ENGLISH
24 ފެބްރުއަރީ 2026
ލިމަރެންސް: ލޯބީގެ އިހުސާސްތައް އޮބިނޯންނަ ވަރުގެ ކަމަކަށް ބަދަލުވުން
24 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
ނަފްސާނީ އިލްމުވެރިން ބަޔާންކުރާ ގޮތުގައި "ލިމަރެންސް" އަކީ އާދައިގެ ލޯތްބަކަށް ވުރެ ބޮޑަށް، މީހެއްގެ މައްޗަށް އޮބިނޯންނަ ވަރުގެ ބޮޑު ޝައުގުވެރިކަމެއް އުފެދި، އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހޭ ހާލަތެކެވެ. މި ހާލަތާ ބެހޭ ގޮތުން މައުލޫމާތު ހޯދާ މީހުންގެ އަދަދު މިހާރު ދަނީ އިތުރުވަމުންނެވެ.
މި ލަފުޒު އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ 1979 ވަނަ އަހަރު ނަފްސާނީ އިލްމުވެރިޔާ ޑޮރޮތީ ޓެނޯވް އެވެ. އޭނާގެ ދިރާސާތަކުން ހާމަވި ގޮތުގައި، ލިމަރެންސް އަކީ އަމިއްލަ އިހުތިޔާރުން ބޭރުގައި، އެހެން މީހެއްގެ މައްޗަށް އުފެދޭ ވަރުގަދަ ޝައުގުވެރިކަމެކެވެ. މިފަދަ ހާލަތެއްގައި ހުންނަ މީހާގެ ވިސްނުން މުޅިންހެން ހުސްވެފައި ހުންނަނީ އެ ޝައުގުވެރިކަން އުފެދިފައިވާ މީހާގެ މައްޗަށެވެ.
އާދައިގެ ލޯތްބާއި ޚިލާފަށް، ލިމަރެންސްގެ ސަބަބުން މީހާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިއުރޯސައިންޓިސްޓެއް ކަމަށްވާ ޓޮމް ބެލަމީ، ބީބީސީއަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ، އޭނާއަށް މިފަދަ ހާލަތެއް ކުރިމަތިވީ އުފާވެރި ކައިވެންޏެއްގައި ހުއްޓާ އޮފީސް ކުއްޖަކާ މެދުގައެވެ " .މިއީ ފުރަތަމަ ވަރަށް އުފާވެރި އިހުސާސެއް، އެހެންވެ މިއަށް ދެވިހިފަނީ،" އޭނާ ބުންޏެވެ. ނަމަވެސް ފަހުން މިއީ ކޮންޓްރޯލް ކުރަން އުނދަގޫ އަދި ބިރުވެރި ކަމަކަށް ބަދަލުވި ކަމަށް އޭނާ ފާހަގަކުރިއެވެ.
ބީބީސީއަށް މައުލޫމާތު ދެމުން، ޔުނިވަރސިޓީ އޮފް ޗިޗެސްޓާގެ ސައިކޮލޮޖިސްޓް އިއަން ޓައިންޑަލް ވިދާޅުވި ގޮތުގައި، ލިމަރެންސްގެ ސަބަބުން މީހާގެ އުފެއްދުންތެރިކަމާއި ދުޅަހެޔޮކަމަށް އަސަރުކުރެއެވެ. "މީހުން ކެއުމާއި ނިދުމާއި އަދި އެހެން ގުޅުންތަކަށް ވެސް އިހުމާލުވެދާނެ،" އޭނާ ވިދާޅުވިއެވެ. މި ހާލަތު އާންމުކޮށް 18 މަހާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާ ކަމަށް ދިރާސާތަކުން ދައްކައެވެ.
ލިމަރެންސް އަކީ ރަސްމީކޮށް ނަފްސާނީ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ނޫނެވެ. ނަމަވެސް، މިއީ އަމިއްލަ ނަފްސަށް ގެއްލުންވާ ފަދަ ކަމަކަށް ވެދާނެތީ ސަމާލުވާން ޖެހެއެވެ. ލަންޑަން މެޓްރޯޕޮލިޓަން ޔުނިވަރސިޓީގެ ޕްރޮފެސަރ އެމާ ޝޯޓް ވިދާޅުވާ ގޮތުގައި، މިއީ ނަފްސާނީ ބައްޔެއް ނޫން ނަމަވެސް، މިއީ ވަރަށް ތަފާތު އަދި ވަރުގަދަ ގުޅުމެއްގެ އިހުސާސެކެވެ.
ކަމާބެހޭ މާހިރުން ލަފާދެއްވަނީ މިފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، އަމިއްލަ އިހުސާސްތައް ދެނެގަނެ، ދިރިއުޅުމުގެ އެހެން ކަންކަމަށް ސަމާލުކަން ދިނުމަށެވެ. މިއީ ވަގުތީ ކަމެއްކަން ދަނެގަތުމަކީ މި ހާލަތުން އަރައިގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ.