ENGLISH

10 މާރިޗު 2026

Advertisement

ހުރާގެ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް، ފެންވަރު ރަނގަޅު ހިދުމަތެއް ދޭނެކަމުގެ ޔަގީންކަން ދީފި

09 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ހުރާގެ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ސްޓެލްކޯ

ކ.ހުރާގެ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމާ ސްޓެލްކޯއިން ހަވާލުވެ، ކުރިއަަށް އޮތް ތަނުގައި އެ ރަށުގައި ރަނގަޅު ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފިއެވެ. 

މިހާތަނަށް ހުރާގައި ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދެމުންއައީ އަތޮޅު ތެރޭގައި އެ ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުނި ކަމުގައިވާ ފެނަކަ ކޯޕަރޭޝަނުންނެވެ. މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ސްޓެލްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކައިގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ނަޖާހު އަދި ސްޓެލްކޯގެ ފަރާތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ.އަލީ އަޒްވަރެވެ. އެ ރަސްމިއްޔާތުގައި ހުރާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ.އަނާރާ ނައީމް ބައިވެރިވެވަޑައިގަތެވެ. 

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސްޓެލްކޯގެ ޑީއެމްޑީ ޑރ.އަޒްވަރު ވިދާޅުވީ މާލެ އަތޮޅާއި، އއ އަދި އދއާއި ވ.އަތޮޅު ހިމެނޭ ޒޯނުގެ ރަށްތަކުގައި ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދެމުންދަނީ ސްޓެލްކޯއިން ކަމަށެވެ. ނަމަވެސް ހުރާގައި އެ ހިދުމަތްތައް ފޯރުކޮށްދެމުންއައީ ފެނަކައިންކަމަށާއި، މިއަދު ގާއިމުކުރެވުނު އެއްބަސްވުމާއެކު އެ ޒޯނުގައި ސްޓެލްކޯގެ ހިދުމަތް ނުލިބޭ ހަމައެކަނި ރަށަށްވެސް އެ ކުންފުނިން ހިދުމަތް ދޭން ފެށިގެންދާނެ ކަމަށެވެ. 

"އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ އެ ރަށުގެ ރައްޔިތުންނަށްވެސް މި ހިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވުމަށްފަހު ސްޓެލްކޯގެ ފެންވަރަށް އަޅުގަނޑުމެން އެހެން ރަށްރަށުގައި ހިދުމަތް ދޭ މިންގަނޑުތަކަށް ހުރާގެ ޔުޓިލިޓީގެ ހިދުމަތްތައް ގެންދިއުމުގެ މަސައްކަތްކުރާނަން. އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި އެ ރަށުގައި މި ހިދުމަތްތަކާ ގުޅޭ ގޮތުން ތަރައްގީގެ މުހިއްމު މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އެކަމާ ގުޅޭ ކަންކަން ރޭވި ޕްލޭންކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދޭ،" ޑރ.އަޒުވަރު ވިދާޅުވިއެވެ. 

އަޒްވަރު ވިދާޅުވީ ފެނަކައާއި ކައުންސިލުގެ ބައިވެރިވުމާއެކު ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، މާދަމާއިން ފެށިގެން ހުރާގެ ގޭބީސީތަކުގެ ރީޑިން ނެގުމަށްފަހު ދެން ފޮނުވާ ބިލަކީ ސްޓެލްކޯއިން ފޮނުވާ ބިލަކަށްވާނެ ކަމަށެވެ. 

ފެނަކައިގެ އެމްޑީޕީ ނަޖާހު ވިދާޅުވި ގޮތުގައި ހުރާގެ ޔުޓިލިޓީސް ހިދުމަތްތައް ބަދަލުކުރެއްވުމަށްް ރައީސް ނިންމެވީ ކ.އަތޮޅުގެ ހުރިހާ ރަށެއްގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯއިން ދޭ ހިދުމަތްތަކެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ކަމަށެވެ. އަދި ސްޓެލްކޯއަކީ އޭ ކެޓެގަރީގެ ކުންފުންޏެއް ކަމުގައިވާތީ އެ ކުންފުނިން ލިބޭ ހިދުމަތްތަކަކީވެސް އެ ފެންވަރުގެ ހިދުމަތަކަށްވާނެ ކަމުގައި ޔަގީންކުރައްވާ ކަމަށް ނަޖާހު ވިދާޅުވިއެވެ. 

ހުރާ ދާއިރާގެ މެންބަރު އަނާރާ ވިދާޅުވީ ކ.އަތޮޅުގެ އެހެން ރަށްރަށެކޭ އެއްގޮތަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށުން ލިބުމަކީ ހުރާ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި، އެ ހިދުމަތްތައް އިތުރަށް ތަރައްގީވެގެންދާނެ ކަމެއް ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުވުމަކީ އެ ރަށުގެ ރައްޔިތުންގެ ޒަމާންވީ އުންމީދެކެވެ. 

ކިޔުންތެރިންގެ ހިޔާލު