ENGLISH
11 ޖޫން 2026
އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ އާއި ތަޖިކިސްތާނުގެ ރެގާރުގެ ކުރިމަތިލުމެއް
11 ޖޫން 2026
|
މިދިޔަ ސީޒަނުގެ އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ އާއި އަލް އަރާބީ ބައްދަލުކުރި މެޗުގެ ތެރެއިން ---
އެންމެ މަޤްބޫލު
އަންނަ ސީޒަނުގެ އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ތަޖިކިސްތާންގެ ރެގާރު-ޓަޑާޒް ބައްދަލުކުރަން ޖެހިއްޖެއެވެ.
އޭއެފްސީން ކުލަބު ފުޓްބޯޅަ މުބާރާތްތަކުގެ ފޯމެޓު ބަދަލުކޮށް، ގައުމުތަކުގެ ލީގުތަކުގެ ފެންވަރަށް ބެލުމަށްފަހު ފުރުސަތު ދޭން ފެށި ފަހުން، ރާއްޖެއަށް ލިބެނީ އެންމެ ޖާގައެކެވެ. އެއީ އަލަށް ފެށި އޭޝިއާގެ ތިންވަނަ ފަންތީގެ ކުލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޗެލެންޖް ލީގުންނެވެ.
އެކަމަކު މީގެ ކުރިންް އޭޝިއާގެ ދެވަނަ ފަންތީގެ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕުން ރާއްޖެއަށް ދެ ޖާގަ ލިބެއެވެ. އެގޮތުން ލީގު ޗެމްޕިއަނަށް ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް، އަދި އެފްއޭ ކަޕުގެ ޗެމްޕިއަން ޓީމަށް ކޮލިފައިންގެ ޖާގައެއް ލިބެއެވެ.
އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖެއިން މިހާތަނަށް ވާދަކޮށްފައިވަނީ މާޒިޔާ އެކަންޏެވެ. އެގޮތުން 2024/25 ވަނަ އަހަރުގެ ސީޒަނުގެ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް މާޒިޔާއަށް ލިބުނު ނަމަވެސް، 2025/26 ވަނަ އަހަރުގެ ސީޒަނުގައި މާޒިޔާ ވާދަކުރީ ޕްރިލިމިނަރީ ބުރުގައެވެ. އެގޮތުން ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ވެސްޓް ރީޖަންގެ ޕްރިލިމިނަރީ ބުރުގެ މެޗުގައި ކުވެއިތުގެ އަލް އަރާބީ އަތުން 4-0 ގެ ނަތީޖާއަކުން ބަލިވެ، މާޒިޔާ ވަނީ މިދިޔަ ސީޒަނުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ނުލިބި ކަޓާފައެވެ.
ކުރިއަށް އޮތް ސީޒަނުގެ ވެސްޓް ރީޖަންގެ ޕްރިލިމިނަރީ ބުރުގައި ރާއްޖެއިން ވާދަކުރާ މާޒިޔާއިން ނިމުނު ސީޒަނުގައިވެސް ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދީ މެޗަކުން ބަލިނުވެއެވެ. މިއީ މާޒިޔާއިން ޖެހިޖެހިގެން ލީގު ޗެމްޕިއަންކަން ހޯދި ފަސްވަނަ ފަހަރެވެ.
އަންނަ އޯގަސްޓް މަހުގެ 11 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ ވެސްޓް ރީޖަންގެ ޕްރިލިމިނަރީ ބުރުގެ މެޗުގައި މާޒިޔާއިން ވާދަކުރަން ޖެހޭ ރެގާރު އަކީ މިދިޔަ ސީޒަނުގައި ތަޖިކިސްތާނުގެ ކަޕް ޗެމްޕިއަނުންނެވެ. މިދިޔަ އަހަރު ރެގާރު ވަނީ އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅެފައެވެ.