ENGLISH
25 ފެބްރުއަރީ 2026
ކުވައިތުގެ ޤައުމީ ދުވަހާއި މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
25 ފެބްރުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ކުވައިތުގެ ވެރީން --
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކުވައިތުގެ ޤައުމީ ދުވަހާއި މިނިވަން ދުވަހުގެ މުނާސަބަތުގައި، ކުވައިތުގެ އަމީރު ޝައިޚް މެޝާލް އަލްއަޙްމަދު އަލްޖާބިރު އަލްސަބާޙްއަށާއި، ބޮޑުވަޒީރު ޝައިޚް އަޙްމަދު ޢަބްދުﷲ އަލްއަޙްމަދު އަލްސަބާޙްއަށް، މަރުޙަބާ ވިދާޅުވެ، ތަހުނިޔާ ފޮނުއްވައިފި އެވެ.
ކުވައިތުގެ އަމީރާއި ބޮޑުވަޒީރަށް ވަކިވަކީން ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފަ އެވެ. އަދި ދެ ޤައުމުގެ މެދުގައި އޮންނަ ގާތް ގުޅުމަކީ، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، ދެ ޤައުމުން ހިއްސާކުރާ ގިޔަމުތަކުގެ މަތީގައި ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއިން މި ގުޅުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ ދެމެހެއްޓެނިވި ލާބައާއި ތަނަވަސްކަމަށް މަންފާކުރަނިވި ގޮތެއްގައި، ދެ ޤައުމުގެ މެދުގައި އުފެދިފައިވާ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އަރުވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކުވައިތުގެ އަމީރާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ކުވައިތުގެ ކުރިއެރުމާއި ތަނަވަސްކަމަށް އެދިވަޑައިގެންފަ އެވެ.
މި ދެ މުނާސަބަތާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުވައިތު ފަންޑް ފޯ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް މެދުވެރިކޮށް ލިބެމުންދާ ދީލަތި އެހީތެރިކަން ފާހަގަކުރައްވާފައިވެ އެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ ފުރުސަތުތަކެއް އޮތްކަމަށް ޤަބޫލުފުޅުކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ކުވައިތުގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ފެބުރުވަރީ 25 ވަނަ ދުވަހެވެ. އަދި އެ ޤައުމުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ފެބުރުވަރީ 26 ވަނަ ދުވަހެވެ.