ENGLISH
22 ފެބްރުއަރީ 2026
ރައީސް ޑރ.މުޢިއްޒު ދައްކުވައިދެއްވަނީ ރައްޔިތުންނާ ގާތުން ވެރިކަން ކުރައްވާ ގޮތް: ނާޒިމް
22 ފެބްރުއަރީ 2026
|
ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންގެ އަރިހަށް ވަޑައިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމުގެ މަސައްކަތްކުރައްވައި ދައްކުވައިދެއްވަމުންދަނީ ރައްޔިތުންނާ ގާތުން ރައްޔިތުން ބައިވެރިކުރައްވައިގެން ވެރިކަންކުރައްވާނެ ގޮތުގެ ނަމޫނާ ކަމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން މިރޭ މައްޗަންގޮޅި މެދު ދާއިރާގައި ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެން އެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ގެތަކަށް ރައީސް ޑރ.މުޢިއްޒުވަނީ ޒިޔާރަތްކުރައްވާފައެވެ.
ރައީސްގެ އަރިހުގައި އެ ހަރަކާތުގައި ބައިވެރިވެވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމުގައި ނާޒިމު ވިިދާޅުވީ ރައީސް ޑރ.މުޢިއްޒަކީ އެމަނިކުފާނުގެ ހުރިހާ މަސައްކަތްޕުޅެއްގައިވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަަވައިގެން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރުވެސް މާލޭ ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެން އެ ހިޔާލުތަކުގެ މައްޗަށް ސިޔާސަތުތައް އެކުލަވަައިލެއްވިކަން ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެން ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވަައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަައި އެކަންކަމުގެ މައްޗަށް އެމަނިކުފާނުގެ ސިޔާސަތުތައް ތަރުތީބުކުރައްވައި އެކުލަވައިލެއްވި ކަމަށެވެ.
އަދި އެގޮތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް އިސްކަންދެއްވަނީ ރައްޔިތުންގެ އަޑުއައްސަވައިގެން ނޫނީ ރައްޔިތުންގެ މުހުތާދުތަކާއި ބޭނުންތައް އެނގިވަޑައިނުގަންނަވާނެކަން ރައީސް ގަބޫލުކުރައްވާތީ ކަމަށް ނާޒިމު ވިދާޅުވިއެވެ.
މާލޭ މޭޔަރުކަމުގައި މާލޭ ރަައްޔިތުންގެ ހިޔާލު ހޯއްދަވައިގެން ރައީސް އެކުލަވައިލެއްވި ތަރައްގީގެ ޕްލޭނު ތަންފީޒުކުރުމުގައި މިހާރުގެ މާލެ ސިޓީގެ މޭޔަރު ފެއިލްވެފައިވާކަން ފާހަގަކުރައްވަަމުން ވަަޒީރު ވިދާޅުވީ މިހާރުގެ މޭޔަރު އެކަމުގައި ފެއިލްވުމުގެ ހަގީގީ ސަބަބަކީ މިސްރާބެއް އަމާޒެއް ނެތް ފިކުރެއްގެ ތެރެއިން މަސައްކަތްކުރެެއްވުން ކަމަށެވެ. ނާޒިމު ވިދާޅުވި ގޮތުގައި މިސްރާބެއް އަމާޒެއް ނެތް ފިކުރެއްގެ ތެރެއިން ހަގީގީ ތަރައްގީއެއް އުފަންނުވާނެއެވެ.
މާލެއަށް ދިމާވެފައިވާ މައިގަނޑު ބޮޑެތި މައްސަލަތައް ކަމުގައިވާ މަގުތަކުގެ ދަތިކަމާއި ގެދޮރުގެ ތަދުކަމާއި ޑްރަގުގެ މައްސަލައާއި ބިދޭސީންގެ މައްސަލަ ފަދަ ހުރިހާ މައްސަލައެއް ހައްލުކުރެއްވުމަށް ރައީސް ސިޔާސަތު އެކުލަވައިލައްވާފައިވާކަން ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ އެ ސިޔާސަތުތައް ތަންފީޒުނުކުރެވުމުގެ ހުރިހާ ގެއްލުމަކާ ކުރިމަތިލާންޖެހެނީ މާލޭ ރައްޔިތުންނަށް ކަމަށެވެ.
ނާޒިމު އިތުރަށް ފާހަގަކުރެއްވީ މާލޭ ސިޓީގެ ރައްޔިތުންގެ ތަކުލީފުތައް ކުޑަކޮށްދެއްވުމަށްޓަކައި މާލޭގެ ބޭރު މަގު ހެއްދެވުމަށް ފެއްޓެވި ބޮޑު މަސައްކަަތްޕުޅުގެ ތެރެއިން މާލޭގެ ބާޒާރު މަތީ މަގުގެ މަސައްކަތް ސަރުކާރުން މިހާރު ނިންމާލާފައިވާކަމެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދުގައި މަސައްކަތްކުރާ މީހުންގެ އިތުރަށް، މާލެ ތެރޭގައި މުނިފޫހިފިލުވުމަށް ދުއްވާލާ މީހުންނަށްވެސް ވަރަށް ބޮޑު ލުއިތަކެއް ލިބިފައިވާ ކަމެވެ.
އަދި އިންތިހާބުގެ ކެމްޕެއިނުގައި މިއަދު ރައީސް މާލޭގެ މައްޗަންގޮޅި މެދު ދާއިރާގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ، އެމަނިކުފާނު ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އެއް ބޮޅުގެ ގޮތުގައި ނާޒިމު ފާހަގަކުރެއްވިއެވެ. އިންތިހާބެއް ނެތް ނަމަވެސް ރައީސް ރައްޔިތުންނާ ބައްދަލުކުރައްވާކަމަށާއި، ނަމަވެސް އިންތިހާބުގެ ތެރޭގައި ބައްދަލުކުރެއްވުމަކީ ސިޔާސަތު އެކުލަވައިލެއްވުމަށް މުހިއްމު ކަމެއް ކަމުގައި ނާޒިމު ވިދާޅުވިއެވެ.
ރައީސަކީ ދުރު ރާސްތާއަށް ޕްލޭނުކުރައްވައިގެން މަސައްކަތްކުރައްވާ ބޭފުޅެއްކަމުގައި ނާޒިމު ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިއަށް އޮތް 20 އަހަރުގެ ތަރައްގީގެ ޕްލޭނު އެކުލަވައިލުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ އެ ޕްލޭނުގައި މާލޭގެ ދައުރު ބޮޑުކަމަށާއި، އެ ސަބަބަށްޓަަކައި މާލޭގެ މައްސަލަތައް ހައްލުވާންޖެހޭ ކަމަށެވެ.
"މާލެއަށްް ހެޔޮ ބަދަލު އަންނަންޖެހޭ. މާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބެންޖެހޭ. އެކަން އެމަނިކުފާނު ރައްޔިތުންނާ ގާތުން އޮޅުންފިލުއްވަމުންގެންދަވަނީ. ރައްޔިތުންނާ ގާތުން ވެރިކަންކުރާ ވެރިންގެ އަމަލު ހުންނަންވާ ގޮތް ރައީސް އެ ދައްކުވައިދެއްވަނީ،" ނާޒިމު ވިދާޅުވިއެވެ.