ENGLISH

26 ފެބްރުއަރީ 2026

Advertisement

މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓާއި ބިމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

26 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓާއި ބިމަށް އެދި ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްފައި --

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން އަދި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ބުނީ މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅުމަށް ބިމަށް އެދި ހުށަހެޅުމުގެ މުއްދަތު 30 އެޕްރީލްގެ 23:59 އާ ހަމައަށް އިތުރުކުރުމަށް ނިންމައިފައިވާ ކަމަށެވެ.

އަދި މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ވެސް 30 އެޕްރީލްގެ 23:59 އާ ހަމައަށް އިތުރުކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ބިން ދޫކުރުމުގެ އުޞޫލުގައި ބުނެފައިވަނީ، މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ ގްރޭޓާ މާލެ ސަރަޙައްދާއި ރަސްމާލެއިން ކަމަށެވެ. އަދި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ. ހުރިހާ ގޯއްޗެއްގެ ވެސް ބޮޑުމިނުގެ ގޮތުގައި ކަނޑައަޅާފައިވަނީ 1250 އަކަފޫޓެވެ.

މާލޭގެ ރަށްވެހިންނަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ މަދުވެގެން އަހަރެއް ފުރުން ހިމެނެއެވެ. އެގޮތުން އަހަރެއް ކަމުގައި ބަލާނީ 14 ޖަނަވަރީ 2026 ގެ ނިޔަލަށް މާލޭގައި ދިރިއުޅޭ މުއްދަތެވެ. 

މާލޭގެ ރަށްވެއްސެއްގެ ގޮތުގައި މަދުވެގެން އަހަރެއް ވުމުގެ އިތުރުން، ރާއްޖޭގެ އެއްވެސް ސަރަޙައްދަކުން އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނެތުން ވަނީ ޝަރުތުކޮށްފައެވެ. އަދި، 400 އަކަފޫޓަށް ވުރެ ކުޑަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިވާނަމަ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ބިމެއް ދޫކޮށްލުން ވަނީ ކަނޑައަޅައިފައެވެ. 

ބިމަށް އެދި ހުށަހަޅާއިރު އެމީހެއްގެ އަނބިމިހާ ނުވަތަ ފިރިމީހާގެ ނަމުގައި ގްރޭޓާ މާލެ ސަރަޙައްދުން 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން ވެސް އުޞޫލުގައި ވަނީ ހިމަނައިފައެވެ. އަދި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ހައުސިން ޔުނިޓް ލިބިފައިވާ މާލޭގެ ރަށްވެހިންނަށް ވެސް ގޯއްޗަށް އެދި ހުށަނޭޅޭނެއެވެ. 

އުޞޫލުގައި ވަނީ މާލޭގެ ރަށްވެހިންގެ ގޮތުގައި ބަލާނެ ޙާލަތްތައް ވެސް ކަނޑައަޅައިފައެވެ. އެގޮތުން މާލޭގެ ރަށްވެހިންގެ ގޮތުގައި ބަލާނީ އުފަންވީއިރުން ފެށިގެން މާލޭގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ މީހުންނާއި، މާލޭގެ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި، މާލޭގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ފަހުން ރަޖިސްޓްރީވެފައިވާ ފަރާތްތަކެވެ. 

މާލޭގައި ދިރިއުޅޭ މުއްދަތު ކުޑަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި، ރައްޔިތުންގެ ބައްދަލުވުންތަކުގައި ބައެއް ރައްޔިތުން އެދިފައިވެއެވެ. 

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން: 

ކެޓަގަރީ 2 ގައި ހިމެނެނީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބިން ދޫކުރުމެވެ. އެގޮތުން އުޞޫލުގައި ވާގޮތުން، އެކަމަށް ބޭނުންވާ އެންމެ އަޞާސީ އެއް ޝަރުތަކީ މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރު ވެފައިވުމެވެ. އެގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާކަމަށް ބަލާނީ 14 ޖަނަވަރީ 2026 ގެ ނިޔަލަށް މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ ނަމައެވެ. 

މާލޭގެ ރަށްވެހިންނެކޭ އެއްގޮތަށް، އަތޮޅުތެރޭގެ ރައްޔިތުންނަށް ވެސް ވަނީ 400 އަކަފޫޓުގެ ގޯއްޗެއް ލިބިފައި ނެތުން ހިމަނައިފަައެވެ. އަދި، 400 އަކަފޫޓަށް ވުރެ ކުޑަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިވާނަމަ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކޮށްލަން ޖެހެއެވެ. 

އުޞޫލުގައިވާ ގޮތުން، މާލެއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، މާލޭގައި ދިރިއުޅުނު މުއްދަތަށް ވުރެ ކުރު މެދުކެނޑުމެއް އައިނަމަވެސް މާލޭގައި ދިރިއުޅުނު ޖުމްލަ މުއްދަތު 15 އަހަރު ވެފައިވާނަމަ، 15 އަހަރު ދިރިއުޅުނުކަމަށް ބަލައި، ޝަރުތު ހަމަވާނެކަމަށް ވަނީ ހިމަނައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު