ENGLISH

26 ފެބްރުއަރީ 2026

Advertisement

ނައިޖަލް ފަރާޖް ވިދާޅުވީ ފޯޅަވަހީގެ މައްޗަށް ދައުވާކުރުމުގެ ހައްގު އެންމެ ބޮޑަށް އޮތީ ރާއްޖެއަށް ކަމަށް

25 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރިފޯމް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖު

ޗާގޯސްއަށް ދައުވާކުރުމުގެ ހައްގު އެންމެ ބޮޑަށް ލިބިގެންވަނީ ދިވެހިރާއްޖެއަށް ކަމުގައި އިނގިރޭސިވިލާތުގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރު އަދި ރިފޯމް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ވިދާޅުވެއްޖެއެވެ. 

ނައިޖަލް ފަރާޖަކީ މިހާރު އިނގިރޭސިވިލާތުގައި އެންމެ ހަލުއިކޮށް ތަރައްގީވެ ބޮޑުވަމުން އަންނަ ޕާޓީކަމަށްވާ ރިފޯމު ޕާޓީގެ ލީޑަރެވެ. އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި ފަރާޖް ވިދާޅުވި ގޮތުގައި ތާރީހީ ގޮތުންނާއި ޖިއޮގްރަފީގެ ގޮތުން ޗާގޯސްގެ މައްޗަށް ދައުވާކުރުމަށް އެންމެ ހައްގުކަން ބޮޑު ގައުމަކީ ދިވެހިރާއްޖެއެވެ. 

އިތުރަށް ފަރާޖު ވިދާޅުވީ ފޯޅަވައްސާއި ރާއްޖެއާ ދެމެދުގައި އޮތް ތާރީހީ ގުޅުމަކީ ވިޔަފާރިއާއި އާކިއޮލޮޖީގެ ގޮތުން ސާބިތުވާން އޮތް ގުޅުމެއް ކަމަށެވެ. އަދި ފަރަންސޭސިން އެ ރަށްތަކަށް ވެރިވުމަށްފަހު ކުރި ކަމަކީ ދިވެހި ބަހުން އެ ރަށްތަކަށް ކިޔަމުން އައި ނަން ބަދަލުކޮށްލުން އެކަނި ކަމަށްވެސް ފަރާޖު ވިދާޅުވިއެވެ. 

އިތުރަށް އޭނާ ވިދާޅުވީ ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ދައުވާއެއް ކުރުމަށް މޮރިޝަސްއަށް ތާރީހީ އަދި ސަގާފީ އަދި ޖިއޮގްރަފީގެ އެއްްވެސް އަސާސެއް ދެއްކެން ނެތް ކަމަށެވެ. 

މިކަމުގައި ރާއްޖޭގެ ނުތަވަނަސްކަން ގުޅިފައި އޮތީ ޒަމާންތަކެއް ވަންދެން މި ސަރަހައްދުގައި އޮތް ހަމަޖެހުމަށް ބުރޫއަރާ ގޮތަށް ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމުން ސަރަހައްދީ އިންތަކާ ގުޅޭ "ހަނގުރާމެއް" މި ސަރަހައްދުގައި އުފެދުމުގެ އިހުތިމާލު އޮތުންކަމަށްވެސް ފަރާޖު ވިދާޅުވިއެވެ. 

ފަރާޖު ވިދާޅުވި ގޮތުގައި ކުޑަ ދުވަސްްކޮޅެއްގެ ތެރޭގައި ރާއްޖެއިން އަދުލުގެ ބައިނަލްއަގުވާމީ ކޯޓުގައި ފޯޅަވަހީގެ މައްޗަށް ސިިޔާދަތީ ދައުވާއެއް އުފުލުމަކީ އެކަށީގެންވާ ކަމެކެވެ. ތަކުރާރުކޮށް އޭނާ ވިދާޅުވެފައިވަނީ ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ދައުވާކުރުމުގެ ހައްގު އެއްވެސް ބަޔަކަށް އޮތްނަމަ އެ ހައްގު ލިބިގެންވަނީ މޮރިޝަސްއަށް ނޫން ކަމަށާއި، އެ ހައްގު ލިބިފައި އޮންނާނީ ރާއްޖެއަށް ކަމަށެވެ. 

ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ހައްގެއް ރާއްްޖެއަށް ލިބިފައިވާކަން ދިވެހިރާއްޖެއިން ގަބޫލުކުރާކަން އަންގަވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފައެވެ. އަދި ފޯޅަވަހި ރާއްޖެއަށް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމަށާއި، ބައިނަލްއަގުވާމީ ގޮތުން އެ މަގަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ފަށާނެކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިއުލާނުކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު