ENGLISH

24 ފެބްރުއަރީ 2026

Advertisement

އޭއައިގެ ކުރިއެރުންތަކާއެކު ސައިބަރ ސެކިއުރިޓީއަށް ބޮޑެތި ގޮންޖެހުންތަކެއް

24 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ވިޔަފާރިތަކުގެ ތެރެއަށް ވަދެފައިވީ ނަމަވެސް، އޭގެ ސަބަބުން ކުރިމަތިވާ ސައިބަރ ނުރައްކާތަކަށް ގިނަ ކުންފުނިތަކަކުން ތައްޔާރުވެފައި ނުވާކަމަށް ޒީސްކޭލާއިން ބުނެފިއެވެ. އެ ކުންފުނިން ނެރުނު "ތްރެޓްލެބްސް 2026 އޭއައި ސެކިއުރިޓީ ރިޕޯޓް" ގައި ބުނެފައިވަނީ އޭއައިގެ ސަބަބުން ކުރިމަތިވާ އާ ނުރައްކާތަކާ ކުރިމަތިލުމުގެ ޤާބިލުކަން ގިނަ ކުންފުނިތަކުގައި ނެތް ކަމަށެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުންފުނިތަކުގެ އާންމު މަސައްކަތްތަކުގެ ތެރޭގައި އޭއައި ބޭނުންކުރާ މިންވަރު އިތުރުވަމުން ދިޔަ ނަމަވެސް، އެއާއެކު އަންނަ ސެކިއުރިޓީ ގޮންޖެހުންތަކަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައެއް ނުވެއެވެ. މީގެ ސަބަބުން ހެކަރުންނަށް އޭއައި ބޭނުންކޮށްގެން ކުންފުނިތަކުގެ ނިޒާމުތަކަށް ހަމަލާދިނުމުގެ ފުރުޞަތު ބޮޑުވަމުންދާ ކަމަށް ޒީސްކޭލާ އިން އިންޒާރުދެއެވެ.

ޒީސްކޭލާގެ ދިރާސާއިން ދައްކާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި އޭއައި ބޭނުންކޮށްގެން ދޭ ސައިބަރ ހަމަލާތައް އިތުރަށް ވަރުގަދަވެ، އޮޅުންބޮޅުން ބޮޑުވެގެންދާނެއެވެ. އެހެންކަމުން، ކުންފުނިތަކުން މިހާރުން މިހާރަށް އެފަދަ ނުރައްކާތަކުން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި ބޭނުންކުރަމުންދިއުމުގެ ސަބަބުން، އިންސާނުންނަށް ނުހޯދޭހާ ބާރުމިނުގައި ހަމަލާދޭ އޭއައި ސިސްޓަމްތައް ބޭނުންކޮށްގެން ކުންފުނިތަކުގެ މުހިންމު މައުލޫމާތުތަކާ ހަމައަށް ވާސިލުވުމުގެ ފުރުޞަތު، ހެކަރުންނަށް ފަހިވަމުންދާކަން މި ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، ގިނަ ކުންފުނިތަކުގެ އޭއައި ސިސްޓަމްތައް އެންމެ 16 މިނެޓުގެ ތެރޭގައި ހެކްކޮށްލުމުގެ ފުރުސަތު އެބައޮތެވެ.

މި މައްސަލަ ބޮޑުވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި، އޭއައި ބޭނުންކުރުމުގައި ހަރުދަނާ އުސޫލުތަކެއް ނެތުމާއި، އާދައިގެ ސައިބަރ ސެކިއުރިޓީ ނިޒާމުތަކަށް އޭއައިގެ ހަލުވި ހަމަލާތައް ހުއްޓުވަން އުނދަގޫވުން ހިމެނެއެވެ. އަދި ހަމަލާދޭ ފަރާތްތަކުން އޭއައި ބޭނުންކޮށްގެން ވަރަށް އަވަހަށް ސިސްޓަމްތަކުގެ ބަލިކަށި ދިމާތައް ހޯދަމުންދާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ވިޔަފާރިތަކުން މިހާރުން މިހާރަށް "އޭއައި-ނޭޓިވް" ދިފާއީ އިސްތިރާތީޖީތަކަށް ބަދަލުވާންޖެހޭ ކަމަށެވެ. މީގެ މާނައަކީ އޭއައި ސިސްޓަމްތައް ފަރުމާކުރާއިރުއްސުރެ އޭގެ ރައްކާތެރިކަމަށް އިސްކަންދީ، މެދުނުކެނޑި އެ ސިސްޓަމްތައް ބަލަހައްޓާނެ އޮޓޮމޭޓެޑް ނިޒާމުތައް ގާއިމުކުރުމެވެ.

ސައިބަރ ސެކިއުރިޓީ މާހިރުން އިންޒާރު ދޭ ގޮތުގައި، މިފަދަ ބަދަލުތަކެއް ނުގެނެސްފިނަމަ، މައުލޫމާތު ވަގަށް ނެގުމުގެ އިތުރުން ކުންފުނިތަކުގެ މުޅި ހިންގުމަށް ބޮޑެތި ބުރޫތަކެއް އެރުމުގެ ފުރުސަތު އެބައޮތެވެ. އޭއައި އަކީ ވިޔަފާރީގެ މުހިންމު ބަޔަކަށް ވަމުންދާއިރު، އޭގެ ސެކިއުރިޓީއަކީ އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމުގައި މާހިރުން ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު