ENGLISH

23 ފެބްރުއަރީ 2026

Advertisement

ތާރީހީ ރެކޯޑެއް؛ ރަސްމީ ރިޒާވް އެއް ބިލިއަނުން މައްޗަށް، ބޭނުންކުރެވޭ ގޮތަށް 301 މިލިއަން ޑޮލަރު

22 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

މަރުކަޒީ ބޭންކުގެ ހިދުމަތްތައް ކުރިއެރުވުމާ ގުޅޭ އިސްތިރާޖިއްޔާ ރައީސް އިފުތިތާހުކޮށްދެއްވަނީ

މި އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވްގައި އެއް ބިލިއަނަށްވުރެ ގިނަ ޑޮލަރު ހުރިކަމަށާއި، އޭގެ ތެރެއިން 300 މިލިއަން ޑޮލަރު ހުރީ ބޭނުންކުރެވޭ ގޮތަށްކަން މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތަކުން ދައްކަައިފިއެވެ. 

އެމްއެމްއޭއިން މަހަކު އެއްފަހަރު އާއްމުކުރާ ރިޒާވްގެ ހިސާބުތައް ދައްކާ ގޮތުން ޖަނަވަރީ މަހުގެ ނިޔަލަަށް ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި އެއް ބިލިއަނަށްވުރެ ގިނަ ޑޮލަރު ހުއްޓެވެ. މިއީ ރާއްޖޭގެ ތާރީހުގައި ރަސްމީ ރިޒާވް އެސެޓުތައް އެއް ބިލިއަނަށް އެރި ފުރަތަމަަ ފަހަރެވެ. 

ރަސްމީ ރިޒާވް އެސެޓުގެ އިތުރަށް މަރުކަޒީ ބޭންކުން ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި ބޭރު ފައިސާގެ އަދަދު 115.2 މިލިއަން ޑޮލަރަށް އަރައެވެ. މި ފައިސާއަކީ ބޭނުންޖެހިއްޖެ ހާލަތެއްގައި މަރުކަޒީ ބޭންކަށް ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާއަށްވާތީ ރަސްމީ ރިޒާވް އެސެޓް ގުނަނީ މިފައިސާ ހިމަނައިގެންނެވެ. 

މި ފައިސާ ހިމެނުމުން ޖުމްލަ ރިޒާވް 1.1 ބިލިއަނަށްވުރެ އިތުރުވެއެވެ. ޖުމްލަ ރިޒަވް 1.1 ބިލިއަން ޑޮލަރަށްވުރެ މަތިވެފައިވާއިރު، ކުރު މުއްދަތުގައި މަރުކަޒީ ބޭންކުން އަދާކުރަންޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތައް އަރަނީ 839.9 މިލިއަން ޑޮލަރަށެވެ. 

ރިޒާވްގައި ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާ ނުވަތަ ޔޫޒަބަލް ރިޒާވް ހިސާބުކުރަނީ ޖުމްލަ ރިޒާވްކަމުގައިވާ ރަސްމީ ރިޒާވް އެސެޓުތަކާއި ބޭންކުތަކުގައި މަރުކަޒީ ބޭންކުން އިންވެސްޓުކޮށްފައި ހުންނަ ބޭރު ފައިސާ އެއްކޮށްލުމަށްފަހު އެ އަދަދުން ކުރު މުއްދަތުގައި މަރުކަޒީ ބޭންކުން އަދާކުރަންޖެހޭ އިލްތިޒާމުތައް އުނިކޮށްގެންނެވެ. 

މިގޮތަށް ހިސާބުކުރުމުން ބޭނުންކުރެވޭ ރިޒާވްގައި ޖަނަވަރީ މަހުގެ ނިޔަލަށް 301 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ރައްކާކުރެވިފައި ހުއްޓެވެ. މިއީ ކޮވިޑް-19ގެ އާލަމީ ވަބާއަށްފަހު ރާއްޖޭގެ ޔޫޒަބަލް ރިޒަވް ނުވަތަ ބޭނުންކުރެވޭ ރިޒާވް އެންމެ މަތިވި މިންވަރެވެ. 

ރިޒާވްގައި ރައްކާކުރެވިފައި ހުރި ފައިސާގެ ޖުމްލަ އަދަދާއި، ބޭނުންކުރެވޭ ގޮތަށް ހުރި ބޭރު ފައިސާގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވީ ފާއިތުވި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އަމަލުކުރަމުންދާ ބޭރު ފައިސާގެ ގާނޫނުގެ ތެރެއިން މަރުކަޒީ ބޭންކަށް ބޭންކުތައް މެދުވެރިކޮށް ބޭރު ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހުމުންނެވެ. 

ރިޒާވްގެ އިތުރަށް ދައުލަތުގެ ދަރަނި އަދާކުރުމަށް އުފެއްދި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ރައްކާކުރެވިފައި ހުރި ބޭރު ފައިސާގެ އަދަދުވެސް ފާއިތުވި ދެ އަހަރު ތެރޭ ވަަރަށް ބޮޑަށް އިތުރުވެ، މި އަހަރު ރާއްޖެއިން އަދާކުރަންޖެހޭ ބޭރުގެ ދަރަނީގެ ބޮޑު ބައެއް އެ ފަންޑުގައި ރައްކާކޮށްފައި ހުރި ފައިސާއިން އަދާކުރެވޭ މިންވަރަށް ފައިސާވަނީ ޖަމާވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު