ENGLISH

23 ފެބްރުއަރީ 2026

Advertisement

އެމްޑީޕީއިން އެއްވެސް އިރެއްގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތެއް ނުކުރޭ: މެންބަރު ހަމީދު

23 ފެބްރުއަރީ 2026

|

އައިޝަތު ޝާލީން

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު މަޖިލީހުގެ ޖަލްސާއެއްގައި. --ފޮޓޯ: މަޖިލިސް

އިދިކޮޅު އެމްޑީޕީއިން އެއްވެސް އިރެއްގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކޮށްފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ހަމީދު ވިދާޅުވެއްޖެއެވެ. 

މެމްބަރު މިފަދައިން ވިދާޅުވީ އެމްއެމްޓީވީގެ "ދިވެހީންގެ ރާއްޖެ" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. 

މެމްބަރު ވަނީ އެމްޑީޕީއިން އަބަދުވެސް މަސައްކަތްކޮށްފައިވަނީ ސަރުކާރު ދިގުދެންމުމުގެ ނިޔަތުގައިކަން ފާހަގަކުރައްވާފައެވެ. މިގޮތުން އެމްޑީޕީއިން ނިމިދިޔަ ދައުރުގައި ވެރިކަން އިތުރަށް ދެމެހެއްޓުމުގެ ނިޔަތުގައި ނުވެސް ހިއްކާ ހުރި ބިންތަކުން ގޯތި ދީފައިވާކަމަށާއި، މިއީ ވެރިކަން އިތުރަށް ދެމެހެއްޓުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ބިންތައް ހިއްކައި އެ ގޯތިތައް ދޫކުރަމުންދަނީ މި ސަރުކާރުން ކަމަށާއި، އެމްޑީޕީއަށް ކައުންސިލެއް އަދި ސަރުކާރެއް ހިންގުމަށް ހަވާލުކޮށްގެން މޮޅެއް ވެފައި ނެތްކަން މެމްބަރު ހަމީދު ވަނީ ފާހަގަކުރައްވާފައެވެ. 

މެމްބަރު ވިދާޅުވީ އެމްޑީޕީއިން ކައުންސިލްތަކާ ހަވާލުވުމަށްފަހުވެސް މަސައްކަތްކޮށްފައިވަނީ އެ ރަށެއްގައި ސިޔާސީ މަޝްރަހު ހޫނުކޮށް ފިތުނަ އުފައްދައިގެން މަސައްކަތްކުރަން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ރަށްރަށަށް ގެންނަންޖެހޭ ފުރިހަމަ ތަރައްގީ ގެނައުމަށް ދަތިވެ ނަތީޖާ ނުނެރެވޭކަން މެމްބަރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިސަރުކާރުން ކައުންސިލްތަކަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ފޯރުވާފައި ނޯންނާނެ ކަމަށާއި، މިއާއެކު ކައުންސިލްތަކަށް އެންމެ ރަނގަޅު ނަތީޖާ ނެރުމުގެ ފުރުސަތު ލިބިގެންދާކަމަށް މެންބަރު ފާހަގަކުރެއްވިއެވެ. 

މެމްބަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތްކުރައްވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުން ބޭނުންވާ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރެއްވުމަށް ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ކޮންގްރެސް ޕާޓީގެ ބަސް ކިޔާ ބަޔަކު މި ނިޒާމުގެ ތެރެއަށް ގެނައުން ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ހަގީގަތަކަށް ހެދޭނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ބަޔަކު ގެނެސްގެންކަން ރައްޔިތުން ވެސް ގަބޫލުކުރާކަމަށް މެންބަރު ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން ކޮންގްރެސް ޕާޓީއިން ލޯކަލް ކައުންސިލް އިންތިޚާބަށް ވަމުންދާ ތައްޔާރީތައް ހިއްސާކުރައްވައި މެންބަރު ވިދާޅުވީ މީގެ ކުރިން އެއްވެސް ޕާޓީއަކުން ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުނުވާވަރަށް އެ ޕާޓީއިން ލޯކަލް އިންތިޚާބަށް ތައްޔާރުވަމުން ދާކަމަށެވެ. މިގޮތުން ޖަގަހަތައް ތައްޔާރުކުރުމާއި، ކެންޑިޑޭޓުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، އިންތިޚާބަށް ރީ-ރަޖިސްޓްރީކުރުމާއި، ހުރިހާ ރަށެއްގައު ކެމްޕޭން ޓީމުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު