ENGLISH
24 ފެބްރުއަރީ 2026
ޔޫއޭއީގެ ސަފީރު، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި
24 ފެބްރުއަރީ 2026
|
ޔޫއޭއީގެ ސަފީރު، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރެއްވުން --
އެންމެ މަޤްބޫލު
ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޝައިޚް ރަހްމާން ބިން ޢަބްދުލްރަހްމާން ބިން ރަހްމާ އަލް ޝަމްސީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ސަފީރުގެ ދައުރުގައި ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި މި މުއްދަތުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާވެ، ހާސިލުކުރެވުނު ކުރިއެރުންތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ޔޫއޭއީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ މިދައުރުގައި ރާއްޖެއިން ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތަކާއި ތަރައްޤީއަށް ސަފީރު ތައުރީފު ކުރެއްވި އެވެ.
މިބައްދަލުވުން ނިންމަވާލެއްވީ ރާއްޖެއާއި ޔޫއޭއީއާ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.