ENGLISH
11 ޖޫން 2026
ސޯމާލިއާގެ ރެފުރީ ފޮނުވާލީ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮތުމުން ކަމަށް އެމެރިކާއިން ބުނެފި
10 ޖޫން 2026
|
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕުގެ ރެފުރީކަން ކުރުމަށް ފީފާއިން ހޮވި 52 ރެފުރީންގެ ތެރޭގައި ހިމެނުނު ސޯމާލިއާގެ ރެފުރީ އޮމާރް އަރްޓާން އާއި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮތް ކަމަށް އެމެރިކާއިން ބުނެފިއެވެ.
އުމުރުން 34 އަހަރުގެ އަރްޓާން އަކީ 2025 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ރެފުރީއެވެ. އޭނާ ވެގެންދާނީ ވޯލްޑް ކަޕުގެ މެޗެއްގައި ރެފުރީކަންކުރާ ފުރަތަމަ ސޯމާލިއާގެ ރެފުރީއަށެވެ. ނަމަވެސް ޑިޕްލޮމެޓިކް ޕާސްޕޯޓަކާއެކު އެމެރިކާއަށް އެތެރެވުމުގެ ވިސާ އޮތް ނަމަވެސް، މިދިޔަ ހޯމަ ދުވަހު މަޔާމީ އިންޓަރނޭޝަނަލް އެއަރޕޯޓުން އޭނާ އެތެރެވިޔަނުދީ ވަނީ ހިފަހައްޓާފައެވެ.
ސޯމާލިއާއަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ތައާރަފުކުރެއްވި ދަތުރުފަތުރު މަނާކުރާ ލިސްޓުގައި ހިމެނޭ 12 ގައުމުގެ ތެރެއިން އެއް ގައުމެވެ.
އަރްޓާން އެނބުރި ސޯމާލިއާއަށް ގޮސްފައިވަނީ ބުދަ ދުވަހުއެވެ. އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި: އަރްޓާން މަސައްކަތް ކުރީ އެމެރިކާއަށް އެތެރެވުމަށް ކަމަށާއި، ނަމަވެސް ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން (ސީބީޕީ) އިން ބެލިބެލުމުން، ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ ކަމަށް ތުހުމަތުކުރެވޭ މީހުންނާ އޭނާއާ ގުޅުން އޮތްކަން ހާމަވާ ފަދަ މައުލޫމާތުތަކެއް ފެނިފައިވާ ކަމަށެވެ. އެހެންކަމުން އިމިގްރޭޝަން އެންޑް ނެޝަނަލިޓީ އެކްޓް (އައިއެންއޭ) ގެ ދަށުން އޭނާއަކީ އެމެރިކާއަށް އެތެރެވުމުގެ ޝަރުތު ހަމަވާ މީހެއް ނޫން ކަމަށެވެ. އަދި ރައީސް ޓްރަމްޕުގެ ސަރުކާރުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް މީހަކު އެ ގައުމަށް އެތެރެވުމުގެ ފުރުސަތެއް ނުދޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އަރްޓާން އަނބުރާ އޭނާގެ ގައުމަށް ދިއުމުން، ސަރުކާރުގެ އިސް އޮފިޝަލުންނާއި، ސޯމާލިއާ ފުޓްބޯޅަ ފެޑަރޭޝަންގެ މަންދޫބުންނާއި، އެހެނިހެން ރެފުރީންގެ އިތުރުން އާންމު ރައްޔިތުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
އޭނާ އެއާޕޯޓުގައި ހުރެ މީޑިއާއަށް ވަނީ ކުރު ބަޔާނެއް ދީފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ރެފުރީކަން ކުރުމުގެ އަޒުމުގައި ހުރިކަމަށެވެ.