ENGLISH
24 ފެބްރުއަރީ 2026
ރައީސްގެ އޮތީ ހެޔޮ ނިޔަތް، އިދިކޮޅުން އުޅެނީ ފިތުނަ އުފައްދަން: ޝިޔާމު
24 ފެބްރުއަރީ 2026
|
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅުން ފެންނަނީ އެމަނިކުފާނުގެ އިހުލާސްތެރި ހެޔޮ ނިޔަތް ކަމުގައި ފާހަގަކުރައްވައި، އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ފިތުނަ އުފެއްދުމަށް ކަމުގައި ޕީއެންސީގެ ނައިބު-ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
މިއަދު ޕީއެންސީގެ ފަރާތުން ގަލޮޅު އުތުުރު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޝިޔާމު ވިދާޅުވީ ރައީސަކީ އިންތިހާބެއް ނެތަސް ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި އެކަންކަން ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާ ވެރިއެއް ކަަމަށެވެ.
މާލެ ހިޔާ އަދި ސިނަމާލެ ފުލެޓުތަކުގެ ރައްޔިތުންނަށް ދެއްވަން ރައީސް ނިންމެވި އިނާޔަތް ދެއްވަން ނިންމެވީވެސް އެގޮތުގެ މަތިން ރައްޔިތުންނާ ބައްދަލުކުރައްވަައި، އެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް އޮޅުންފިލުއްވުމަށްފަހު، އެ ރައްޔިތުންގެ ހާލަތަށް ރިއާޔަތްކުރައްވައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަން ރައީސަށް ފެނިވަޑައިގަތުމުން ކަމަށް ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމު ވިދާޅުވީ ވެރިކަމުގެ މިހާ ކުރީކޮޅުގައި ކުރީގެ އެއްވެސް ވެރިޔަކު ރައްޔިތުންނާ ބައްދަލުކުރައްވާފައި ނެތް މިންވަރަށް އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ބައްދަލުވުންތަކުގައި ރައްޔިތުންގެ ފަރާތްޕުޅުން ރައީސަށް ލިބިވަޑައިގަންނަވާ ހިޔާލުތަކުގެ މައްޗަށް ބިނާކުރައްވައި މެނިފެސްޓޯގައި ހިމެނޭ ބައެއް ސިޔާސަތުތަކާއި ތަރައްގީގެ މަޝްރޫއުތަކަށްވެސް ގެންނަވަންޖެހޭ ބަދަލުތައް އެމަނިކުފާނު ގެންނަވާ ކަމަށެވެ.
"މާލެ ސިޓީގައި މިހާ ތޮއްޖެހިފައި އޮތް ތަނެއްގައި އެންމެ ބޮޑު ކަންބޮޑުވުމަކަަށް މިއޮންނަނީ ބޯހިޔާވަހިކަން. އަދި ދިރިއުޅުމުގެ ހަރަދުތައް ހުންނަ ގޮތުން ބޯހިޔާވަހިކަމަށް ކުރަންޖެހޭ ހޭދަ ބޮޑުވެފައިވާތީ އަބަދުވެސް ރައްޔިތުން އެދޭ ކަމެއް ސަރުކާރުތަކުން ރައްޔިތުންގެ ދިރިއުޅުމަށް އެކި ކަހަލަ ލުއިތައް. އެގޮތުން ތިޔަ ވިދާޅުވި ބޭފުޅުންނަށްވެސް އެ ލުއި އެމަނިކުފާނު ދެއްވީ،" ޝިޔާމު ވިދާޅުވިއެވެ.
މި ލުއިތަކަކީ ކުރީގެ ސަރުކާރުތަކުގައިވެސް ރައްޔިތުންނަށް ފޯރުކޮށްދެވެން ހުރި ލުއިތަކެއް ކަމުގައިވީ ނަމަވެސް އެ ލުއިތައް ކުރީގައި އޮތީ ފޯރުކޮށްނުދެވިކަން ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ ހެޔޮ ނިޔަތުގައި ރައީސް ކުރައްވަމުންދާ މަސައްކަތްޕުޅުގެ ހަގީގަތް އޮޅުވާލައި ފިތުނަ އުފައްދަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދަނީ ރައީސްގެ މަސައްކަތް އާއްމުން ބަލައިގަންނާތީ ކަމަށެވެ.
ޝިޔާމު އިތުރަށް ވިދާޅުވީ ޕީއެންސީއަށް އިންތިހާބާ ނުލައި ގިނަ ގޮނޑިތަކެއް ލިބުމުގެ ސިއްރަކީ ރައީސް ޑރ.މުޢިއްޒު ކުރައްވަމުންދާ ގައުމީ މަސައްކަތަށް އޮތް ތާއީދާއި ރައްޔިތުންގެ އިތުބާރު ކަމަށެވެ.