ENGLISH

22 ފެބްރުއަރީ 2026

Advertisement

އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ ފަރާތްތަކަށް ނަގުދު ފައިސާއާއި ކޭޝް ކާޑުން މިހާރު ޒަކާތް ދެއްކޭނެ

22 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ފިޠުރު ޒަކާތް ބަލައިގަތުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްޞަކޮށް، ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފައިވާކަން ރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކޮށްފި އެވެ. 

ޒަކާތު ހައުސް ބުނީ މާލޭގައި، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޤާއިމުކޮށްފައިވާ، ކައުންޓަރުތަކުން މިއަދު ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފައި ވާކަމަށެވެ.

މި ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުތައް:

  • 22 ފެބުރުވަރީން 9 މާރިޗަށް: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު  10:00އިން 13:00އަށް
  • 10 މާރިޗުން 19 މާރިޗަށް: ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު  11:00އިން 14:00އަށް

އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިޠުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާއަށް ގޮސްގެންކަމަށާއި ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުންކުރާނީ އެ ކަމަށް ޓަކައި ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ފިޠުރު ޕޯޓަލް ކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ. 

ފިޠުރު ޕޯޓަލް މެދުވެރިކޮށް، އާންމު ފަރުދުން ކައުންސިލު އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. އަދި ފައިސާ ދައްކައި ނިމުމުން، ފިޠުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސް.އެމް.އެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެ ކަމަށާއި މީގެ އިތުރުން، ޞަދަޤާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން މިއަދު ފެށި ނަމަވެސް، މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފައެވެ. އެގޮތުން ޖުމްލަ ހަތް އޮންލައިން ޕްލެޓްފޯމަކުން މި އަހަރުގެ ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

މި ފަހަރު އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ 7 ޕްލެޓްފޯމަކީ:

  • ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް
  • އުރީދޫ، އެމް ފައިސާ މޯބައިލް އެޕް
  • މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
  • ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
  • ފަހިޕޭ މޯބައިލް އެޕް
  • އަވަސް މޯބައިލް އެޕް
  • ބަނޑޭރި ޕޭ ވެބްސައިޓް

މީގެ ތެރެއިން ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ.

މި ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ޢަދަދުތައް:

  • އާދައިގެ ހަނޑޫ: 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
  • ރަތް ހަނޑޫ: 96 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
  • އާދައިގެ ފުށް: 10 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ

ޒަކާތުގެ ޚިދުމަތްތަކަކީ ބޭނުންކުރަން ފަސޭހަ އަދި އެންމެންނަށް ބައިވެރިވެވޭ ޚިދުމަތްތަކަކަށް ހެދުމަށާއި، ޒަކާތުގެ ފައިސާ ވަގުތުން ބަލައިގަނެ، ޒަކާތުގެ ބެހެނިވެރީންނަށް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ޒަކާތު ހައުސްއިން ދަނީ އައު އީޖާދީ ޙައްލުތަކާއި އިސްތިރާޖީ ގުޅުންތައް ޤާއިމުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު