ENGLISH

25 ފެބްރުއަރީ 2026

Advertisement

ދުންފުހުގެ މައްސަލައަށް ދިގު މުއްދަތުގެ ޙައްލެއް ހޯދަން ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރަނީ

25 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ދިވެހި ޚާރިޖިއްޔާ --

ދުންފުހުގެ އަސަރު ކުޑަކުރުމަށާއި، ވައިގެ ސާފުކަން ދެމެހެއްޓުމަށްޓަކައި ދުންފުހީގެ މައްސަލައަށް ދިގު މުއްދަތުގެ ހައްލުތަކެއް ހޯދުމަށް ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ.

ދުންފުހުގެ އަސަރު ބޮޑުވެ ރާއްޖޭގެ ބޮޑު ބައެއްގައި ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. ކުރީން ވެސް މި މައްސަލަ ކުރިމަތިވީ ނަމަވެސް މިފަހަރު މިކަން ހައްލުނުވެ ވަރަށް ބޮޑަށް ވަނީ ދިގުލައިގެންގޮސްފަ އެވެ.

އެކަމާއި ގުޅިގެން ދިވެހި ޚާރިޖިއްޔާއިން މިއަދު ބުނީ ރާއްޖޭގެ ސަރަޙައްދަށް މިދުވަސްވަރު ކުރިމަތިވެފައިވާ ދުންފުހުގެ މައްސަލައަކީ އާންމު ސިއްޙަތާއި، ތިމާވެއްޓާއި އަދި ޤައުމުގެ އިޤްތިސާދާ ސީދާ ގުޅުންހުރި ކަމަކަށްވާތީ، މިއީ ސަރުކާރުން ނުހަނު އިސްކަންދޭ ޤައުމީ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން ޢާންމު ރައްޔިތުންގެ އޮތް ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ ބޯޑަރު ހުރަސްކޮށް އަންނަ ވައިގެ ނުސާފުކަމަށް ގިނަ ވަގުތު ހުށަހެޅިފައި ހުރުމަކީ ޢާންމު ސިއްޙަތަށާއި، އިޖުތިމާޢީ ދުޅަހެޔޮކަމުގެ އިތުރުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހި އިޤްތިސާދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

އެ ވުޒާރާއިން ބުނި ގޮތުގައި މި މައްސަލައަކީ މުޅި ދެކުނު އޭޝިއާ ސަރަޙައްދަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލައެކެވެ. އަދި މޫސުމީ ވަޔާއެކު ސަރަޙައްދީ ޤައުމުތަކުން ބޭރުވާ ދުމާއި ތަޣައްޔަރުވެފައިވާ ވައި ރާއްޖެއާ ހަމައަށް ފޯރަމުންދާއިރު މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި އެ ވުޒާރާއިން ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ސައިންޓިފިކް ދިރާސާތައް ޙިއްސާކުރުމާއި، މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ކުރުމާއި ދުންފުހުގެ އަސަރު ކުޑަކުރުމަށާއި ވައިގެ ސާފުކަން ދެމެހެއްޓުމަށްޓަކައި ދުންފުހުގެ މައްސަލައަށް ދިގު މުއްދަތުގެ ޙައްލުތަކެއް ހޯދުމަށް ސަރަޙައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިވެހި ޚާރިޖިއްޔާއިން ވަނީ ތަރައްޤީ ވަމުންދާ ކުދި ޖަޒީރާ ގައުމެއްގެ ޙައިސިއްޔަތުން، ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު