ENGLISH

24 ފެބްރުއަރީ 2026

Advertisement

މި ސަރުކާރުން މުޅިން އަލަށް 9 ރަށެއްގައި އަންހެނުންގެ ޚާއްސަ ޑޮކްޓަރުންގެ ހިދުމަތް ފަށާފައިިވޭ

24 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

މުޅިން އަލަށް ނުވަ ރަށެއްގައިއަންހެނުންގެ ޑޮކްޓަރުންގެ ހިދުމަތް ދޭން ފެށުން-- ފޮޓޯ: ޑރ.ޗައުދަރީ ހޮސްޕިޓަލް

މި ސަރުކާރުން ރާއްޖޭގެ ނުވަ ރަށެއްގައި މުޅިން އަލަށް އަންހެނުންގެ ޚާއްސަ ޑޮކްޓަރުންގެ ހިދުމަތް ފަށާފައިވާކަމަށް ސިއްޙީ ވުޒާރާއިން ހާމަކޮށްފި އެވެ.

އެ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ރާއްޖޭގެ ނުވަ ރަށެއްގައި މުޅިން އަލަށް އަންހެންގެ ޚާއްސަ ޑޮކްޓަރުންގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އަންހެނުންނަށް ރައްކާތެރި، ދުޅަހެޔޮ ސިއްޙަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

ރަށްރަށުގައި އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ނެތުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. އަންހެނަކު ވިހަން ބޭނުންވާ ހާލަތުގައާއި، ވިހެމުގެ ކުރިން ދަރިމައިވުމުގެ ހާލަތުގައި އަންހެނުންގެ ޚާއްސަ ޑޮކްޓަރެއްގެ ބޭނުން ވަރަށް ބޮޑެ އެވެ. މީގެ އިތުރުންވެސް އަންެހެނުންނަށް ޖެހޭ ބައެއް ބަލިތަކަށް ފަރުވާ ހޯދުމަށް އަންހެނުންގެ ޚާއްސަ ޑޮކްޓަރަކު ބޭނުންވެ އެވެ. މިފަދަ ކޮންމެ ހާލަތެއްގައި މާލެ ނުވަތަ އެހެންރަށަކަށް ފުރައިގެން ހިދުމަތް ހޯދަން ދިއުމަކީ ވަރަށް ދަތި ވޭން ހުރި ކަމަކެވެ. ކޮންމެ މީހަކުވެސް ރަށުގައި ގާއިމްވެ ހުރެގެން އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކޭނެ ދުވަހަކަށް އިންތިޒާރު ކުރެ އެވެ. 

އެހެންކަމުން އިތުރު ނުވަ ރަށެއްގައި އަންހެނުންގެ ޙާއްސަ ޑޮކްޓަރުންގެ ހިދުމަތް ލިބެން ފެށުމަކީ ރައްޔިތުން އެދި އެދި ތިބި ހުވަފެނެއް ހަގީގަތަށްކަންވުން ފަދަ ކަމެކެވެ.

އަންހެނުންގެ ޑޮކްޓާރުން ބައްލަވާ މައިގަނޑު ކަންކަން:

  • މާބަނޑުވުމާއި ވިހެއުން: ބަނޑުބޮޑުވުމުގެ ކުރިންނާއި، ބަނޑުބޮޑު ދުވަސްވަރު  އަދި ވިހެއުމަށްފަހު ދޭންޖެހޭ ފަރުވާ.
  • ރަހިމާއި އަންހެނުންގެ ބަލިތައް: ރަހިމުގެ ބަލިތަކާއި، ރަހިމުގެ ދޮންބަލި ދެނެގަނެ ފަރުވާދިނުން.
  • ދަރިމައިވުމުގެ މައްސަލަތައް: ދަރިން ނުލިބުމުގެ މައްސަލަތަކަށް ފަރުވާކުރުން.
  • އޮޕަރޭޝަންތައް: ސިޒޭރިއަން ހެދުމާއި، ރަހިމުގެ އޮޕަރޭޝަންތައް ކުރުން.

ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުން އެކަމަށް ކުރަންޖެހޭ ފަރުވާއަކީ ހަރަދު ބޮޑު އަދި ގިނަ ވަގުތުވެސް ހޭދަވާ ފަރުވާއެކެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ފަރުވާ ރާއްޖެއިން ސަރުކާރުގެ މައި ހޮސްޕިޓަލުން (ދަރުމަވަވަންތަ ހޮސްޕިޓަލުން) ލިބޭނެ އިންތިޒާމު ހަމަޖެހުމަކީ އެ ފަރުވާއަށް ބޭނުންވާ މީހުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި މިކަމަށް ބޭނުންވާ ފަރުވާ އާސަންދައިގެ ދަށުން ލިބޭނެ ގޮތް ރައީސް ޑރ.މުޢިއްޒު ވަނީ ފަހިކޮށްދެއްވާފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފާޓިލިޓީ ސެންޓަރުގައި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އައިވީއެފް ފަރުވާ ފުރިހަމަކޮށް ކާމިޔާބުކަމާއެކު 23 އަންހެނެއްގެ ރަހިމުގައި ދަރިން ގަރަބުގަނެ، ވިހެއުމުގެ ދުވަސްތައް ގުނަމުން އަންނަ ކަމަށް އެ ސެންޓަރުން ދާދި ފަހުން ހާމަކުރި އެވެ.

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ސެންޓަރުން 578 ދެމަފިރިއަކަށް ކޮންސަލްޓޭޝަން ދެވިފައިވާ އިރު، މީގެ ތެރެއިން 96 މީހުން އައިވީއެފް ހެދުމަށް ހޮވިފައިވެ އެވެ. އަދި 86 މީހުންގެ ދަރިމައިވާ ބިސް ނެގުމުގެ މަސައްކަތް ކުރެވިފައިވެ އެވެ. އަދި މީގެތެރެއިން 68 އަންހެނުންގެ ކާމިޔާބުކަމާއެކު އައިވީއެފް އޮޕަރޭޝަން ކުރެވިފައިވެ އެވެ.

މި ސެންޓަރުގެ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ހަމަ މިއާއެކު ރާއްޖޭގެ އެކި ރަށްރަށުގައި ސިއްހީ ހިދުމަތް ފުޅާކުރުމަށްޓަކައިވެސް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާ ހޮސްޕިޓަލްތައް އިމާރާތް ކުރުމާއި، ސިއްހީ މަރުކަޒުތަކަށާއި، ހޮސްޕިޓަލްތަކަށް އާ އިމާރާތް އިތުރު ކުރުމުގެ އިތުރުން، ޓާޝަރީ ފެންވަރުގެ ހިދުމަތްވެސް ފުޅާ ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުންވެސް ހޮސްޕިޓަލްތަކާއި، ސިއްހީމަރުކަޒުތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ފާހަގަކޮށްލަށް ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ލެބޯޓްރީގެ ހިދުމަތް ފުޅާކޮށް ގިނަ ރަށެއްގައި ފަށައި، އަދި އެހެން ރަށްރަށުގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމެވެ.

ސަރުކާރުން ސިއްހީ ހިދުމަތްތަކަށް އިސްކަންދެއްވާ މިންވަރު މިފަދަ ކަންތައްތަކުން އެގި ސާބިތުވެ އެވެ.




ކިޔުންތެރިންގެ ހިޔާލު