ENGLISH

22 ފެބްރުއަރީ 2026

Advertisement

ބޮޑު ދެ އިންތިހާބު އެއްކޮށްލުމަށް ގިނަ ރައްޔިތުން ތާއީދުކުރޭ: ޝުޖާ

22 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، ފޮޓޯ: ޕީއެންސީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގިނަ ރައްޔިތުން ތާއީދުކުރާ ކަމަށް ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަދި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ނައިބުރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. 

މައްޗަންގޮޅި ދެކުނު ދާއިރާގައި ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޝުޖާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަކީ އެކަމުގައި ސިޔާސީ ބަހުސެއް އޮތް ކަމެއް ނޫންކަމަަށާއި، އެކަމަކީ ވެރިކަމުގެ ބާރު މުށު ދަށަށް ގެނައުމަށް ކުރާ ކަމެއްވެސް ނޫން ކަމަށެވެ. 

އިތުރަށް ޝުޖާ ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އެކުލަވައިލުމުގެ މަރުހަލާގައި ދެ އިންތިހާބު ވަކިން ބޭއްވުމާމެދު މަޝްވަރާކުރެވިފައި ނެތް ކަމަށެވެ. އެގޮތުން ގާނޫނު އަސާސީ ޑްރާފްޓުކުރި ކޮމިޓީގައި އެކަމާމެދު ބަހުސްކުރެވިފައި ނެތްކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ ފުރަތަމަ ގާނޫނުއަސާސީ ފާސްވެގެންއައިއިރު މަޖިލިސް އިންތިހާބު ބާއްވަން ތާވަލުކޮށްފައި އޮތީ ރިޔާސީ އިންތިހާބު ބާއްވާތާ ދެ މަހެއްހައި ދުވަސް ފަހުން ކަމަަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި ދެ މަހެއްހަައި ދުވަހަކީ ސަރުކާރެއްގެ މަސައްކަތް ވަޒަންކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫނެވެ. އެހެންކަމުން މަޖިލިސް އިންތިހާބަކީ، ރައީސަކު އިންތިހާބުކުރުމަށްފަހު އެ ބޭފުޅެއްގެ މަސައްކަތް ވަޒަންކުރުމަށްފަހު ވޯޓު ލާ ގޮތަށް އޮތް އިންތިހާބެއްގެ ގޮތުގައި ބެލެވޭނެ އެއްވެސް އަސާސެއް ނެތް ކަމަށް ޝުޖާ ވިދާޅުވިއެވެ. 

ޝުޖާ އިތުރަށް ވިދާޅުވީ މާލީ ގޮތުން ލިބޭ ލުއިތަކާއި އެހެނިހެން މަންފާތަކަށް ބަލާއިރު ރައްޔިތުންގެ އަޣުލަބިއްޔަތު ދެ އިންތިހާބުކޮށްލުމަށް ތާއީދުކުރާކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަމިއްލަފުޅަށް އެކަމުގައި ގޮތެއް ނުނިންމަވައި ގޮތް ނިންމަވަން ދޫކޮށްލެއްވީ ރައްޔިތުންނަށްކަން ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ އެމްޑީޕީން ތާއީދުކުރާ ގޮތަަށް ކެމްޕެއިންކުރަންވީ ކަމަށެވެ. 

ތަރައްގީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝުޖާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ހަގީގީ މާނާގައި ތަރައްގީގެ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށެވެ. އެ ޕާޓީގެ ވެރިކަން ނިންމައިލީ އެ ސަބަބާހުރެ ކަމަށްވެސް ވިދާޅުވިއެވެ. 

ސަރުކާރުން ގެންނަ ތަރައްގީއަކީ ހަމަައެކަނި ކޮންކުރީޓު ތަރަައްގީ ނޫންކަން ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ، ރައްޔިތުންނާ ގާތުން ގިނަ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، މަސްވެރިންނަށް ދޭންޖެހިފައި ހުރި ފައިސާ ދޫކުރުމާއި ބޮޑުކަންނެލި މިފްކޯއަށް ކިރުވަށް ފެށުން ފަދަ ކަންކަމަކީ ސީދާ ރައީސްގެ ސިޔާސަތުތަކުގެ ތެރެއިން ހޯދުނު ތަރައްގީ ކަމަށެވެ. 

އަދި އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަަތްތަަކަކީވެސް ތަރައްގީގެ މުހިއްމު ބައެއް ކަމުގައި ޝުޖާ ފާހަގަކުރެއްވިއެވެ. ބިދޭސީންގެ މައްސަލަތައް ހައްލުކުރުމާއެކު މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލަތައް ފަދަ ކަންކަން ހައްލުކޮށް އިޖުތިމާއީ ފޭރާން އަލުން އިއާދަކުރުމުގައި ސަރުކާރުން ބޮޑެތި ކާމިޔާބުތަކެއް ހޯދާފައިވާކަމަށް ޝުޖާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު