ENGLISH
23 ފެބްރުއަރީ 2026
ކައުންސިލް އިންތިޚާބަށް ރީ-ރަޖިސްޓްރީވުމުގެ ފަހު ފުރުޞަތު މިއަދު 3:00 އާ ހަމައަށް
22 ފެބްރުއަރީ 2026
|
ވޯޓުލުމުގެ ހަރަކާތެއްގެ ތެރެއިން. ރީ-ރަޖިސްޓްރީވުމުގެ ފަހު ފުރުސަތު މިއަދު ބަންދުވާނެ. ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އެންމެ މަޤްބޫލު
ކުރިއަށް އޮތް އިންތިޚާބަށް ރީ-ރަޖިސްޓްރީވާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތު މިއަދު މެންދުރު ފަހު 3 އަށް ހަމަވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށެވެ. އެހެންނަމަވެސް، އެ އިންތިޚާބު އޮންނަ ދުވަހު، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުން ދެކޭގޮތުގެ ވޯޓެއް ނެގުމަށް ނިންމާފައިވާތީ، ރީ-ރަޖިސްޓްރޭޝަން މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކުރީއެވެ.
ރީ-ރަޖިސްޓްރޭޝަނުގެ ދެވަނަ ފުރުޞަތު އެ ކޮމިޝަނުން ހުޅުވާލީ ފެބްރުވަރީ 18 ވަނަ ދުވަހު އެވެ. އެ ފުރުޞަތު ބަންދުވާނީ މިއަދު 3 ގަ އެވެ.
ކޮމިޝަނުން ބުނީ މި މުއްދަތުގައި ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތައް އެކަނިކަމަށެވެ.
ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހެޅޭނީ އިލެކްޝަންސް ކޮމިޝަނުގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިން ކޮށެވެ.
ކޮމިޝަނުން ބުނީ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ލައިވް ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށެވެ.
'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ ކަމަށް ކޮމިޝަނުން މައުލޫމާތުދެއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އަށް ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ ނިންމަވާފައެވެ.
މި ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ސުވާލެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކަނޑައަޅައިފައިވާ ތާރީހަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާ އަންނަ އެޕްރީލު މަހުގެ ހަތަރެއް ވާ ހޮނިހިރު ދުވަހެވެ.