ENGLISH

22 ފެބްރުއަރީ 2026

Advertisement

އާޒިމް ތަންފީޒުކުރަމުން ދަނީ ރައީސް މުއިއްޒު ތައްޔާރުކުރި ލޭންޑްޔޫސް ޕްލޭން: އައިފާން

22 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އައިފާން. ފޮޓޯ؛އެމްއެމްޓީވީ

އިދިކޮޅު މޭޔަރު އާދަމް އާޒިމް މިއަދު ވެސް ތަންފީޒުކުރައްވަމުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ތައްޔާރުކުރި ލޭންޑް ޔޫސް ޕްލޭންކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ. 

އައިފާން މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީން ރާއްޖޭގެ މީޑިއާތަކުގެ ޒަރީއާއިން ކުރިއަށްގެންދާ ކެމްޕެއިން ޕްރޮގުރާމް "ދިވެހީންގެ ރާއްޖެ" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނެވެ.

އައިފާނު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ކައުންސިލަކުން ތައްޔާރުކުރި އެންމެ ފުރިހަމަ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި އެމަނިކުފާނު ކަމަށެވެ. 

އެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްފައިވަނީ ގިނަ އަދަދެއްގެ ރައްޔިތުންނާ މަޝްވަރާކޮށް އެބޭފުޅުންގެ ހިޔާލު ހޯދައިގެން ކަމަށް އައިފާން ވިދާޅުވި އެވެ. 

"މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކޮށް، އިސްރައްވެހިންނާއި، ކަނބަލުންނާއި، އެންޖީއޯސްތަކާ ބައްދަލުކޮށް އެބޭފުޅުންގެ ހިޔާލާއި މަޝްވަރާގެ މައތިން ތައްޔާރުކުރި ފުރިހަމަ ލޭންދް ޔޫސް ޕްލޭނެއް އެއީ. މިއަދުވެސް ތަންފީޒު ކުރަނީ އެ ޕްލޭންގައިވާ ކަންކަން. އާދަމް އާޒިމް ނުވަތަ އެމްޑީޕީން ކުރި އެއްކަމެއް ވެސް ނޯންނާނެ. " - ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން

އާޒިމްއަށް މިކަން ދޮގު ނުކުރެވޭނެކަމަށާއި އަދި ކިތަންމެ ވަރަކަށް ހަގީގަތް އޮޅުވާލަން އުޅުނަސް އެކަން ގާބުލުކުރާނެ ދިވެހި ރައްޔިތަކު ވެސް ނެތް ކަމަށް އައިފާން ވިދާޅުވިއެވެ. އައިފާން ވިދާޅުވީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެވޭނެ ވެރިޔަކީ ރައީސް މުއިއްޒުކަން އެ ރައްޔިތުން ވެސް މިއަދު ގަބޫލުކުރައްވާ ކަމަށެވެ. 

އާޒިމް ތަންފީޒުކުރަމުން ދަނީ ރައީސް މުއިއްޒު ތައްޔާރުކުރި ލޭންޑްޔޫސް ޕްލޭންކަމަށް އައިފާން ވިދާޅުވިއިރު  ގިނަ އަހަރުތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީކޮށް ހުޅުވުމުގެ މަސައްކަތް ކުރީ މިހާރުގެ މޭޔަރުކަމަށް ދޭހަވާފަދަ މޭރުމަކުން އިދިކޮޅު ފަރާތްތަކުން އަންނަނީ ވާހަކަ ފަތުރަމުން ނެވެ. 

އެހެންނަމަވެސް މި މަސައްކަތަކީ ވެސް މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް ހޮވުނު ޕީއެންސީގެ މެމްބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި މަސައްކަތެއް ކަމަށް އޭރު އެ މަނިކުފާނާއެކު މަސައްކަތްކުރެއްވި ކައުންސިލަރުން އަންނަނީ ބުނަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު