ENGLISH

27 ފެބްރުއަރީ 2026

Advertisement

ވަޒީރު އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިޔޯއެއް ނަގައި އާއްމުކުރުމުގެ ފަހަތުގައި އަކުރަމާއި އިބްރޭ

27 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

އަކްރަމާއި އިބްރާހީމް ވީޑިއޯ ކުރަނިކޮށް އާއްމުވި ފުޓޭޖުގެ ސްކްރީން ޝޮޓެއް. ސީސީޓީވީ ވީޑިއޯ: ވަޒީރު އިހުސާން

ދާޚިލީ ވަޒީރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި އަންހެން ދަރިފުޅުގެ ވީޑިއޯއެއް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ނެގި ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވައިފިއެވެ. 

ވަޒީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަކުރަމާއި އިބްރާހިމް ވަހީދު މަގުމަތީގައި ތިއްބަވައިގެން، ފޯނުން ވީޑިއޯ ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް އާއްމު ކުރައްވާފަ އެވެ. 

މި ވީޑިއޯ ކޮށްފައިވަނީ އިބްރާހިމް ވަހީދެވެ. އަދި މި ވީޑިއޯ ނަގަން އިބްރާހީމް ވަހީދުގެ އަތަށް ފޯނު ދޭ ތަން ފެންނަނީ އަކުރަމެވެ. 

މި ދެމީހުންގެ އިތުރުން އިތުރު މީހަކު އެ ދެމީހުން ކައިރީ ސައިކަލެއްގައި މަޑުކޮށްލައިގެން އިންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ފޫޓޭޖާއެކު ވަޒީރު އިހުސާނު ވިދާޅުވީ އެމަނިކުފާނުގެ އަނބިކަނބަލުންނާއި 10 އަހަރުގެ އަންހެން ދަރިފުޅުގެ އެ ވީޑިއޯ ގޮތް ނޭނގޭ އެކައުންޓަކުން ސޯޝަލް މީޑިއާގައި އާއްމު ކޮށްފައި ވާކަމަށެވެ. 

ވަޒީރު އެ އިޝާރާތްކުރެއްވި ވީޑިއޯއިން ފެންނަނީ، މާލޭގެ މަގެއް މަތިން އަންހެނަކާއި ކުޑަ ދެ ކުދިން ދާ މަންޒަރެވެ. އެމީހުންގެ ކައިރީގައި ފިރިހެނަކު ހުންނަތަން ވީީޑިއޯ އިން ފެންނައިރު އިދިކޮޅު ފަރާތްތަކުން ވަނީ އެމީހަކީ ބޮޑީ ގާޑެއްކަމަށް ތުހުމަތު ކޮށްފަ އެވެ. 

ވަޒީރު ވިދާޅުވީ މި ފުޓޭޖުން ފެންނަނީ ޑިމޮކްރެސީއާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ ހިމާޔަތުގައި ވަކާލާތުކުރާ މީހުން ވެއްޓިފައިވާ ދަށު ދަރަޖަ ކަމަށެވެ. އަދި ޒަމާނުންސުރެ އެމްޑީޕީއަކީ މުޖުތަމައު ބައިބައިކުރުމާ، ދަށު ދަރަޖައިގެ ސިޔާސީ ޢަމަލުތައް ހިންގާ ޕާޓީއެއްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

މީގެ ކުރިން އެމްޑީޕީގެ ސިޔާސީ އަމާޒުފަތްގަނޑަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އާއިލާ ވެސް ވަނީ ހަދާފަ އެވެ. 

ޒާތީ ތަައައްސުބު އިސްކޮށް، ހަސަދަވެރިކަމާއި ނަފުރަތު ފަތުރައިގެން ސަރުކާރުގެ އިސްބޭފުޅުންގެ އާއިތަކަށް  ފުރައްސާރަކޮށްގެން ސިޔާސީ ގޮތުން ބަލިކުރުމަށް މަސައްކަތްކުރަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ އެމްޑީޕީއަށް ފާޑުކިޔަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު