ENGLISH

25 ފެބްރުއަރީ 2026

Advertisement

ގާނޫނު އަސާސީގެ ތަރަހައިގެ ބޭރުން ސަރުކާރު ޖަވާބުދާރީއެއް ނުކުރެވޭނެ: މުހައްމަދު އިސްމާއީލް

25 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

މެންބަރު މުހައްމަދު އިސްމާއިލް މަޖިލީހުގައި ވާހަކަ ދައްކަވަނީ. ފޮޓޯ؛ މަޖިލިސް

ގާނޫނު އަސާސީގެ ތަރަހައިގެ ބޭރުން އެއްވެސް ބަޔަކަށް ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ނޯންނާނެކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ދޭންވީ ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކާ ގުޅިގެން މެމްބަރު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވާ ކެންޑިޑޭޓުންނަކީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ހޮވާ ބައެއް ނޫން ކަމަށެވެ. ގާނޫނުން ވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކައުންސިލުތަކަށް ފުރުސަތުދީފައި ނުވާކަން މެމްބަރު ފާހަގަކުރެއްވި އެވެ. 

"ސަރުކާރު ޖަވާބުދާރީ ކުރާ ބޮޑީއެއް ނޫން ކައުންސިލުތަކަކީ. ވެރިކަން ކުރަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ކަމަށް ވީއިރު ޖަވާބުދާރީ ކުރުވުމަށް ގާނޫނު އަސާސީގައި ބުނެފައިވާ ތަރަހައިގެ ބޭރުން އެއްވެސް ބަޔަކަށް ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތެއް ނުކުރެވޭނެ. ޖަވާބުދާރީ ކުރުވަން އޮންނަ މުއައްސަސާތަކުން ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރާނެ. " - ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލް

މެމްބަރު ވިދާޅުވީ އެމްޑީޕީން މިފަދަ ވާހަކަތައް ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމުގެ މަގުސަދުގައި ކަމަށެވެ. 

ކައުންސިލުތައް އިންތިޚާބުކުރަނީ ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށް ބުނެ އިދިކޮޅުން ދައްކަމުން އަންނަ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ރައްދު ދެއްވާފަ އެވެ. 

ކައުންސިލުތައް އިންތިޚާބުކުރަނީ ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށް ބުނާ ބުނުމަކީ ގޯހެއްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

އަދި ކައުންސިލުތަކަކީ، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށެވެ. އަދި ކައުންސިލް އިންތިޚާބުގައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަޤްޞަދުގައި ބަޔަކު އިންތިޚާބުކުރެވިއްޖެނަމަ، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ހިނގާނީ މުނިސިޕަލް އަދި ތަރައްޤީގެ މަސައްކަތްތުގެ ބަދަލުގައި ސިޔާސީ މަސައްކަތްތައްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

ކިޔުންތެރިންގެ ހިޔާލު