ENGLISH
22 ފެބްރުއަރީ 2026
ވައުދުފުޅާ އެއްގޮތަށް 14 ރަށެއްގައި ޕާކު ތަރައްގީ ކުރުމަށް ބޭނުންވާ ޕާކު ސެޓުތައް ފޮނުވަން ފަށައިފި
22 ފެބްރުއަރީ 2026
|
ރަށްރަށަށް ޕާކު ސެޓުތައް ފޮނުވުމުގެ ތެރެއިން. ފޮޓޯ؛ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް 14 ރަށެއްގައި ޕާކް ގާއިމުކުރުމަށް ބޭނުންވާ ޕާކު ސެޓްތައް އެ ރަށްރަށަށް ފޮނުވަން ފަށާފައިވާކަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު ތެރޭގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި، އެ މަނިކުފާނަށް މަރުޙަބާ ދެންނެވުމަށްޓަކައި ނުކުތް ކުޑަކުދިންގެ ތެރެއިން ބައެއް ކުދިން އެ ކުދިން ކުޅެލާނެ ޕާކެއް ނެތިގެން އެ ވާހަކަ ރައީސުލްޖޫމްހޫރިއްޔާއަށް ދެންނެވުމާ ގުޅިގެން، ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި 2026 ވަނަ އަހަރު ނިމުމުގެ ކުރިން ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރެއްވުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. މި ގޮތުން، 57 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމަށް ހަމަޖައްސަވާފައި ވާކަމަށް ވުޒާާރާއިން މައުލޫމާތު ދެއެވެ.
ކުޑަކުދިންގެ ޕާކު ތަރައްްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެންނެވެ. އެ ކުންފުނިތަކުގެ ތެރޭގައި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ހިމެނެއެވެ.
ވުޒާރާއިން ބުނީ މި ފަހަރު ޕާކު ސެޓްތައް ފޮނުވާފައިވަނީ އާރްޑީސީއާ ހަވާލުކޮށްފައިވާ ދެ ރަށަކަށާއި، ފެނަކައާއި ހަވާލުކޮށްފައިވާ ހަ ރަށާކަށާއި އަދި އެސްޓީއޯގެ ސީއެސްއާރުގެ ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ދެ ރަށެއްގެ އިތުރުން އެމްޓީސީސީން ކުރިއަށް ގެންދާ ހަތަރު ރަށަކަށް ކަމަށެވެ.
ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 12 ރަށެއްގައި ޕާކް ތަރައްގީކުރުމުގެ މަސައްކަތް ތިން އެސްއޯއީއަކާއެކު 29 މާޗް 2025 ގައި ސޮއިކުރެވިފައިވާއިރު، ދެވަނަ ފިޔަވަހީގައި 40 ރަށުގެ އިތުރުން 30 ރަށެއްގެ ޕާކު ހެދުމުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި 10 ނޮވެމްބަރު 2025 ސޮއިކޮށްފައިވާކަމަށް ވުޒާރާއިން ބުނެއެވެ.
ވުޒާރާއިން ބުނީ ބާކީ އަށް ރަށަކީ ހަމައެކަނި ޕާކް ސެޓް ބޭނުންވާ ރަށްތައް ކަމަށެވެ.
މީގެ ކުރިން ކުޑަކުދިންގެ ޕާކުތައް ތަރައްޤީކުރުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައިވަނީ ކުރީ ސަރުކާރުގެ މިނިސްޓްރީ އޮފް ޔޫތް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުގެ ބެލުމުގެ ދަށުންނެވެ. ވެރިކަން ބަދަލުވުމާއި އެކު ސަރުކާރުގެ ވުޒާރާތަކަށް ބަދަލުގެނެސް ރަށްރަށުގައި ހުންނަ މިފަދަ ބައެއް މަޝްރޫއުތައް ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށްފަ އެވެ.