ENGLISH

27 ފެބްރުއަރީ 2026

Advertisement

ރޯދަވެރިޔާގެ ޙަޤީޤީ ކާމިޔާބުއޮތީ ރިވެތި އަޚުލާޤުން އޭނާގެ ނަފުސު ތަހުޒީބުކުރުމުން: ހުކުރު ޚުޠުބާ

27 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

ރޯދަވެރިޔާގެ ޙަޤީޤީ ކާމިޔާބުއޮތީ ރިވެތި އަޚުލާޤުން އޭނާގެ ނަފުސު ތަހުޒީބުކުރުމުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ނަޞްރާއި ކާމިޔާބުގެ މައްސަރު!" މި މައުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބުނީ، އަހަރެމެންނާއި ބައްދަލުކޮށްފައިވާ މި ބަރަކާތްތެރި ރަމަޟާންމަހަކީ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވުމުގެ މަހެއްނޫން ކަމަށާއި، މިއީ ޖިހާދުގެ މައްސަރެއް ކަމަށެވެ.

މިއީ އިންސާނާގެ ހަށިގަނޑުންކުރެވޭ ޖިހާދުގެ އިތުރަށް އޭނާގެ ހަވާނަފުސާ ދެކޮޅަށް އެންމެ ފުރިހަމަ މާނައިގައި ޖިހާދުކުރެވޭ މައްސަރު ކަމަށާއި، މި މައްސަރުގައި ހިފާ ރޯދައިގެ ސަބަބުން އޭނާގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު ތަހުޒީބުކުރުމަށް ބާރުއަޅައި ކަމަށް ޚުޠުބާގައި ބުންޏެވެ.

"ރޯދަވެރިޔާ އޭނާގެ ކުރިމަތީގައި الله سُبْحَانَهُ وَتَعَالَى އޭނާއަށް ޙަލާލުކުރައްވައިފައިވާ ކާތަކެއްޗާއި، ކަރުހިއްކުންފިލުވައިދެނިވި ފެން ލިބޭން ހުންނަ ޙާލުވެސް، އެކަލާނގެ އަމުރުފުޅަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން އެ ތަކެއްޗާ ދުރުހެލިވަނީ އޭނާގެ ނަފުސު އެ ކަމަށް އެދި ގޮވާޙާލުގައެވެ. ސިއްރިޔާތުގައި ވެސް އެއިން ކަމަކާ ކައިރިނުވެ ދުރުހެލިވެގެން ހުންނަ ހުރުމަކީ ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖައެވެ. ނަތީޖާއެއްގެ ގޮތުން ކެތްތެރިކަން އިތުރުވެ، ޝައިޠާނީ ގޮވުންތަކާއި ހަވާނަފުސުގެ މައްޗަށް ގަދަވެގަތުމުގެ ބާރު އޭނާއަށް ލިބެއެވެ. މި މަތިވެރި ޖިހާދުގައި ލިބޭ ކާމީޔާބީއަކީ މުޅި އަހަރުދުވަހު الله سُبْحَانَهُ وَتَعَالَى ޙަރާމްކުރައްވައިފައިވާ ޢަމަލުތަކުން ދުރުހެލިވުމަށް ލިބޭ ނުހަނު މަތިވެރި ތަމްރީނެކެވެ." ޚުޠުބާގައި ބުންޏެވެ.

ރަމަޟާންމަހަކީ ނަފުސުގެ ޖިހާދުގެ އިތުރަށް އިސްލާމްދީނުގެ ޢަދުއްވުންނާ ދެކޮޅަށް މުސްލިމުން އެންމެ ބޮޑެތި ނަޞްރާއި ކާމިޔާބީތައް ޙާޞިލުކުރި މައްސަރު ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ. އިސްލާމީ ތާރީޚު ބަދަލުކޮށްލި މަޝްހޫރު ބަދުރުހަނގުރާމަކުރެވުނީ ހިޖުރައިން ދެވަނަ އަހަރު ރަމަޟާންމަހު ސަތާރަވަނަ ދުވަހުކަމަށްވީއިރު، ހާހަކަށް ވުރެ ގިނަ ކާފިރުންގެ ވަރުގަދަ ލަޝްކަރު މުސްލިމުންގެ ތިންސަތޭކައެއްހައި މީހުންގެ ލަޝްކަރުގެ އަތްދަށުވެ ބަލިވުމަކީ ތާރީޚީ ގޮތުން މުސްލިމުންނަށް ލިބުނު އެންމެ ވަރުގަދަ ކާމިޔާބީއެވެ. ނަތީޖާއަކަށްވީ "ޔައުމުލްފުރުޤާނު"ގެ ނަމުން އެ ދުވަހަށް الله سُبْحَانَهُ وَتَعَالَى ކީރިތި ޤުރްއާނުގައި ނަންދެއްވުން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

"ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، މަސައްކަތްތައް ހުއްޓައިލައި ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫނެވެ. އެއީ އަޅުކަމުގައި ހީވާގިވެ ކުރިއަރައިދާންވީ މައްސަރެވެ. ޚާއްޞަކޮށް އެ މަހުގެ ފަހު ދިހައަކީ އިތުރަށް ހީވާގިވެ އަޅުކަމުގެ ކަމަރުބަންނާންވީ ދުވަސްތަކެކެވެ." ޚުޠުބާގައި ބުންޏެވެ.

ރޯދަމަހުގެ ކާމިޔާބީ ހޯދާން ބޭނުން މީހާ ލައިލަތުލްޤަދުރި ހޯދާން ގަދައަޅައި މަސައްކަތްކުރުމަށާއި، އެ ރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ، ހުރިހައި ހެޔޮކަމަކުން މަޙުރޫމުވެއްޖެކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާ ނިންމާލަމުންވަނީ، މި ބަރަކާތްތެރި ރަމަޟާންމަހު ރޯދައަށް ހުންނަ ހިނދު، އަހަރެމެންނަށް ކުރެވޭ ކުށްތަކުންނާއި ދެކެވޭ ބޭކާރު ވާހަކަތަކުގެ ކައްފާރާއެއްގެ ގޮތުގައި ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށާއި ޢީދުގެ އުފަލުގައި ފަޤީރުންނާއި ޔަތީމުން ވެސް ބައިވެރިވާ ބަޔަކަށް ހެދުމަށް ޓަކައި ލައްވައިފައިވަނީ ފިޠުރު ޒަކާތްކަން ހަނދާންކޮށްދީފައެވެ.

އަދި، ޢީދު ނަމާދުގެ ކުރީން ޒަކާތްނެރުމަކީ ވާޖިބެއް ކަމަށާއި، އޭގެ ފަހުން ނެރެފި ނަމަ އެ ބެލެވޭނީ ޞަދަޤާތެއްގެ ގޮތުގައި ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު