ENGLISH

22 ފެބްރުއަރީ 2026

Advertisement

ކުރީގެ ރައީސް ސޯލިހުވެސް ގަބޫލުކުރައްވާ ކައުންސިލުތައް އޮންނަންވާނީ ސަރުކާރާއެކު ކަން: މުބީން

22 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުބީން، ފޮޓޯ: އެމްއެމްޓީވީ

ލޯކަލް ކައުންސިލުތައް އޮންނަންވާނީ ސަރުކާރާއެކުކަން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ގަބޫލުކުރައްވާކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުބީން ވިދާޅުވެއްޖެއެވެ. 

ލޯކަލް ކައުންސިލު އިންތިހާބާ ގުޅިގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ރާއްޖޭގެ މީޑިޔާތަކާ ގުޅިގެން ކުރިއަށްގެންދާ "ދިވެހީންގެ ރާއްޖެ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މުބީނު ވިދާޅުވީ އަދިވެސް ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަނީ ތަސައްރުފު ފުދިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތްކުރާ ގޮތަށް މަސައްކަތްނުކޮށް، އަމިއްލަ ސިޔާސީ މަންފާ ހާސިލުކުރުމަށް ބައެއް ޕާޓީތަކުން މަސައްކަތްކުރާ މަންޒަރު ކަމަަށެވެ. 

މުބީނު ފާހަގަކުރެއްވި ގޮތުގައި އިދިކޮޅު އެމްޑީޕީން އަބަދުވެސް މަސައްކަތްކުރަނީ ރަށު ތަރައްގީއާއި ގައުމީ ކުރިއެރުން އެއް ފަރާތްކުރުމަށްފަހު އެ ޕާޓީގެ އަމިއްލަ ފައިދާ ހާސިލުކުރުމަށެވެ. މިސާލެއްގެ ގޮތުން މުބީން ފާހަގަކުރެއްވީ އެމްޑީޕީ އަޣުލަބިއްޔަތު އޮންނަ ކައުންސިލުތައް މެދުވެރިކޮށް އިންތިހާބާ ދިމާކޮށް ސަރުކާރުން ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅައި ސަރުކާރަށް މަސައްކަތްނުކުރެވޭކަން ދެއްކުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. 

"މިއަދުވެސް ހަގީގަތަކީ ރަށްރަށުގައި އެބަހުރި ރުއްގަހުގެ ބަދަލު ހަމަނުޖެހިގެން ޕޮލިސް ސްޓޭޝަންތަކުގެ އިމާރާތްތައް އަޅަން ނުފެށިފައި. ބިން ހަމަޖައްސައިނުދީގެން ވެމްކޯއިން ކުނީގެ ހިދުމަތް ދޭން ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމުނުކުރެވިފައި،" މުބީނު ވިދާޅުވިއެވެ. 

އެމްޑީ މުބީނު އިތުރަށް ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި އޮންނައިރު އެ ޕާޓީންވެސް ވަކާލާތުކުރަނީ ކައުންސިލުތައް ލިބިގެން ނޫނީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ކަމުގައެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގައި ހުންނަވައިގެން ކައުންސިލުތައް ސަރުކާރަށް ލިބިގެން ނޫނީ ހިދުމަތް ދިނުމަށް އުދަގޫވާނެ ކަމުގައި ވިދާޅުވީ ވީޑިޔޯއާއި އޯޑިޔޯ މިހާރުވެސް މީސްމީޑިޔާގައި ދައުރުވަމުންދާ ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ. 

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވިދާޅުވެފައި އެބައޮތް ކައުންސިލުތައް ލިބިގެންނޭ ތިމަންމަނިކުފާނަށް ފަސޭހައިން ތަރައްގީގެ މަޝްެރޫއުތައް ހިންގޭނީ. އެމަނިކުފާނު އެހެން ވިދާޅުވެފައި ހުރި ވީޑިޔޯ އާއްމުވެގެން އެބަދައުރުވޭ،" މުބީނު ވިދާޅުވިއެވެ. 

މުބީނު ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީ އިދިކޮޅަށް ބަދަލުވުމާއެކު ވާހަކަ ބަދަލުކޮށް ފުރޮޅައިލާ ކަމަށެވެ. ނަމަވެސް އަބަދުވެސް ޕީއެންސީގެ ފިކުރުން ގަބޫލުކުރަމުން އައި ހަގީގަތަކީ ކައުންސިލުތައް އޮންނަންވާނީ ސަރުކާރާ އެއްކޮަށް މަސައްކަތްކުރެވޭނެ ގޮތަށް ކަމަަށް ކަމުގައި މުބީނު ވިދާޅުވިއެވެ. 

އިތުރަށް މުބީނު ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވުމަކީ ގާނޫނުން އަދި އެއްވެސް މަންތިގީ ހަމަައަކުންވެސް ކައުންސިލުތަކާ މަތިވެފައި އޮތް ޒިންމާއެއް ނޫން ކަމަށެވެ. އެއީ ކައުންސިލުތަކުން އަދާކުރަންޖެހޭ ދައުރެއް ނޫންކަން ފާހަަގަކުރައްވައި މުބީނު ވިދާޅުވީ ކައުންސިލުތައް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީކުރުވުމުގެ ވާހަކައަކީ ރައްޔިތުންނަށް އޮޅުވައިލުމަށް އިދިކޮޅު އެމްޑީޕީން ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު