ENGLISH
24 ފެބްރުއަރީ 2026
ކައުންސިލް އިންތިޚާބަށް 26،000 މީހަކު ރީ-ރަޖިސްޓްރީކުރި، ބޭރު ގައުމެއްގައި ވޯޓް ފޮއްޓެއް ނުބަހައްޓާނެ
24 ފެބްރުއަރީ 2026
|
އިންތިޚާބެއްގައި މީހަކު ވޯޓްލާން ގޮސް --
އެންމެ މަޤްބޫލު
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު 26,454 މީހުން ރީ- ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިންތިޚާބަށް ރީ-ރަޖިސްޓަރީއަށް ދެ ފަހަރު މަތީން ހުޅުވާލި އެވެ. އެ ކޮމިޝަނުން މިއަދު ބުނީ މި އިންތިޚާބުގައި ރިސޯޓުތަކާއީ ސިނާޢީ މަސައްކަތްކުރާ ރަށްތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ، އެ ރަށަކަށް ވޯޓުލުމަށް މަދުވެގެން 30 މީހުން ރަޖިސްޓަރީވެފައިވާ ނަމަ ކަމަށެވެ. އަދި މި އިންތިޚާބުގައި މި އަދަދަށް ރަޖިސްޓަރީކޮށްފައިވަނީ 21 ރިސޯޓަކުން ކަމަށާ ސިނާޢީ މަސައްކަތްކުރާ އެއްވެސް ތަނެއްގައި މި އަދަދަށް ރަޖިސްޓަރީކޮށްފައިނުވާ ކަމަށެވެ.
ރާއްޖެއިން ބޭރު ޤައުމުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ ޤައުމަކަށް ވޯޓުލުމަށް މަދުވެގެން 2,000 މީހުން ރަޖިސްޓަރީކޮށް، މަދުވެގެން ކޮންމެވެސް އެއް ދާއިރާއަކުން 40 މީހުން ރަޖިސްޓަރީވެފައިވާނަމަ އެވެ. ރާއްޖޭއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް އިޢުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން މި މުއްދަތުގައި، ރީ-ރަޖިސްޓަރީވެފައިވަނީ، ކަނޑައެޅިފައިވާ އަދަދަށްވުރެ މަދުންނެވެ. އެގޮތުން، މެލޭޝިއާއިން 499 މީހުން ރީ-ރަޖިސްޓަރީ ކުރިއިރު ސްރީލަންކާއިން 189 މީހުން ރީ-ރަޖިސްޓަރިކޮށްފައިވެ އެވެ.
ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި ކަނޑައެޅިފައިވާ ޢަދަދަށް ވުރެއް މަދުން ރަޖިސްޓަރީކޮށްފައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު، ފެބުރުވަރީ 24 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 08:00 އިން ފެށިގެން ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި ވޯޓުފޮށި ނުބަހައްޓޭނެކަމަށް އިޢުލާނުގައިވާ ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގަ އެވެ.
މީގެއިތުރުން، މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށްވެސް، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ފެބުރުވަރީ 24 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 08:00 އިން ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށް ރީ-ރަޖިސްޓަރީވުމަށް ވަނީ ހުޅުވާލާފަ އެވެ. ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކުގެ މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓު އަދި މިކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް ބުންޏެވެ.
ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތައް މި މުއްދަތުގެ ތެރޭގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ މިހާރު ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ތަނުގަ އެވެ.