ENGLISH
09 މާރިޗު 2026
އެމްޑީޕީން ކައުންސިލު އިންތިހާބު ކާމިޔާބުކުރަން ބޭނުންވަނީ ސަރުކާރަށް ޖެއްސުން ކުރަން: ޝަކީލް
09 މާރިޗު 2026
|
ޙައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް: އޭނާ ވިދާޅުވީ އެމްޑީޕީން ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ބޭނުންވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި ސަރުކާރަށް ޖެއްސުން ކުރުމަށް ކަމަށް--ފޮޓޯ/ ޙައްޖު ކޯޕަރޭޝަން
އެންމެ މަޤްބޫލު
އެމްޑީޕީން ކައުންސިލު އިންތިހާބު ކާމިޔާބުކުރަން ބޭނުންވަނީ، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި ސަރުކާރަށް ޖެއްސުން ކުރަންކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިފަދައިން ވިދާޅުވީ އެމްޑީޕީން، ރައްޔިތުންގެ މަޖިލިހަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ގާނޫނުއަސާސީގައި ހިމަނައި އެގޮތަށް ފާސްކުރީ އޭރުގެ ރައީސް އަލްއުސްތާޛު މަައުމޫން އަބްދުލްގައްޔޫމަށް ދަތިކުރަން ކަމަށް، ކުރީގެ ރައީސް އިބްރާހިމް ސޯލިޙް ވިދާޅުވުމާއި ގުޅިގެން، ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝަކީލް ވިދާޅުވީ ވޭތުވެދިޔަ ތަނުގައި އެމްޑީޕީ ފެނިފައިވަނީ އެއިރެއްގައި އޮންނަވެރިކަމަކަށް ޖެއްސުން ކުރުމުގެ ވިސްނުން ގެންގުޅޭ ބައެއްގެ ގޮތުގައިކަމަށެވެ. އެގޮތުން ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކުރީވެސް އެނިޒާމަކީ ގެެއްލުން ގިނަ ނިޒާމެއްކަން އެނގި ތިބެ ރައީސް މައުމޫނަށް ޒާތީވެގެންކަމަށް އެ ޕާޓީން އިއުތިރާފްވެފައިވާކަމަށް ޝަކީލު ވިދާޅުވިއެވެ.
"އެމްޑީޕީގެ ސަރުކާރެއް ނެތް ހާލަތްތަކުގައި މިހާތަނަށް ދައުލަތުގެ ބަޖެޓަށް އެމްޑީޕީން ވޯޓު ދީފައެއްނުވޭ. އެމްޑީޕީން ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ބޭނުންވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި ސަރުކާރަށް ޖެއްސުންކުރަންކަމަށް އެމްޑީޕީގެ ލީޑަރޝިޕުންވަނީ ބުނެފައި." - ހަައްޖު ކޯޕަަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް
ޝަކީލް އިތުރަށް ވިދާޅުވީ މިއަދު ސަރުކާރުން ރައްޔިތުންގެ މަސްލަހަތާއި ގައުމުގެ މަސްލަހަތަށްޓަކައި ރިޔާސީ އިންތިހާބާއި މަޖްލިސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް އެދުމުން އެކަމަށްވެސް އެމްޑީޕީން ދެކޮޅުހަދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާމެދު ޒާތީވެގެންކަން އެބަ އެނގޭކަމަށެވެ.
އެހެންކަމުން ގައުމުގެ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ހިދުމަތްކުރާނެ ކައުންސިލްތަކެއް ބޭނުންވާ މި ދަނޑިވަޅުގައި ރައްޔިތުން އިސްކުރާނީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހިދުމަތްކުރާނެ ޕީއެންސީގެ ކެންޑީޑޭޓުންކަމަށް ޝަކީލު ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓާއެކު އޭޕްރީލު 4، 2026 ވަނަ ދުވަހު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ފާސްކޮށް 20 ވަނަ މަޖިލީހުގެ ކުރު ކުރުމަށް ރައްޔިތުންނަށް ފެނޭތޯ ބެލުމަށް ވޯޓު ނެގުމަށް ހަމަޖެހިފައިވެއެވެ.
މި ވޯޓުގައި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ތާއީދުކުރަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެންނަކަމަށް ވޯޓު ލުމަށެވެ. އަދި އެ ޕާޓީން އަންނަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭނެ ފައިދާއާއި އަންނާނެ ހެޔޮ ބަދަލުތަކާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.