ENGLISH
09 މާރިޗު 2026
މާލޭގައި ފަހު ދިހައެއްގައި ޖަމާއަތުގައި ދަމުނަމާދުކުރާ މިސްކިތްތަކުގެ ލިސްޓު އާއްމުކޮށްފި
09 މާރިޗު 2026
|
އެންމެ މަޤްބޫލު
މި ރަމަޟާން މަހު މާލޭގެ މިސްކިތްތަކުގެ ތެރެއިން ދަމުނަމާދު ކުރުމުގެ އިތުރަށް އިއުތިކާފުގައި ތިބުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ މިސްކިތްތަކުގެ ލިސްޓު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު އާއްމުކޮށްފިއެވެ.
މިއަދު ވުޒާރާއިން އާއްމުކުރި ލިސްޓުގައިވާ ގޮތުން މާލޭ ސަރަހައްދުގައި 35 މިސްކިތެއްގައި ތަހައްޖުދު ނަމާދު ނުވަތަ ދަމުނަމާދު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ މާލޭގެ 21 މިސްކިތަކާއި ވިލިމާލޭގެ ތިން މިސްކިތެއްގެ އިތުރަށް ހުޅުމާލޭ ފުރަތަމަ ފިޔަަވަހީގެ ހަ މިސްކިތަކާއި ދެވަނަ ފިޔަވަހީގެ ފަސް މިސްކިތެކެވެ.
މާލޭގައި ދަމުނަމާދުކުރމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތާއި، ފުރުގާން މިސްކިތާއި ވިޔަފާރިވެރިންގެ މިސްކިތާއި ނޫރު މިސްކިތް އަދި ޝަހީދު އަލީ މިސްކިތް ހިމެނެއެވެ.
އެ މިސްކިތްތަކުގެ އިތުރަށް ޠައިބާ މިސްކިތް، ދުނބުރި މިސްކިތް، ފަނޑިޔާރު މިސްކިތް، ބަންޑާރަ މިސްކިތް، ޞަލާޙުއްދީން މިސްކިތް، ޖަލާލުއްދީން މިސްކިތް، އިބްރާހީމް މިސްކިތް، އިސްކަންދަރު މިސްކިތް، ބޮޑުގެ ވަގުތީ މިސްކިތް، ރަންމިސްކިތް، ފައިފުހޭ މިސްކިތް، މާވެޔޮ މިސްކިތް، ޢަފީފުއްދީން މިސްކިތް، އާމިސްކިތް އަދި ޛިކްރާ މިސްކިތުގައިވެސް ދަމުނަމާދު ކުރާނެއެވެ.
ހުޅުމާލޭގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރޭގައި ވައްގުއްބު މިސްކިތް، މަސްޖިދު ރަޝީދު، ޢަޒީޒާ މޫސާ މިސްކިތް، މަސްޖިދުލްއަޞްދިޤާ، މަސްޖިދުލްވާލިދައިނި އަދި މަސްޖިދު މުޙައްމަދަކީ ފުރަތަމަ ފިޔަވަހީގެ މިސްކިތްތަކުގެ ތެރެއިން ދަމުނަމާދުކުރާނެ މިސްކިތްތަކެވެ.
އަދި ދެވަނަ ފިޔަވަހީގެ މިސްކިތްތަކުގެ ތެރެއިން މަސްޖިދު ޙަސަން ޢާދަމް، މަސްޖިދު އީމާން، މަސްޖިދު އަމީލް ޖަލީލް، މަސްޖިދު އަބީބަކުރިނިއްޞިއްދީޤް އަދި މަސްޖިދު ޢުޘްމާނު ބިން ޢައްފާނުގައި ދަމުނަމާދުކުރުމަށް ހަމަޖެހިފައިވެއެވެ.
ވިލިމާލޭގައި ދަމުނަމާދުކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުލްބިއްރި، މަސްޖިދުއްސަލާމް އަދި މަސްޖިދުލްއިޚްލާސްގައެވެ.
ކޮންމެ އަހަރަކުވެސް ފަހު ދިހައިގައި މާލޭ ސަރަހައްދުގައި ތަހައްޖުދު ނަމާދު ޖަމާއަތުގައި ކުރާ މިސްކިތްތަކުގެ ލިސްޓު އިސްލާމީ ވުޒާރާއިން އާއްމުކުރެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރޯދަމަހުގެ ފަހު ދިހައިގައި އަޅުކަމުގައި ޝާމިލުވެގެން އުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފަހު ދިހައިގެ ދުވަސްތައް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވެއެވެ.