ENGLISH
23 ފެބްރުއަރީ 2026
އިދިކޮޅުން ކޮންމެ ވާހަކައެއް ދެއްކިޔަސް، ރައީސް ގެންނެވި މާލީ އިގުތިސާދީ ހެޔޮ ބަދަލުތައް ހުރީ ފެންނަން: ޒަމީރު
23 ފެބްރުއަރީ 2026
|
މާލީ އަދި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
އިދިކޮޅު ފަރާތްތަތަކުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ކުރެއްވި މަސައްކަތްޕުޅުން ގެންނަވާފައިވާ މާލީ އަދި އިގުތިސާދީ ހެޔޮ ބަދަލުތައް ސާފުކޮށް ފެންނަން އެބަހުރި ކަމަށް މާލީ އަދި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިފަދައިން ޒަމީރު ވިދާޅުވީ މިއަދު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީން ހެންވޭރު ހުޅަނގު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސް ޑރ.މުޢިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން، އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެ ބަސްދީގަތުމުގައި ޒަމީރު ވިދާޅުވެފައިވަނީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެން ތަންފީޒުކުރައްވާ ޖަވާބުދާރީވަނިވި ޒިންމާދާރު ސިޔާސަތުތަކުގެ އެއް މިސާލަކީ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު އޭގެ އަސްލު މަގުސަދާ އެއްގޮތަށް ބޭނުންކުރެއްވުން ކަމަށެވެ. އެ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން އެ ފަންޑުގައި ރައްކާކުރެވިފައި ހުރި ބޭރު ފައިސާގެ އަދަދު އެތައް މިލިއަނަކުން އިތުރުކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ފައިސާ މި އަހަރު ދައުލަތުން އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށް ބޭނުންކުރެވޭނެ ގޮތަށް ކަންކަން ތަރުތީބުކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިތުރަށް ވަޒީރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވަރަށް ގިނަ ވާހަކަތައް އެކި ގޮތްގޮތަށް ދައްކަމުންދިޔަ ނަމަވެސް ރައީސް މަސައްކަަތްކުރައްވާ ގޮތާއި، އެމަނިކުފާނު ގެންނެވި ހެޔޮ ބަދަލުތައް ވަރަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށެވެ. އަދި މިހާރުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މަގުފަހިކޮށްދެއްވުމަށް އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތްޕުޅާއި އޭގެ ނަތީޖާ އިހުސާސްކުރެވި ފެންނަމުންދާކަމަށެވެ.
އޭގެ އިތުރަށް އިގުތިސާދީ ހާލަތު ރަނގަޅުކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން ޒަމާންތަކެއް ވަންދެން އަޅައިނުލެވި ހުރި ރާއްޖޭގެ ވިޔަފާރިތަކަށް ދިރުން ގެންނެވުމަށްޓަކައި ކުރެއްވޭނެ ކަންކަން ބެއްލެވުމަށް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ސަރުކާރުން ކޮށްދެވެން ހުރި ކަންކަން އޮޅުންފިލުއްވައި އެކަންކަންވެސް ރައީސް ކުރައްވަމުންގެންދަވާ ކަމށް ޒަމީރު ވިދާޅުވިއެވެ.
"ބިނާކުރަނަވި ފާޑުކިޔުމަށްވާނަމަ ތިޔަ ވިދާޅުވާ ކަހަލަ ދޮގު މައުލޫމާތު ނުފަތުރާނެ. އެހެންނަމަވެސް އަޅުގަނޑަށް ހީވަނީ ޒިންމާދާރުކަން ތަންކޮޅެއް ކުޑަކޮށް ކަންނޭނގޭ ބައެއް ބޭފުޅުންގެ ވާހަކަފުޅުތައް އެހުންނަނީ. އެހެންވީމާ ތިޔަ ވިދާޅުވާ ގޮތަށް އަޑުތައް އިވިގެންދަނީ،" ޒަމީރު ވިދާޅުވިއެވެ.
ފައިސާ ޗާޕުކުރަން މަސައްކަތްކުރާކަމަށް ދައްކާ ވާހަކަތަކަށް ރައްދުދެއްވަައި ޒަމީރު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ފައިސާ ޗާޕުކޮށްފައިނުވާނެ ކަމަށާއި، އަދި ރައީސްގެ ވިސްނުންފުޅު ހުރީ ފައިސާ ޗާޕުކުރުން ފަދަ ކަންކަން ކުރުމުގެ ބަދަލުގައި އިގުތިސާދު ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައިގެން އިގުތިސާދު ފުޅާކުރެއްވުމަށް ކަމަށެވެ.
"އިގުތިސާދު ފުޅާކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ރައީސްވަނީ ކުރައްވާފައި. ޓޫރިޒަމް ފުޅާކުރެއްވުމާއި ދެން ހުރި ސިނާއަތްތަައް ފުޅާކުރެއްވުމަށްވެސް ގިނަ މަސައްކަތްތަކެއްވަނީ ކުރައްވާފައި. އެހެންވީމާ ފެނިގެން މިދަނީ އެކަންކަމުގެ ނަތީޖާ،" ޒަމީރު ވިދާޅުވިއެވެ.
އިދިކޮޅުން އޭސީސީއަށް މައްސަލަތައް ހުށަހަޅަމުންދާ ދިއުމަށް އިޝާރާތްކުރައްވައި ޒަމީރު ވިދާޅުވީ މި ސަރުކާރުން އެއްވެސް މިނިވަން މުއައްސަސާއަކަށް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ. އަދި ސަރުކާރުގެ މަސައްކަތެއްގައި ނުރަނގަޅު ކަމެއް އޮތްކަމަށް ފެންނަމަ އެކަން މިނިވަން މުއައްސަސާތަކަށް ހުށަހެޅުމަކީ އިދިކޮޅު ފަރާތްތަކަށް އޮތް ހައްގެއް ކަމަށާއި، ސަރުކާރުން މަސައްކަތްކުރާނީ ޖަވާބުދާރީވަނިވި ގޮތެއްގައި މަސައްކަތްކުރުމުގެ ޒިންމާއާ އެއްގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.