ENGLISH

24 ފެބްރުއަރީ 2026

Advertisement

މިދުވަސްވަރު ޑެންގީ ހުން ފެތުރޭ މިންވަރު އިތުރު: އެޗް.ޕީ.އޭ

24 ފެބްރުއަރީ 2026

|

ހަނާން އަހުމަދު ނައީމް

ޑެންގޫ ހުން ފެތުރެމުން ދިއުން. ފޮޓޯ: ގޫގަލް

މިދުވަސްވަރު ޑެންގީ ހުން ފެތުރެމުންދާ މިންވަރު އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މި ދުވަސްވަރަކީ ޑެންގީ ހުން ވަރަށް ބާރަށް ފެތުރެމުންދާ ދުވަސްވަރަކަށް ވެފައި އާންމުން ބޭރުތެރޭގައި ގިނައިން ނުކުމެ އުޅޭ ދުވަސްވަރަކަށް ވާތީ ސަމާލުވާން ވެސް އެ އެޖެންސީން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެގޮތުން އެޗްޕީއޭ އިން އެކްސްގައި ކުރި ޕޯސްޓެގައި ވަނީ، ޑެންގީ ހުމާއި ބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ.

ޑެންގީ ހުމަކީ ވައިރަހެއްގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. އެގޮތުން ޑެންގީ ވައިރަސް ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު، މި މަދިރި ގޮސް އަނެކާގެ ގައިގައި ހެފުމުންނެވެ.

މި މަދިރި ހަފާތާ 2 ދުވަހާއި 7 ދުވަސްތެރޭ އަލާމާތްތައް ފެންނާނެ އެވެ.

ޑެންގީގެ އާންމުކޮށް ފެންނަ އަލާމާތްތައް

  • 39 ޑިގްރީއަށް ވުރެ ހުންގަދަވުން
  • ގަދައަށް ބޮލުގައާއި ގައިގައި ރިއްސުން
  • ލޮލުގައި އަދި ލޮލުގެ ވަށައިގެންވާ ސަރަހައްދުގައި ރިއްސުން
  • ގައިގައި ރަތް ބިހިތަކެއް ނެގުން
  • ހުޅުހުޅުގައި ރިއްސުމާއެކު ހުޅު ދުޅަވުން
  • ބަނޑުގައި ރިއްސުމާއި މޭނުބައިކޮށް ހޮޑުލެވުން

ޑެންގީގެ އެންމެ ނުރައްކާތެރި އަލާމާތްތައް

  • އާދަޔާ ޚިލާފަށް ވަރުދެރަވުން
  • ހަށިގަނޑުގެ އެކި ތަންތަނުން ( އާންމުކޮށް ނޭފަތުން، ހިރުގަނޑުން އަދި ހަންގަނޑުން) ލޭ އައުން
  • ގަދައަށް ބަނޑުގައި ރިއްސުން

ޑެންގޫ ޖެހުމުން ވީހަވެސް ގިނައިން އަރާމުކޮށް، ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުމާއި ގިނައިން ދިޔާ ތަކެތި ބޭނުންކުރުމުގެ އިތުރުން ހުން މަޑުކުރުމަށާއި ގައިގައި ރިއްސުން ކުޑަކުރުމަށް ޕެނަޑޯލް ނުވަތަ ޕެރެސެޓަމޯލް ފިޔަވާ އެހެން ބޭހެއް ބޭނުން ނުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި 3 ދުވަހަށް ވުރެ ގިނަދުވަހު ހުން އަންނަ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދަން ވެސް އެދިފައިވެއެވެ.

ޑެންގީއިން ރައްކާތެރިވުމަށް/ މަދިރި ހެފުމުން ރައްކާތެރިވުމަށް:

  • މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުން ކުރުން
  • ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާ ވާގޮތަށް ފޭރާންލުން
  • ކުޑަދޮރު ފަދަ ތަންތާގައި މަދިރި ދާ ޖެހުން
  • މަދިރި ގިނަވާ ވަގުތު ތަކުގައި ދޮރުތައް ލައްޕާފައި ބެހެއްްޓުން

މަދިރިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ކަމަކީ މަދިރި އުފެދޭ ފަދަ ތަން ތަން ނުވަތަ ތަކެތި ނައްތާލުމެވެ. އީޑީސް މަދިރި ބިސްއަޅާ އެންމެ ގިނައިިން އާލާވަނީ ސާފު ފެންްހަރުލާ ތަންތަނުގައެވެ. މަދިރި ފަނި އަޅާފައި ހުންނަ ތަކެތީގެ ފެން ހުސްކުރިޔަސް،  އެތަކެތީގައި މަދިރި ބިސް ހަރުލާފައި ހުރެއެވެ. އަދި ހަލާކުނުވެ 6 މަސްދުވަހަށްވުރެ ގިނަ ދުވަހުހުރެއެވެ. މިފަދަ ތަކެތި ސާފުކޮށްފައި ބެހެއްޓުން ވަރަށް މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު