ENGLISH
23 ފެބްރުއަރީ 2026
މާލޭގެ ކަންކަމުގައި މިހާރުގެ މޭޔަރު އެއްބާރުލުން ނުދެއްވާ، ރައްޔިތުން އެ ހާލަތު ބަދަލުކުރާނެ: ޝުޖާއު
23 ފެބްރުއަރީ 2026
|
ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާ
އެންމެ މަޤްބޫލު
މާލެ ސިޓީއަށް ކުރިމަތިވެފައި ހުރި މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ދިރިއުޅެން ފަސޭހަ ތަނަކަށް މާލެ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި މާލޭ ސިޓީގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އެއްބާރުލުން ނުލިބޭކަމަަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލުގެ އިންތިހާބުގައި ރައްޔިތުން އެ ހާލަތު ބަދަލުކުރާނެކަމަށް ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ މިއަދު ކޮންގްރެސް ޕާޓީން ހެންވެއިރު ހުޅަނގު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތުގައި ރައީސް ޑރ.މުޢިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ޝުޖާއު ވިދާޅުވީ މާލެއަކީ ތޮއްޖެހުން ބޮޑު، ގިނަ ބަޔަކު ދިރިއުޅޭ ސިޓީއަކަށްވާއިރު، މާލެއަށް ކުރިމަތިވެފައި ހުރި ގިނަގުނަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގައި ސިޓީ ކައުންސިލުގެ ބައިވެރިވުމާއި އެހީތެރިކަން އޮތުމަކީ ސަރުކާރުން އެދޭ ގޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުގައި ޝުޖާއު ފާހަގަކުރެއްވީ މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް ސަރަހައްދު ކަމުގައިވާ ބާޒާރުމަތީގެ މަގު ފުޅާކޮށް އެ ސަރަހައްދަށް ބޮޑު ލުޔެއް ސަރުކާރުން ހޯދައިދިނީ އެންމެ 65 ދުވަހުން ކަމެވެ. އެ މަސައްކަތުގައި މިހާރުގެ މޭޔަރުގެ ފަރާތްޕުޅުން އެއްވެސް އެއްބާރުލުމެއް ނުލިބޭކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ ސަރުކާރާއެކު މަސައްކަތްކުރައްވައި މިފަދަ މަސައްކަތްތަކުގައި މަދަދުވެރިވެވަޑައިގެން އެހީތެރިވެދެއްވާ މޭޔަރަކު ހުންނެވިނަމަ އެފަދަ މަސައްކަތްތައް އެއަށްވުރެ ހަލުއިކުރެވިގެންދާނެ ކަމަށެވެ.
"65 ދުވަހުން ބޮޑު ސިންގާ ކާރުބާރު ބޮޑު މަގެއް ހަމަމަގަށް އަޅުވައި ތަރުތީބުކުރުވި ކުރުވުމުގައި ހަގީގަތުގައި އަޅުގަނޑުމެންނަށް ތާއީދުކުރާ މޭޔަރަކާއެކު ކައުންސިލެއް އޮތްނަމަ އޭގެ ސްޕީޑު ދެގުނަ އިތުރުވާނެ،" ޝުޖާ ވިދާޅުވިއެވެ.
މިހާރުގެ މޭޔަރު މަސައްކަތްކުރައްވާ ގޮތާއި، ރައީސް ޑރ.މުޢިއްޒު މޭޔަރުކަމުގައި މަސައްކަަތްކުރެއްވި ގޮތުގެ ތަފާތު ވިދާޅުވެދެއްވަމުން ޝުޖާ ފާހަގަކުރެއްވީ ރައީސްގެ މޭޔަރުކަމުގައި މާލެ ސިޓީގެ އަމީނީ މަގު ހަދަން އެއިރުގެ ސަރުކާރން މަސައްކަތްކުރިއިރު ރައީސް އެދިވަޑައިގަތީ އެއްބާރުލުންދެއްވައި އެހީތެރިވެވަޑައިގަތުމަށް ކަމަށެވެ. ނަމވެސް މިހާރުގެ މޭޔަރު އުޅުއްވަނީ އެހީތެރިކަން ނުދެއްވައި އެއްބާރުލުން ނުދެއްވޭނެ ގޮތްތައް ބެއްލެވުމަށް ކަމުގައި ޝުޖާ ތުހުމަތުކުރެއްވިއެވެ.
އިތުރަށް ޝުޖާ ވިދާޅުވީ މާލޭ ރައްޔިތުން އެދޭނީ އަމާން ރައްކާތެރި ހިތްފަސޭހަ ސިޓީއަކަށް މާލެ ބަދަލުކުރުމަށް ކަމަށާއި، އެހެންކަމުން ރައްޔިތުން ކައުންސިލު އިންތިހާބުގައި ނިންމުމަކީ މާލޭ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރައްވައި، މާލޭގައި އޮތް ބިދޭސީންގެ މައްސަލަ ހައްލުކުރައްވަައި، ތޮއްޖެހުން ކުޑަކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅަށް ލިބިގެންދާ ބޮޑު ބާރަކަށް ކަމުގައި ޝުޖާ ވިދާޅުވިއެވެ.
މާލެ ސިޓީއަކީ ރައްކާތެރި އަމާން ސިޓީއަކަށް ހެއްދެވުމަށް ރައީސް ކުރައްވަމުންދާ މަސައްކަތްޕުޅަށް ރިއާޔަތްކޮށް އެމަނިކުފާނަށް އިތުބާރުކޮށް، ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އާސިޔަތު އަލައިކާ އަދުނާނުގެ އިތުރަށް ކައުންސިލާއި އަންހެނުންގެ ކޮމިޓީއަށް ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ހުރިހާ ކެންޑިޑޭޓުން އިންތިހާބުކޮށްދޭނެކަން ޔަގީންކުރައްވާ ކަމަށް މެންބަރު ވިދާޅުވިއެވެ.