ENGLISH

09 މާރިޗު 2026

Advertisement

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ގާސިމް

09 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސް ޑރ.މުއިއްޒުގެ އަރިހުގައި، ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ގާސިމް މީސްމީޑިޔާގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. 

ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ 2019 އަދި 2023 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދިން ކަމަށެވެ. އަދި މިހާރު މިއޮތް ނިޒާމުގައި ފަސް އަހަރުގެ މުހުލަތަކަށް ރައްޔިތުން އިންތިހާބުކުރާ ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަހު އުޅުއްވަން ޖެހިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރެއްވުމުގެ މަސައްކަތުގައި ކަމަށް ގާސިމް ވިދާޅުވިއެވެ. 

އިތުރަށް ގާސިމު ވިދާޅުވީ ފާއިތުވި މަޖިލިސްތަކުގައި ރައީސާ ދެކޮޅު ޕާޓީއަށް އަޣުލަބިއްޔަތު އޮންނަ ހާލަތުގައި، އެ އަޣުލަބިއްޔަތުގެ ބޭނުންހިފައިގެން އަލަށް އެކުލަވައިލާ ސަރުކާރަށް ޖެއްސުންކޮށް، އެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ބަޖެޓު ހާވިޔާކޮށް، ރައީސަކަށް ހޮވޭ ބޭފުޅާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްވެސް ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުގައި މަސައްކަތްކުރި ކަމަށެވެ. 

އެކަންކަމުގެ މައްޗަށް ބިނާކުރައްވަައި ގާސިމު ވިދާޅުވީ މިއީ ކުރަން ލަސްވެފައިވާ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. 

އަދި މިހާރު މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް ގެންނަ އަށްވަނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާނީ ރައްޔިތުން އެކަމަށް އާބަސް ބުނުމުންކަމަށްވާތީ، ގާސިމު އެދިވަޑައިގެންފައިވަނީ ހަތަރެއް އޭޕްރީލުގައި އޮންނަ ކައުންސިލު އިންތިހާބާއެކު ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި "ފެންނަ"ކަމަށް ވޯޓު ދިނުމަށެވެ. 

"އެހެނީ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ވޯޓު އޮންނަ ދުވަހު، މަޖިލީސް އިންތިޚާބު ބޭއްވުމުން ފައިދާބޮޑީ ހުރިހާގޮތަކުންވެސް ރައްޔިތުންނަށް ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަންއަށް ވުރެ ގިނަފައިސާ ސަލާމަތްކުރެވުމާއި، އެފައިސާ ރައްޔިތުންގެ އެހެންބޭނުންތަކަށް ބޭނުންކުރުމަށް ފުރުޞަތުލިބިގެންދިއުމާއި، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާއި ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި، އިންތިޚާބާއި ގުޅުންހުންނަ ކަމަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތު ތައް ވެސް މިކަމުގެ ސަބަބުން ކުޑަވެގެންދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫން،" ގާސިމް ވިދާޅުވިއެވެ. 

އޭޕްރީލު މަހުގެ ހަތަރުވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ނުފެންނަކަމަށް ވޯޓު ދިނުމަށް ބާރުއަޅައި އިދިކޮޅު އެމްޑީޕީން ކެމްޕެއިންކުރަމުންދާއިރު ސަރުކާރު ހިންގާ ޕީއެންސީން އެ ވޯޓުގައި ތާއީދުކުރާނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރުމަށް ފެންނަކަަަށް ވޯޓު ދިނުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު