ENGLISH
23 ފެބްރުއަރީ 2026
މިހާރު ކައުންސިލު އިދާރާތައްވެސް ފަރުމާކުރަނީ ރަށްރަށުގެ ރައްޔިތުން އެދޭ ގޮތަށް: ނިމާލު
23 ފެބްރުއަރީ 2026
|
ލޯކަލް ގަވަމެންޓު އޮތޯރިޓީގެ ސީއީއޯ ނިމާލު
އެންމެ މަޤްބޫލު
މި ސަރުކާރުން ކައުންސިލުތައް ބާރުވެރިކުރުވުމަށާއި ހިދުމަތް ދިނުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އަޅަމުންދާ ސަތޭކައެއްހައި ކައުންސިލު އިދާރާގެ އިމާރާތްތައް ފަރުމާކުރަމުންދަނީ ކޮންމެ ރަށެއްގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ސީއީއޯ އަދި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބުރައީސް އަހްމަދު ނިމާލު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ބޮޑު ހަބަރު ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ނިމާލު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ވުޖޫދުވީ ފަހުން އެ ގާނޫނުގެ ދަށުން އުފެދުނު ކައުންސިލުތަކާ ގާތުން ކައުންސިލުތައް ބައިވެރިކުރައްވައިގެން ވެރިކަން ކުރެއްވުމުގައި މިއަދުގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު، މި ނިޒާމު ވުޖޫދުވީ ފަހުން ވެރިކަންކުރެއްވި އެހެން ހުރިހާ ވެރިންނާ ނުބައްދަލު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.
ނިމާލު ފާހަގަކުރެއްވީ ވެރިކަމުގެ ކުރީ ކޮޅުގައި ރައީސް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި، ރާއްޖޭގެ ހުރިހާ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއާމެދު ކައުންސިލުތަކާއި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވި ކަމެވެ.
ކުރީގެ ވެރިން ލާމަރުކަޒީ ނިޒާމުގެ މިލްކުވެރިކަމަށް ދައުވާކުރެއްވި ނަމަވެސް، ރަށްރަަށަށް ވަޑައިގެން ކައުންސިލުތަކުގެ އިދާރާތަކަށް ވަޑައިގަތުމުން ފާއިތުވި މާޒީގައި އެ ނިޒާމާމެދު ވެވިފައި އޮތް އިހުމާލު ފެނިވަޑައިގަންނަވާ ކަމށް ނިމާލު ވިދާޅުވިއެވެ. ލާމަރުކަޒުކޮށް ހިދުމަތް ފޯރުކޮށްދިނުމަށް ރަށްރަށުގައި އެކަށީގެންވާ އިމާރާތްތަކެއް ހުންނަންޖެހޭކަން ފާހަގަކުރައްވަމުން ނިމާލު ވިދާޅުވީ އެ ހަގީގަތް ދެނެވަޑައިގެން އެ މަގުން މަސައްކަތް ފެއްޓެވި ފުރަތަމަ ރައީސަކީ ރައީސް ޑރ.މުޢިއްޒު ކަމަށެވެ.
ކައުންސިލުތައް ހިންގަމުންދާ ހާލަތު ސިފަކޮށްދެއްވަމުން ނިމާލު ވިދާޅުވީ ބައެއް ކައުންސިލުތަކުގައި ކައުންސިލު ރައީސާއި ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން މަސައްކަތްކުރަނީ އެއް ޖާގައިގެ ތެރޭގައި ކަމަށެވެ. އިމާރާތުގައި ފާހާނާއެއް ނެތިގެން ކައިރީ ހުންނަ ގޭގޭ ފާހާނަ ބޭނުންކުރަން މަޖުބޫރުވާ ހާލަތުގައި ތިބި ކައުންސިލުތަކާ ބައްދަލުވެވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވި ދައުރުގައި ކައުންސިލު އިމާރާތް އެޅުމަށް ބައެއް ފަރާތްތަކާ ހަވާލުކުރެވުނު ނަމަވެސް އެކަށީގެންވާ ގޮތަށް މި މަސައްކަތް ކުރެވިފައި ނެތް ކަމަށެވެ. ނަމަވެސް ރައީސް ޑރ.މުޢިއްޒު ވެރިކަމަށް ވަޑައިގެން މިހާރު 100 އެއްހައި ރަށުގައި ކައުންސިލު އިދާރާ ތަރައްގީކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ނިމާލު ވިދާޅުވިއެވެ.
ކައުންސިލު އިދާރާތައް އެޅުމުގައި ކުރިން އަމަލުކުރަމުން އައި ގޮތަކީ އެއް ތައްގަނޑަކަށް ހުރިހާ ރަށެއްގައި އިމާރާތްކުރުންކަން ފާހަގަކުރައްވަމުން ނިމާލު ވިދާޅުވީ އެއީ ކައުންސިލުތަކުގެ ބޭނުންތަކާއި، ރަށްރަށުގެ އާބާދީއާއި ތަބީއީ ތަފާތުތަކަށް ރިއާޔަތްނުކޮށް ކުރަމުން އައި ކަމެއް ކަމަށެވެ.
"ފާއިތުވި ދެ އަހަރެއްހައި ދުވަހުގެ ތެރޭ، ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގައި ސަތޭކައެއްހައި ރަށުގައި ކައުންސިލު އިމާރާތް މަސައްކަތްތައް އެދަނީ ކުރެވެމުން، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން، އެ ރަށްރަށުގައި އެ އިމާރާތްތައް ޑިޒައިންކުރެވެނީ ރައްޔިތުން އެދޭ ގޮތަށް،" ނިމާލު ވިދާޅުވިއެވެ.
މި އިމާރާތްތައް ހަދައި ނިމުމުން ރަށްފުށުގެ ކައުންސިލުތަކަށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ބޭނުންވާ ޖާގަ ހަމަޖެހި، އެކަށީގެންވާ ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމުގައި ނިމާލު ވިދާޅުވިއެވެ. އަދި ރައީސްގެ މި ސިޔާސަތުން އެކަނި ލާމަރުކަޒީ ނިޒާމު ބާރުވެރިކުރެއްވުމަށް ރައީސް ދެއްވާ އިސްކަން ފެނިގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.