ENGLISH

11 ޖޫން 2026

Advertisement

އަފްޣާނިސްތާން ބަލިކޮށް ޑައިމަންޑް ޖުބިލީ މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނަށް

10 ޖޫން 2026

|

އިސްމާއިލް ޝާހު

ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓްރޮފީ އާއެކު ޕާކިސްތާނުގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް

ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދައިފިއެވެ. 

މި މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދީ ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި 2-0 ގެ ނަތީޖާއަކުން އަފްޣާނިސްތާން ބަލިކޮށްގެންނެވެ. ހަތަރު ގައުމު ވާދަކުރި މި މުބާރާތުގެ ލީގު ބުރުގައިވެސް ޕާކިސްތާނުން ވަނީ 2-0 ގެ ނަތީޖާއަކުން އަފްޣާނިސްތާން ބަލިކޮށްފައެވެ.

މިރޭ ކުޅުނު ފައިނަލް މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އޭރިއާ ތެރެއިން އަފްޣާނިސްތާނުގެ ގަމަރުއްދީން ފޮނުވާލި ހަމަލާއެއް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އަދި އޭގެ ތިން މިނެޓު ފަހުން ހިލޭ ޖެހުމަކުން އެ ގައުމުގެ އަމީން ނަބިޒާދާ ފޮނުވާލި ހަމަލާއެއް، ޕާކިސްތާނުގެ ގޯލްކީޕަރު ހަނީފް ސާގިބު ވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި ޕާކިސްތާނުގެ ގޯލުން ހަނީފް ފެނިގެންދިޔައިރު، ލީގު ބުރުގައި ކުޅުނު މެޗުތަކުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ޔޫސުފް އިޖާޒް ބަޓެވެ. އެކަމަކު އޭނާ ވަނީ ކާޑު ހަމަވުމުގެ ސަބަބުން މި މެޗަށް ސަސްޕެންޑުވެފައެވެ.

ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޕާކިސްތާނާއި އަފްޣާނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް

މި މެޗުގައި ޕާކިސްތާނުން ލީޑު ނަގާފައިވަނީ މެޗުގެ 24 ވަނަ މިނެޓުގައެވެ. އޯޓިސް ޚާން ތަނަވަސްކޮށްދިން ފުރުސަތެއްގައި، އޭރިއާ ތެރެއިން އޯވަހެޑް ކިކަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޝަޔަކް ދޯސްތެވެ. އޭގެ ފަހުން މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޭރިއާ ބޭރުން އަފްޣާނިސްތާނުގެ އޮމިދު މުސާވީ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އޭރިއާ ތެރެއިން ޕާކިސްތާނުގެ އާދިލް ނަބީ ފޮނުވާލު ހަމަލާއެއްވެސް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އޭގެ ފަހުން ނަތީޖާ އެއްވަރުކުރުމަށް އަފްޣާނިސްތާނުން ކުރި މަސައްކަތުގައި، މެޗުގެ 74 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އެ ޓީމުގެ އަމީން ފޮނުވާލި ހަމަލާއެއް، ޕާކިސްތާނުގެ ކީޕަރު ހަނީފް ވަނީ ދިފާއުކޮށްފައެވެ.

ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޕާކިސްތާނާއި އަފްޣާނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް

މި މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ޕާކިސްތާނުގެ އަލް ހައިދަރު ޝާހަށް ވަނީ އޭރިއާ ތެރެއިން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަަމަކު އޭނާ ފޮނުވާލި ހަމަލާ އަފްޣާނިސްތާނުގެ ކީޕަރު ފައިސަލް އަޙްމަދު ހަމީދީ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ޕާކިސްތާނުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން އެރި ހާރޫން ރާޝިދެވެ.

މި މޮޅާއެކު ޕާކިސްތާނުން ޑައިމަންޑް ޖުބިލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، މި މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެއެވެ. އެގޮތުން ލީގު ބުރުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވި ނަމަވެސް، އެ ޓީމުން ވަނީ ލީގު ބުރުގައި ރާއްޖެ އާއި އަފްޣާނިސްތާން ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު