ENGLISH

10 މާރިޗު 2026

Advertisement

ތިރީސް އަހަރުތެރޭ ދިމާވި ކޮންމެ ފަހަރު ޖަލީލުގެ ކިނބައިން ފެނުނީ ހިތްވަރާއި އިހުލާސްތެރިކަން: ނާޒިމް

09 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމު، ފޮޓޯ: ރައީސް އޮފީސް

އޭނާ ސިޔާސީ މަސައްކަތްޕުޅުގައި ހޭދަކުރެއްވި ތިރީހަކަށް އަހަރު ތެރޭ ތަފާތު އެކި ފަހަރު މަތިން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާ ބައްދަލުވެވަޑައިގެންނެވިއިރު، ކޮންމެ ފަހަރަކުވެސް އޭނާގެ ފަރާތްޕުޅުން ފެނުނީ ހިތްވަަރާއި އިހުލާސްތެރިކަމާއި ގައުމަށް ހިދުމަތްކުރެއްވުމަށް އޮތް ޝައުގުވެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. 

ޕީއެންސީގެ ފަރާތުން މައްޗަންގޮޅީ ދެކުނު ދާއިރާގެ ކައުންސިލަރުކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެ ދާއިރާގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމު ވިދާޅުވީ ގައުމަށް ކުރިމަތިވި އެންމެ ބިރުވެރި ހާލަތުގައި އަމިއްލަ ފުރާނަފުޅު ގުރުބާންކުރެއްވުމަށް ތައްޔާރުވެވަޑައިގެން ގައުމުގެ ހައްގުގައި ނުކުމެވަޑައިގަތުމުގެ އިތުރަށް މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އިސްލާހުކޮށް ތަސްދީގުކުރުމުގެ ކުރިން ސިފައިންގެ ގާނޫނު އަލުން އެކުލަވައިލުމުގައިވެސް ވަރަށް ގިަ މަސައްކަތްތައް މޫސާ އަލީ ޖަލީލު ކުރެއްވި ކަމަށެވެ. 

"އެހެންވީމާ އަޅުގަނޑު ދަންނަވާނީ މޫސާ އަލީ ޖަލީލު މާލޭގެ މޭޔަރުކަމަށް މާލޭ ރައްޔިތުން ހޮއްވަވައިދެއްވަންވީ މިދެންނެވި ސަބަބުތަކާ ހުރެއޭ. ކެރުންތެރިކަމާއި ހިތްވަރުގަދަކަމުގެ ސަބަބުންނޭ،" ނާޒިމު ވިދާޅުވިއެވެ. 

އިއްޔެއަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަސްކަން ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ދޭ އިނާޔަތަކީ މުސާރައެއްގެ ގޮތުގައި ހަމަޖައްސައި، އެ ކޮމިޓީތަކަށް އިތުރު ބާރުވެރިކަން ދިނީ މި ސަރުކާރުން އިސްނަގައިގެން ކަމަށެވެ. އެހެންކަމން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގައި ޕީއެންސީގެ މެންބަރުން ހޮއްވަވައިދެއްވަން ނާޒިމު އެދިވަޑައިގަތެވެ. 

އިންތިހާބުތަކުގެ ތާވަލަކީ ބަހުސްކުރެވިފައި އޮތް ކަމެއް 

ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގައި މެންބަރެއްގެ ގޮތުގައި މަސައްކަަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ނާޒިމުވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް އިދިކޮޅު ބޭފުޅުން ދައްކަވަަމުންދާ ބައެއް ވާހަކަފުޅުތަކަށް ރައްދުދެއްވާފައެވެ. އެގޮތުން އެއީ ހާއްސަ މަޖިލީހުގައި ބަހުސްނުކުރެވޭ ކަމެއް ނޫންކަން ފާހަގަކުރައްވައި އެއިރުވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ހާއްސަ މަޖިލީހަށް ހުށަހެޅި އެ އިސްލާހަށް ތާއީދުވެސް ލިބުނުކަން ނާޒިމު ފާހަގަކުރެއްވިއެވެ. 

ނާޒިމު ވިދާޅުވި ގޮތުގައި ދެ އިންތިހާބުގެ މެދުގައި މުއްދަތެއް އޮތް ސަބަބަކީ އައު ގާނޫނުއަސާސީގެ ދަށުން މިނިވަން އިލެކްޝަންސް ކޮމިޝަނެއް އެކުލަވައިލާ، އިންތިހާބާ ގުޅޭ އައު ގާނޫނުތަކެއް ހަދައި، އެ ގާނޫނުތަކުގެ ދަށުން ގަވާއިދުތަކެއް ހަދަންޖެހުމުން އެކަންކަމަށް ހޭދަވި ވަގުތެވެ. 

"2009 ވަަނަ އަހަރުގެ މޭ މަހާ ހަމައަށް މަޖިލިސް އިންތިހާބު ލަސްވެގެންދިޔައީ މިދެންނެވި ގާނޫނުތައް ހެދުން ލަސްވުމުގެ ސަބަބުން. މިދެންނެވި ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން ލަސްވުމުގެ ސަބަބުން. އެ ދެ އިންތިހާބު އެއްކޮށް ނުބޭއްވުމަކީ ގާނޫނުއަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން،" ނާޒިމު ވިދާޅުވިއެވެ. 

އިތުރަށް ނާޒިމު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަކީ އޮޅުވައިލުމެއް ކަމަށާއި، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަނީ ކަމަށެވެ. އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން މަޖިލީހުގެ މެންބަރުން ހޮވުމުގައި ރައްޔިތުން ޝާމިލުވާ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް 20 ވަނަ މަޖިލީހުން ގެނެސްފައިވާ އިސްލާހުތަކަށް އިޝާރާތްކުރައްވަމުން ނާޒިމު ވިދާޅުވީ މަޖިލީހުގެ މެންބަރުން ބީލަން އުސޫލުން ގަނެވިއްކުން މަނާކުރުމާއި ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދުންފަތް ވިއްކުން ހިފަހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު މިއިން އެއްވެސް ކަމެއްގައި އެމްޑީޕީގެ އެހީތެރިކަން ލިބިފައިނުވާކަން ނާޒިމު ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު