ENGLISH
23 ފެބްރުއަރީ 2026
ރައީސް ހެންވޭރު ހުޅަނގުގެ ރައްޔިތުންގެ އަރިހަށް، ރައްޔިތުންގެ އަޑުއެއްސެވުމުގައި އެތައް ވަގުތެއް
23 ފެބްރުއަރީ 2026
|
ހެންވޭރު ހުޅަނގުގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: އެމްއެމްޓީވީ
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕެއިންގައި ހެންވޭރު ހުޅަނގު ދާއިރާގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސް ޑރ.މުޢިއްޒުވަނީ ހެންވޭރު ހުޅަނގު ސަރަހައްދުގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި ހާލު ބައްލަވައިލައްވާފައެވެ.
ލޯކަލް ކައުންސިލު އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކަށް އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު އެ ދާއިރާތަަކަށް ރައީސް ކުރައްވަމުންދާ ސިލްސިލާ ޒިޔާރަތުގައި އެ ދާއިރާތަކުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމުންދެއެވެ.
އެގޮތުން މިއަދު ހެންވޭރު ހުޅަނގަށް ވަޑައިގަތުމުން އެ ދާއިރާގެ ވަރަށް ގިނަ ރައްޔިތުން އެމަނިކުފާނާ މަގުމަތިން ބައްދަލުކޮށް ސަލާންކޮށް، ކަންބޮޑުވުންތަކާއި ހިޔާލުތައް އެމަނިކުފާނާ ހިއްސާކުރިއެވެ. އެމަނިކުފާނުގެ މި ޒިޔާރަތްތަކުގައި ބައްދަލުވެވަޑައިގަންނަވާ ކޮންމެ ބޭފުޅަކާއެކު ވަގުތު ހޭދަކުރައްވައި އެ ބޭފުޅެއްގެ ކަންބޮޑުވުންތައް އަޑުއައްސަވައެވެ.
ރައީސް މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ރައްޔިތުންނާ ގާތުން އެ ރައްޔިތުންގެ ހާލުކޮޅު ބައްލަވައި ކޮންގްރެސްގެ ކެންޑިޑޭޓުންނަަށް ކެމްޕެއިން ކުރައްވަމުންދާއިރު، އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންނާއި، ކޮންގްރެސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގަތުމުގެ ކުރިން މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރުވެސް ކޮންމެ ހަފުތާއަކުހެން ރައީސް މާލޭގެ އެކި ސަރަހައްދުތަކަށް ވަޑައިގެން އާއްމުންގެ ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު އަޮޅުންފިލުއްވަމުން ގެންދެވިއެވެ.
އަދި ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރަށް ވަކިވަކިން މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި އެކަންކަން ހައްލުކުރެއްވުމުގެ މަސައްކަތް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ.
ކުރިއަށް އޮތް ކައުންސިލު އިންތިހާބުގެ ފޯރި ގަދަވަމުންދާއިރު ވެރިކަންކުރާ ކޮންގްރެސް ޕާޓީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިޒާމީ ގޮތެއްގަައި ކެމްޕެއިން ކުރަމުންނެވެ. އެ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ޑރ.މުޢިއްޒު ކެންޑިޑޭޓުންނަށް އިލްތިމާސްކުރައްވާފައިވަނީ ކެމްޕެއިނުގައި ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައިގެން ރައްޔިތުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަށެވެ.
ރައީސްގެ އިލްތިމާސާ އެއްގޮތަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ގެންދަނީ މާލެއާއި އެހެނިހެން ސިޓީތަކާއި ކުދި ބޮޑު ހުރިހާ ރަށެއްގައި ދޮރުން ދޮރަށް ހިނގައި، ވީހާވެސް ގިނަ ރައްޔިތުންނާ ބައްދަލުކޮށް ތާއީދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން ކެމްޕޭނުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދާއިރު މިހާރު ވެސް ގިނަ ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ކަށަވަރުވެފައެވެ. އެގޮތުން ކައުންސިލްތަކުގެ 28 ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 41 ގޮނޑިއާއެކު، އިންތިޚާބަކާ ނުލައި ޖުމްލަ 69 ގޮނޑިއަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވަނީ ލިބިފައެވެ.