ENGLISH

24 ފެބްރުއަރީ 2026

Advertisement

މައި ދެ އިންތިހާބު އެއްކޮށްލުމުން 90 އިންސައްތަ މީހުން ވޯޓުލާނެ: ފަލާހު

24 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުން ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު އިތުރުވެ ގާތްގަނޑަކަށް 80 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ އަދަދެއްގެ ރައްޔިތުން ވޯޓު ލާން ނުކުންނާނެކަމަށް ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ތިނަދޫ ސިޓީގެ މާލޭ ސަރައްދުގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަލާހު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ކޮންމެ އަހަރު ދައުލަތުގެ ބަޖެޓުން 80 މިލިއަން ދިވެހި ރުފިޔާ ސަލާމަތް ކުރެވޭނެކަމަށެވެ. ދެ އިންތިހާބު އެއްކޮށްލުމުން ލިބޭނެ އަނެއް ފައިދާއަކީ ވޯޓު ލާން ނުކުންނަ މީހުންގެ ނިސްބަތް އިތުރުވެގެން ދިއުން ކަމަށް ފަލާހު ވިދާޅުވި އެވެ. 

"ދެ މަހުން ދެ މަހުން އިންތިހާބުތައް އޮތީމަ ރައްޔިތުން ވޯޓުލާން ދާން ފޫހިވަނީ. ވޯޓުލާން ނުކުން ހިތް ނުވަނީ. ދެ އިންތިހާބު އެއްކޮށް އޮންނަނަމަ ޔަގީން އަޅުގަނޑަށް ރާއްޖޭގެ 80 އިންސައްތަ ނުވަތަ 90 އިންސައްތަ ރައްޔިތުން ވޯޓުލާން ނުކުންނާނެކަން. މިއީ ވަރަށް މުހިންމު ކަމެއް. " - ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު

ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަނީ ވަރަށް ގިނަ ފައިދާތައް އޭގެ ސަބަބުން ލިބޭތީ ކަމަށް ފަލާހު ވިދާޅުވި އެވެ. 

ފަލާހު ވަނީ އޭޕްރީލު މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ އިންތިހާބުގައި ދެ އިންތިހާބު އެއްކޮށްލަން ފެންނަ ކަމަށް ވޯޓު ދިނުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. 

އިދިކޮޅު އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބަށް މާބޮޑު މަސައްކަތެއް ނުކުރާކަމަށާއި އެމްޑީޕީގެ ބޭނުމަކީ ދެ އިންތިހާބު އެއްކޮށްލާ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި އެކަމަށް ރައްޔިތުން ސަމާލުވުމަށް ވެސް ފަލާހުވަނީ އިލްތިމާސްކުރައްވާފަ އެވެ. 

ދެ އިންތިހާބު އެއްކޮށްލުމުން ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް އިތުރުވާނެކަމަށް ފަލާހު ވިދާޅުވިއިރު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އަށް ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ ނިންމަވާފަ އެވެ.

މި ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ސުވާލެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކަނޑައަޅައިފައިވާ ތާރީހަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާ އަންނަ އެޕްރީލު މަހުގެ ހަތަރެއް ވާ ހޮނިހިރު ދުވަހެވެ

ކިޔުންތެރިންގެ ހިޔާލު