ENGLISH

24 ފެބްރުއަރީ 2026

Advertisement

އެސްޓޯނިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

24 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ރައީސް މުއިއްޒު އެސްޓޯނިއާގެ ރައީސާ ބައްދަލުކުރެއްވުން. ފޮޓޯ؛ ރައީސް އޮފީސް

އެސްޓޯނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޑރ. އަލާރް ކަރިސްއަށާއި ބޮޑުވަޒީރު ކްރިސްޓެން މިހަލް އަދި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.

އެސްޓޯނިއާގެ 108 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އެ ގައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސްއަށާއި، ބޮޑުވަޒީރުގެ އިތުރުން އެސްޓޯނިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފަ އެވެ. އަދި ކުރިއަށް އޮތް އަހަރަކީ އެސްޓޯނިއާގެ ރައްޔިތުންނަށް ބާއްޖަވެރި އަދި ފާގަތި އަހަރަކަށްވުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފަ އެވެ.

ރާއްޖެއާއި އެސްޓޯނިއާއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން މިވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ މިގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ. 

އެސްޓޯނިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހެވެ.

ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 13 އިން 16 އަށް އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެސްޓޯނިއާގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންނާއި، ޓާރްޓޫގެ މޭޔަރާއި، ތަޢުލީމީ ދާއިރާގެ މަންދޫބުންނާއި، ފާހަގަކޮށްލެވޭ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނާ އެކު ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފަ އެވެ. މިގޮތުން މި ދަތުރުފުޅުގައި، ތިން ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެތެރޭގައި ހިމެނެނީ ދިވެހި ސަރުކާރާއި އެސްޓޯނިއާގެ ސަރުކާރާ ދެމެދު މަޢުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ސޮއި ކުރެއްވި ފަހުމުނާމާއާއި، ދެޤައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމަށް ސޮއި ކުރެއްވި ފަހުމުނާމާ އަދި، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްއާ ދެމެދު ސޮއިކުރެއްވި ފަހުމުނާމާ އެވެ.

ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް، މި ދަތުރުފުޅުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ވަނީ ލިބިފަ އެވެ. ރާއްޖެ ޑިޖިޓަލައިޒްކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދީ، ބައިނަލްއަޤްވާމީ ގުޅުންތައް ޤާއިމުކުރައްވައި، ގުޅުންތައް ބަދަހި ކުރެއްވުމަށް ސަރުކާރުން ގެންދަނީ ޚާއްޞަ އިސްކަމެއް ދެއްވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު