އިސްލާހު ގެނައުމުން 20 ވަނަ މަޖިލީހުގެ ދައުރުން ހަ މަސްދުވަސް އުނިވެ އެ ބޭފުޅުންނަށް އެ މުއްދަތުގެ މުސާރަ ގެއްލިގެންދާނެތީ ކަމަށެވެ. ހަ މަސްދުވަހުގެ މުސާރަ ގެއްލުމަކީ ބޮޑު މައްސަލައެއް ކަމަށް ނުހެއްދެވުމަށްވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރުންނަށް ފަލާހު އިލްތިމާސްކުރެއްވިއެވެ.
"ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ކޮންމެހެން މި ގައުމަށް ފައިސާ ސަލާމަތްކުރަން އެކަނި ކުރާ ކަމެއް ނޫން. މި ގައުމަކީ ވަރަށް ބޮޑަށް ހަމަޖެހުން ބޭނުންވާ ގައުމެއް. އެމްޑީޕީ އަބަދުވެސް މިގައުމު ހަލަބޮލިކޮށްލާފައި ބާއްވަން. އެމްޑީޕީއަށް ކަމަކުނުދާނެ މިގައުމަށް ހަމަޖެހުމެއް ފާގަތިކަމެއް ކުރިއެރުމެއް ލިބޭކަށް،" ފަލާހު ވިދާޅުވިއެވެ.
މަޖިލީހުގައި އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭކަމަށް އިދިކޮޅު މެންބަރުން ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ 20 ވަނަ މަޖިލީހުގައި ފާއިތުވި ދެ އަހަރާއި މަސްތަކެއްގައި ކުރެވުނު މަސައްކަތް 19 ވަނަ މަޖިލީހުގެ އެ މުއްދަތުގައި ކުރެވިފައިވާ މަސައްކަތްތަކަށްވުރެ ދެގުނަ އިތުރުވާނެ ކަމަށެވެ. އަދި މަޖިލީހުގެ ޗުއްޓީތަކުގެ ދެބައިކުޅަ އެއްބައިގެ ތެރޭގައި 20 ވަނަ މަޖިލީހުގައި މަސައްކަތްކުރިކަން ފަލާހު ފާހަގަކުރެއްވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީ މެންބަރުންނަށް ތެދު ބަހުން ވާހަކަދައްކަންޏާ އުނދަގޫވާނެ ކަމަށެވެ. އަދި ގުރުއާން ޖަހައިފިނަމަ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ނުވެސް ތިއްބަވާނެ ކަމަށާއި، ތަޅުން ދޫކުރައްވައި ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު ދެ މިލިއަން ޑޮލަރަށް ތިރިކޮށް، ރިޒާވް ދަށްކޮށްފައިވަނިކޮށް އެއް ބިލިއަން ޑޮލަރަށް މި ސަރުކާރުން އިތުރުކޮށްފައިވަނިކޮށް، ޒަމާނެއްގެ ކޮޅުންވެސް އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަަ އެ ފައިސާކޮޅު އެ ވެރިކަމެއްގައި ހުސްކޮށްފައިވާނެ ކަމުގައި ފަލާހު ވިދާޅުވިއެވެ.