ENGLISH

25 ފެބްރުއަރީ 2026

Advertisement

ކޮންގްރެސް ކެންޑިޑޭޓުންނާއެކު ރައީސް މައްޗަންގޮޅި މެދަށް، އާއްމުންގެ ބޮޑު ތަރުހީބެއް

22 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރައީސް ޑރ.މުއިއްޒު މައްޗަންގޮޅި ގެއެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ، ފޮޓޯ: ޕީއެންސީ

މާލެ ސިޓީގެ މޭޔަރުކަމަށާއި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލުގެ މެންބަރުކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ކެންޑިޑޭޓުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މައްޗަންގޮޅި ދެކުނު ދާއިރާގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެންފިއެވެ. 

މިއަދު ރައީސްވަނީ މައްޗަންގޮޅި މެދު ދާއިރާއަށް ވަޑައިގެން އެ ސަރަހައްދުގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި އާއިލާތަކާއެކު ވަގުތު ހޭދަކުރައްވާފައެވެ. އަދި ރައީސްވަނީ އެ ސަރަހައްދުގެ އެކި ރައްޔިތުންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ހާލަތު އަޮޅުންފިލުއްވައި، އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. 

ރައީސްގެ އަރިހުގައި ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، އެ ޕާޓީގެ ފަރާތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން އަދި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރުކަމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންފަައިވެއެވެ. 

ރައީސް އެ ސަރަހައްދަށް ވަޑައިގަތުމާއެކު އާއްމުންގެ ގިނަ ބަޔަކުވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޖަމާވެފައެވެ. ރައީސްވަނީ އެ ސަރަހައްދަށް ޖަމާވެ ތިބި އާއްމުންނާ ސަލާންކުރައްވައި އެމީހުންގެ ހާލު އޮޅުންފިލުއްވައި ވާހަކަދެއްކެވެމުގައި ވަގުތު ހޭދަކުރައްވާފައެވެ. 

މީގެ ކުރިން ރައީސްވަނީ ކޮންގްރެސް ޕާޓީގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން މާފަންނު ހުޅަނގުގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެން، ކެންޑިޑޭޓުންނާއެކު އެ ސަރަހައްދުގެ ގެތަކަށް ޒިޔާރަތްކުރައްވައި އާއްމުންނާ ބައްދަލުކުރައްވާފައެވެ. 

ރައީސްގެ މި ހަރަކާތުގައި އާއްމުންގެ އަރިހަށް ގެދޮރަށް ޒިޔާރަތްކުރައްވަައި ބައްދަލުކުރެއްވުމުގެ އިތުރަށް މަގުމަތިން ބަައްދަލުވެވަޑައިގަންނަވާ އާއްމުންގެ ތެރެއިން އެމަނިކުފާނާ ވާހަކަދެއްކުމަށް ބޭނުންވާ އެންމެނަށް ވަގުތު ދެއްވައި ބައްދަލުކުރައްވައި ހިޔާލު ހޯއްދަވައެވެ. 

2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގަތުމުގެ ކުރިން މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރުވެސް ކޮންމެ ހަފުތާއަކުހެން ރައީސް މާލޭގެ އެކި ސަރަހައްދުތަކަށް ވަޑައިގެން އާއްމުންގެ ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު އަޮޅުންފިލުއްވަމުން ގެންދެވިއެވެ. 

އަދި ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރަށް ވަކިވަކިން މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި އެކަންކަން ހައްލުކުރެއްވުމުގެ މަސައްކަތް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ. 

ކުރިއަށް އޮތް ކައުންސިލު އިންތިހާބުގެ ފޯރި ގަދަވަމުންދާއިރު ވެރިކަންކުރާ ކޮންގްރެސް ޕާޓީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިޒާމީ ގޮތެއްގަައި ކެމްޕެއިން ކުރަމުންނެވެ. އެ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ޑރ.މުޢިއްޒު ކެންޑިޑޭޓުންނަށް އިލްތިމާސްކުރައްވާފައިވަނީ ކެމްޕެއިނުގައި ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައިގެން ރައްޔިތުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަށެވެ. 

ރައީސްގެ އިލްތިމާސާ އެއްގޮތަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ގެންދަނީ މާލެއާއި އެހެނިހެން ސިޓީތަކާއި ކުދި ބޮޑު ހުރިހާ ރަށެއްގައި ދޮރުން ދޮރަށް ހިނގައި، ވީހާވެސް ގިނަ ރައްޔިތުންނާ ބައްދަލުކޮށް ތާއީދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. 

ކޮންގްރެސް ޕާޓީގެ ފަރާތުން ކެމްޕޭނުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދާއިރު މިހާރު ވެސް ގިނަ ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ކަށަވަރުވެފައެވެ. އެގޮތުން ކައުންސިލްތަކުގެ 28 ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 41 ގޮނޑިއާއެކު، އިންތިޚާބަކާ ނުލައި ޖުމްލަ 69 ގޮނޑިއަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވަނީ ލިބިފައެވެ. 

ކިޔުންތެރިންގެ ހިޔާލު