ENGLISH
24 ފެބްރުއަރީ 2026
ނޭޕާލަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި
24 ފެބްރުއަރީ 2026
|
ނޭޕާލަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އެރުވުން --
އެންމެ މަޤްބޫލު
ދިވެހިރާއްޖެ އިން ނޭޕާލަށް ކަނޑައެޅުއްވި ނޮން-ރެޒިޑަންޓް ސަފީރު ޢާއިޝަތު އަޒީމާ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ނޭޕާލް ގެ ރައީސް ރާމްޗަންދުރަ ޕައުޑެލް އަށް މިއަދު އަރުވައިފި އެވެ.
ފަތްކޮޅު އެރުވުމުގެ ޚާއްޞަ ރަސްމީޔާތު އޮތީ ކަތުމަންޑޫގައި ހުންނަ ނޭޕާލް ގެ ރައީސްގެ އޮފީސް ކަމުގައިވާ، ރާޝްތުރަޕަތީ ބަވަންގަ އެވެ.
ރާއްޖެ އިން ނޭޕާލަށް ކަނޑައަޅުއްވާ ނޮން-ރެޒިޑަންޓް ސަފީރުކަމުގެ މަޤާމާ ޢާއިޝަތު އަޒީމާ ޙަވާލުވެވަޑައިގަތުމުން އެ ކަމަނާއަށް ނޭޕާލްގެ ރައީސް ރާމްޗަންދުރަ ޕައުޑެލް ތަހުނިޔާ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެ އާއި ނޭޕާލް އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ސަފީރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނޭ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. މި ބައްދަލުވުމުގައި ނޭޕާލްގެ ރައީސް އެ ކަމަނާއަށް ވިދާޅުވި ހޫނު މަރުހަބާއަށް ސަފީރު ޝުކުރު އަދާކުރެއްވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ނޭޕާލް ގެ ރައީސް އަށާއި އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުމާއި ތަހުނިޔާ ރައްދު ކޮށްދެއްވި އެވެ.
ސަފީރުގެ ފަތްކޮޅު އެރުވުމަށްޓަކައި ނޭޕާލަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ނޭޕާލްގެ ޚާރިޖީ ވަޒީރާއި، މިނިސްޓަރ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން، އަދި ފޮރިން ސެކްރެޓަރީ ގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފަ އެވެ.
ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަލްފާޟިލާ ޢާއިޝަތު އަޒީމާ، ރާއްޖެއިން ނޭޕާލް އަށް ކަނޑައަޅުއްވާ ނޮން-ރެޒިޑަންޓް ސަފީރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަން ކުރެއްވީ 17 ޖޫން 2025 ގައެވެ. އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ފަރސްޓް ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު ނަޖީލް އެ ކަމަނާގެ އަރިހުގައި، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.