ENGLISH
26 ފެބްރުއަރީ 2026
ވައުދުތައް ފުއްދޭނީ ސަރުކާރަށް މެޖޯރިޓީ ލިބިގެންކަން އިދިކޮޅުންވެސް ގަބޫލުކުރޭ: ނަރީޝް
24 ފެބްރުއަރީ 2026
|
އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ނަރީޝް ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމް
އެންމެ މަޤްބޫލު
ސަރުކާރުން ވައުދުވެފައިވާ ކަންކަން ނިންމޭނީ ސަރުކާރަށް މެޖޯރިޓީ ލިބިގެންކަން އިދިކޮޅު އެމްޑީޕީއިންވެސް ގަބޫލުކުރާކަމަށް ޔޫތު މިނިސްޓްރީގެ އެޑްވައިޒަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ދިވެހީންގެ ރާއްޖެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ނަރީޝް ވަނީ އިދިކޮޅު އެމްޑީޕީގެ ވެރިކަންތަކުގައިވެސް ކައުންސިލް އިންތިޚާބުތަކުގައާއި، މަޖިލިސް އިންތިޚާބުތަކުގައި ސަރުކާރަށް މެޖޯރިޓީ ލިބުމަށް ގޮވާލާކަން ފާހަގަކުރައްވާފައެވެ.
ނަރީޝް ވިދާޅުވީ ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމު ގާއިމްކުރެވުނު ހިސާބުން އަބަދުވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގެ ވާހަކަ ދެކެވޭ ކަމަށެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ފަސް އަހަރުގެ ދައުރެއް ލިބިގެންދާއިރު، އިދިކޮޅަށް މަޖިލިސް މެޖޯރިޓީ ލިބިއްޖެނަމަ ސަރުކާރު ހުއްޓުވަން މަސައްކަތް ކުރާ ކަމަށާއި، އަދި ލޯކަލް ކައުންސިލްތައް މެދުވެރިކޮށްވެސް ސަރުކާރު ހުއްޓުވަން މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ.
މިއީ އިދިކޮޅުންވެސް ތަޖުރިބާ ކޮށްފައިވާ ކަންކަން ކަމަށް ނަރީޝް ވިދާޅުވިއެވެ. އެގޮތުން އެޕާޓީއާ އިދިކޮޅު ކައުންސިލްތަކަށް ކަންކަންކޮށް ނުދިނުމާއި، އަދި ކައުންސިލްތަކުން ސަރުކާރާ އެއްބާރުލުންދޭން ބޭނުން ނުވުމާއި، އާޚިރުގައި މި ޚިޔާލު ތަފާތުވުންތަކުގެ ގެއްލުން ލިބިގެންދަނީ އެރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ނަރީޝް ވިދާޅުވިއެވެ.
"ގއ. ވިލިނގިލީގައި ބަނދަރު ތަރައްގީކުރާތާ 13 އަހަރު. މި ސަރުކާރު އައި ފަހުން މިހާރު ސްޕީޑު އަވަސްކޮށް ފުދޭވަރަކަށް ބާރަށް އެބަދޭ ކުރިއަށް. މިދައްކަނީ ރައްޔިތުންގެ އަސާސީ ބޭނުމަކަށް މިހަދާ ލަފާފުރާ ބަނދަރުގެ ވާހަކަ. މިހިސާބުން ހުއްޓޭކަމަށް ވަންޏާ މިއަށް ބަދަލު އަންނަންޖެހޭ. ސަރުކާރާ އެކީގައި މަސައްކަތްކުރާނެ، ސަރުކާރާ އެކީގައި ވާގިވެރިވާނެ ކައުންސިލްތަކެއް އަންނަންޖެހޭ، ސަރުކާރަށް އެ މެޖޯރިޓީ ދޭންޖެހޭ." - އަހުމަދު ނަރީޝް
އެހެންކަމުން ސަރުކާރުގެ ވައުދުތައް ފުއްދުމަށް ސަރުކާރާ އެއްކޮޅު ކައުންސިލްތަކެއް ގެންނަންޖެހޭކަން އިދިކޮޅުންވެސް ގަބޫލުކުރާކަމަށް ނަރީޝް ވިދާޅުވިއެވެ.
"އެމްޑީޕީއަށްވެސް ގަބޫލުކުރެވުނު ހަގީގަތަކީ ސަރުކާރަށް މެޖޯރިޓީ ދީގެންނޭ އެކަން ވާނީ. ސަރުކާރަށް މެޖޯރިޓީ ނުދީ އެކަން ކުރަން ނުކުމެއްޖެ ކަމަށް ވަންޏާމު އުނދަގޫތައް އާދޭ." - އަހުމަދު ނަރީޝް
މީގެ އިތުރުން ނިމިދިޔަ ހަފްތާގައި ކޮންގްރެސް ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ކުރިއަށްގެންދިޔަ މަސައްކަތްތައް ފާހަގަކުރައްވައި ނަރީޝް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކެމްޕޭނުގެ ޑޯ-ޓު-ޑޯ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަކީ ކެމްޕޭނުގެ މަސައްކަތްތަކެއް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ރައީސްއާ ހިއްސާކުރެއްވުމުގެ ފުރުސަތު ލިބުމަކީ ރައްޔިތުންވެސް ވަރަށް ބޮޑަށް ބަލައިގަތް ކަމެއްކަމަށް ނަރީޝް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާއިރު، ކޮންގްރެސް ޕާޓީއިން ދަނީ އިންތިޚާބަށް ގިނަ ތައްޔާރީތަކެއް ވަމުންނެވެ.