ENGLISH
10 މާރިޗު 2026
މުޖުތަމައުގެ ތަރައްގީއާ ގުޅޭ ނިންމުންތަކުގައި އަންހެނުންގެ ހިޔާލު ހިމެނޭކަން ކަށަވަރުކުރަންޖެހޭ: އަލައިކާ
09 މާރިޗު 2026
|
މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
މުޅި ދިވެހި މުޖުތަމައުގެ ތަރައްގީއާއި ކުރިއެރުމާ ގުޅުންހުރި ކަންކަން ނިންމުމުގައި އަންހެނުންގެ ހިޔާލާއި ކަންބޮޑުވުން ހިމެނެންޖެހޭނެ ކަމުގައި މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީން ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން ވިދާޅުވެއްޖެއެވެ.
މިފަދައިން އަލައިކާ ވިދާޅުވީ މި އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރޭ ނެރުއްވި ބަޔާނެއްގައެވެ. އެ ބަޔާނުގައި އޭނާ ފާހަގަކުރެއްވީ އަންހެނުންގެ ދުވަހަށް މި އަހަރު އދ.އިން ކަނޑައެޅި ޝިއާރަކީ "ޙައްޤުތައް، އިންސާފު، ޢަމަލު – ހުރިހާ އަންހެނުން އަދި އަންހެން ކުދިންނަށް." ކަމާއި، މި ޝިއާރުގެ ބޭނުމަކީ އަންހެނުންނަށް ލިބިދޭ ހައްގތަކުގެ ވާހަކަ ހަމައެކަނި ލިޔެފައި އޮންނަ ފޮޅުވަތެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި އަމަލީ ގޮތުން އަންހެނުންނަށް އިންސާފު ހޯދައިދިނުމަށް ފިޔަވަޅުއެޅުމުގެ މުހިއްމުކަން ފާހަގަކުރުން ކަމެވެ.
އަންހެނުންގެ ދުވަހަކީ އަންހެނުންގެ ކަރާމާތް ރައްކާތެެރިކޮށް، ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އައު އަޒުމެއް ކަނޑައަޅަންވީ ދުވަހެއްކަން ފާހަގަކުރައްވަމުން އަލައިކާ ވިދާޅުވީ އަންހެނުންނަކީ އާއިލާތަކުގެ މައިބަދަކަމަށާއި، އަންހެނުން ބާރުވެރިވުމަކީ އެކަމުގެ ފައިދާ މުޅި މުޖުތަމައުގެ މުސްތަގުބަލަށް ކުރާނެ ކަމެއް ކަމަށެވެ.
އިތުރަށް އަލައިކާ ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މުޅި މުޖުތަމައުގެ ކުރިއެރުމާއި ތަރައްގީއާއި ގުޅޭ ނިންމުންތަކުގައި އަންހެނުންގެ ހިޔާލާއި ކަންބޮޑުވުންތައް ހިމެނުން ކަށަވަރުކޮށް، އަންހެނުންނަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދީ، މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވެދޭންޖެހޭ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ އަކަނިވެރި މައިންނާއި ދަތި ހާލުގައި އުޅޭ އާއިލާތަކަށް ބޭނުްވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރިހާ މުއައްސަސާތަކެއް އެއްބާރުލައިގެން އެކީގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަންހެނުންގެ ދުޅަހެޔޮކަމާއި، ރައްކާތެރިކަމާއި ޒަރޫރީ ހިދުމަތްތައް ފަސޭހައިން ހޯދޭނެ ގޮތްތައް ކަށަވަރުކޮށްދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އަދި މިހާރު ގާނޫނަށް ގެނެވިފައިވާ އިސްލާހުތަކުގެ ސަބަބުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ލިބޭ އިހުތިޔާރުތައް އިތުރުވެފައިވާކަން ފާހަގަކުރައްވަމުން އަލައިކާ ވިދާޅުވީ ބްލޮކް ގްރާންޓުގެ ގޮތުގައި ޑަބްލިއުޑީސީތަކަށް ލިބޭ ފައިސާ ކައުންސިލުތަކުގެ ގްރާންޓުގެ 10 އިންސައްތައަށް އިތުރުވުމަކީ އަންހެނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތަށް ލިބޭ އިތުރު ބާރެއް ކަމަށެވެ.