ENGLISH
25 ފެބްރުއަރީ 2026
ކައުންސިލުތައް ބޭނުންވަނީ ފަށާފައި ހުރި މަސައްކަތްތައް ހަލުއިކޮށް ނިންމަން: އިއްބެ
22 ފެބްރުއަރީ 2026
|
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ)
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބުކޮށް، ސިޓީތަކާއި ރަށްރަށުގެ ކައުންސިލުތައް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީއަށް ހޯދުމަށް ބޭނުންވަނީ ސަރުކާރުން ފަށާފައިވާ ތަރަައްގީގެ މަޝްރޫއުތައް ހަލުއިކޮށް ކުރިއަށް ގެންގޮސް ނިންމުމަަށް ކަމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.
މިއަދު މައްޗަންގޮޅި މެދު ދާއިރާގައި ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މެންބަރު ވިދާޅުވީ މިހާތަނަށް އެއްވެސް ސަރުކާރުން ވެރިކަމުގެ ފުރަތަަމަ ދުވަސްކޮޅު ނުފަށާހައި ގިނަ މަސައްކަތް ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގައި ފަށާފައިވާ ކަމަށެވެ.
އިއްބެ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް ބިން ހިއްކާފައިނުވާ މިންވަރަށް ފާއިތުވި ދެ އަހަރެއްހައ ދިވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވެއެވެ.
"މި ސަރުކާރުގައި މިހާރު ފަށާފައި ހުރި މަސައްކަތްތަކަށް ބަލާއިރު އެއްވެސް ސަރުކާރަކަށް ނުކުރެވޭހައި، އެއްވެސް ރައީސަކަށް ނުކުރެއްވޭ ވަރަށް އެ މަސައްކަތްޕުޅު އެގެންދަވަނީ ކުރައްވަމުން. ދެން ތިޔަ ބޭފުޅުން ވިސްނަވާލައްވާ އަޅުގަނޑުމެންނަށް ކައުންސިލުތައް ދީފިނަމަ އަޅުގަނޑުމެން ކުރިއަށްދާނެ ގޮތް،" އިއްބެ ވިދާޅުވިއެވެ.
އިއްބެ ވިދާޅުވި ގޮތުގައި ކޮންގްރެސް ޕާޓީން ވެރިކަމާ ހަވާލުވިއިރު އިގުތިސާދު އޮތް ދަތިތަކުން ސަލާމަތްކޮށް މިހާރު އިގުތިސާދު ކޮޅަށް ޖަހާފައިވެއެވެ. ހުރިހާ ރަށަކުން ފެންނަމުންދަނީ ބާރު ދުވެލީގައި ރާއްޖެ ތަރައްގީވަމުންދާ މަންޒަރު ކަމުގައިވެސް މެންބަރު ވިދާޅުވިއެވެ.
އިތުރަށް މެންބަރު ވިދާޅުވީ ކޮންގްރެސް ޕާޓީގެ އަޒުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒުކޮށް، އެމަނިކުފާނުގެ ތަސައްވުރު ފުރިހަމައަށް ހަގީގަތަކަށް ހެދުމެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ވަށާޖެހޭ ހަގީގީ ތަރައްގީ ގެނެވޭނީ ރައީސް ޑރ.މުޢިއްޒުގެ ތަސައްވުރު ހަގީގަތަކަށް ހެދުމުންނެވެ.