ENGLISH
23 ފެބްރުއަރީ 2026
ގައުމުގެ ކަންކަން ގޯސްވީ އެމްޑީޕީއަށް މެޖޯރިޓީ ދިނުމުން: ސައީދު
22 ފެބްރުއަރީ 2026
|
އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު. ފޮޓޯ؛އެމްއެމްޓީވީ
އެންމެ މަޤްބޫލު
މިހާހިސާބަށް އައިއިރު ގައުމުގެ ކަންކަން ގޯސްވެފައި ހުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް މެޖޯރިޓީ ދިނުމުގެ ސަބަބުން ކަމަށް އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީން ރާއްޖޭގެ މީޑިއާތަކުގެ ޒަރީއާއިން ކުރިއަށްގެންދާ ކެމްޕެއިން ޕްރޮގުރާމް "ދިވެހީންގެ ރާއްޖެ" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނެވެ.
ސަރުކާރު ޖަވާބުދާރީކުރުވުމަށް ކައުންސިލުތަކުގެ މެޖޯރިޓީ ބޭނުންވާކަމަށް ބުނެ އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި ވަޒީރު ވިދާޅުވީ ޑިމޮކްރަސީއެއްގައި ޒިންމާދާރު ހަރުދަނާ އިދިކޮޅު ޕާޓީއެއް އޮތުން މުހިންމު ކަމަށާއި ނަމަވެސް އެމްޑީޕީއަށް ސަރުކާރު ޒިންމާދާރު ނުކުރެވެނީ މެޖޯރިޓީ ނެތިގެން ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ލީޑަރޝިޕްގައި ހިންގުމުގެ ބޮޑެތި މައްސަލަތަކެއް އުޅޭކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ގައުމުގެ ހާލަތު ވަރަށް ދަށްކަން ފާހަގަކުރައްވައި ވަޒީރު ވަނީ ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަންކަން ކުރައްވަނީ ގައުމަށް މި ދަނޑިވަޅަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. ގައުމުގެ މާލީ ހާލަތު 2024 ވަނަ އަހަރު އޮތް ގޮތާއި މިއަދު އޮތް ގޮތާއި އަޅާކިޔާލައިފިނަމަ ރައީސްއަކީ ނަތީޖާ ނެރެދެެއްވާ ވެރިޔަކު ކަމާއިމެދަކު ރައްޔިތުން ޝައްކު ނުކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ މާލީ ހާލަތުން ސަލާމަތްވެ ރައީސްގެ ވައުދުފުޅުތައް ފުއްދުމަށް ކުރަމުންދާ މަސަައްކަތްތަކުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ސަރުކާރަށް ވަރަށް މުހިންމު ކަމަށެވެ.
ސަރުކާރަށް ކައުންސިލް އިންތިހާބު ލިބިއްޖެނަމަ ލާމަރުކަޒީ ނިޒާމު ފުނޑާލާނެކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި ވަޒީރު ވިދާޅުވީ އެމްޑީޕީއަކީ "ދިވެހި އިގްތިސާދު ދޮލަނގަކަށް ލައިގެން ވިއްކަން ނިކުތް ބައެއް" ކަމަށެވެ.
"ސުވާލަކީ މެޖޯރިޓީ ކޮންބަޔަކަށް ދިނީމަތޯ ކަންކަން ގޯސްކުރަނީ. ސާދާ ޖަވާބަކީ މެޖޯރިޓީ އެމްޑީޕީއަށް ދިނީމައޭ ކަންކަން ގޯސްވެފައި ހުރީ. މިސާލަކަށް އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ރާއްޖޭގައި މި ހިމެނެނީ ބޯހިޔާވަހިކަން. މިކަން ހައްލުކުރުމަށް އެމްޑީޕީގެ ފަސް އަހަރު ކުރި މަސައްކަތާއި މި ސަރުކާރުގެ ދެ އަހަރު ކުރި މަސައްކަތާ އަޅާކިޔާލީމަ އެނގޭނެ. ބޯހިޔާވަހިކަން ހައްލުކުރަން އެމްޑީޕީން މާލެ ސަރަހައްދުގައި ވެފައިހުރީ ހުސް ހިޔާލީ ވައުދުތައް. ގޯތި ދީފައި ހުރީ ކަނޑުން. އެއަށް ސެޓިފިކެޓްތަކެއް ދީފައި. އެހާލަތުގައި އަދި ގައުމު ބަނގުރޫޓު ކޮށްލާފައި. ދެ އަހަރަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަޅުތައް ހިއްކާ މި ކަންކަން ހަގީގަތަކަށް ހައްދަވައިދެއްވަނީ ރައީސް މުއިއްޒު." - އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު
ސައީދު ވިދާޅުވީ މިކަންކަމަށް ބަލާލިނަމަވެސް ޕީއެންސީއަށް މެޖޯރިޓީ ދިނުމުން އަބަދުވެސް މަސައްކަތްކުރަނީ ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުވަންކަން އެނގިގެންދާނެ ކަމަށެވެ.